ހަބަރު

މިމަހު 29 ގައި ގެސްޓް ހައުސްތަކަށް ސިމްޕޯސިއަމްއެއް ބާއްވަނީ

ރާއްޖޭގެ ހުރިޙާ ގެސްޓް ހައުސް ވިޔަފާރިތަކަށް އަމާޒުކޮށް މިމަހު 29 ގައި ސިމްޕޯސިއަމްއެއް ބާއްވަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ގެސްޓް ހައުސް ސިމްޕޯސިއަށް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގައި ހިމެނޭ ކަމެކެވެ.

އއ. ރަސްދޫގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ނިންމާފައިވަނީ ރާއްޖޭގެ ރެޖިސްޓާޑް ހުރިހާ ގެސްޓްހައުސް ތަކަކަށް ދައުވަތު ދީގެން ރައީސް ސޯލިހް ވައުދުވެވަޑައިގެންފައިވާ ގޮތަށް މިމަހުގެ 29 ވަނަ ދުވަހު މިއަހަރުގެ ގެސްޓް ހައުސް ސިމްޕޯސިއަށް ބޭއްވުމަށް ކަމަށެވެ.

މި ސިމްޕޯސިއަށްގެ ބޭނުމަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމަށް ނުވަތަ ރަށްރަށުގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކަށް ދިމާވާ ކަންކަން، އެކަންކަން ދެނެގަނެ އެންމެންގެ ހިޔާލާ މަޝްވަރާ ލިބިގަނެ އެކަންކަމަށް މައުނަވީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ބާއްވާ ސިމްޕޯސިއަމް އެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ގެސްޓް ހައުސް ތަކަށް ސިމްޕޯސިއަމްގައި ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށެވެ. އަދި ސިމްޕޯސިއަމްއާ ގުޅޭ މައުލޫމާތުތައް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ސިމްޕޯސިއަމް ތެރޭގައި ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަމުގައިވާ ރާއްޖޭގެ ތަންތަން ޑެސްޓިނޭޝަން ތަކެއްގެ ގޮތުގައި މާކެޓް ކުރުމަށްޓަކައި އަޅުގަނޑުމެންގެ ބްރޭންޑިންގެ ނަމުގައި މަސައްކަތް ކުރުމުގައި ގެސްޓްހައުސްތަކުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ ހިޔާލު ހޯދުން، އޭގެ މަސައްކަތު ކަރުދާސްތަކަށް ހިޔާލު ހޯދުން އޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސިމްޕޯސިއަމްގައި ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކުގެ ހިޔާލު ހޯދައި މިދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަންމުގެ ހިޔާލު ހޯދުން އޮންނާނެ ކަމަށާއި ގެސްޓްހައުސް ވިޔަފާރިތަކުން މުޖުތަމައަށް ކުރާ ފައިދާތައް ދެނެގަނެ، އެފައިދާތައް އިތުރަށް ފުޅާކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވޭނެ ކަމަށެވެ.

"ހަމައެކަނި ސަރުކާރުން މަސައްކަތު ކަރުދާސް ގެނައުމުގެ އިތުރުން މި ސިމްޕޯސިއަމްގައި ބައިވެރިވާ ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށް، އެފަރާތްތަކުގެ ކަރުދާސްތައް ސަރުކާރާ ހިއްސާކޮށް އަދި އެފަރާތްތަކުގެ އަޑުތަކާއި ހިޔާލުތަކަށް މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ހުރިހާ ސްޓޭކް ހޯލްޑަރުންނަށް އަމާޒުކޮށް ސިމްޕޯސިއަމްއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ، އެކަމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގައި ނުހިމެނޭ ކަމެއް ނަމަވެސް އެކަން ވަރަށް އަވަހަށް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ސިމްޕޯސިއަމް އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު ދަރުބާރުގޭގައި އެވެ. އެ ސިމްޕޯސިއަމްގައި ބައިވެރިވުމަށް ރެޖިސްޓާޑް ހުރިހާ ގުސްޓް ހައުސްތަކަށް ވަނީ ހުޅުވާލާފަ އެވެ.