އިމްރާން އަބްދުﷲ

ކޮންމެ މީހަކަށް ވިޔަސް ތުހުމަތުތަކަށް ޖަވާބު ދިނުން ނޫން ގޮތެއް ނެތް: ހޯމް މިނިސްޓަރު

ގާނޫނުގެ ބާރު އެންމެންނަށް ވެސް ހިނގާނެ ކަމަށާއި އެ މީހަކާ މެދު ކުރެވޭ ތުހުމަތުތަކަށް ފުރިހަމަޔަށް ޖަވާބު ދާރީވާން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބަދުﷲ ޔަމީން މިއަދު ފުލުސް އޮފީހަށް ވަޑައިގަތުމާ ދިމާކޮށް، އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދުން މިއަދު ވަރަށް މުހިންމު ކަމަށެވެ. އަދި ރައްޔިތުންގެ މާލިއްޔަތުން ނުހައްގުން ގެއްލިފައިވާ މުއްސަދިކަން އަނބުރާ ހޯދުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

"ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާނެ. ގާނޫނުގެ ބާރު އެންމެންގެ މައްޗަށް ހިނގާނެ. ތުހުމަތުތަކަށް ޖަވާބުދާރީވާން ޖެހޭނެ،" ރައީސް ޔާމީންގެ ސަރުކާރުން މީގެ ކުރިން ޖަލަށްލި އިމްރާން ވިދާޅުވި އެވެ. ނަމަވެސް އޭނާގެ މައްޗަށް އިއްވި ޓެރަރިޒަމްގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލް ވެސް ކޮށްފަ އެވެ.

ކުރީގެ ރައީސް ޔާމީން ފުލުުސް އޮފީހަށް ހާޒިރުކުރީ މިއަދު މެންދުރު 2:00 އަށެވެ. އެމަނިކުފާނު ފުލުސް އޮފީހަށް ގެންދިޔައީ ކެމްޕޭނަށް ލިބިވަޑައިގަތް ފައިސާތަކުގެ މައްސަލައިގައި ސުވާލު ކުރުމަށެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ހިނގާފައި ފުލުހުންގެ އިދާރާއަށް ވަޑައިގަންނަވަން އުޅުނު ނަމަވެސް، އެމްޑީޕީގެ މުޒާހަރާޔާ ހެދި ހިންގަވާފައި ފުލުހަށް ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.