ރައީސް މުހައްމަދު ނަޝީދު

ދިވެހިންގެ ސަލާމަތާ އެންމެ ބޮޑަށް ގުޅިފައިވަނީ އިންޑިއާ: ނަޝީދު

ރާއްޖޭގެ ތަރައްގީ އާއި ރައްކާތެރިކަމާ އެންމެ ބޮޑަށް ގުޅިފައިވާ ގައުމަކީ އިންޑިއާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ރާއްޖޭގެ ތަރައްގީއާއި، ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން އެންނެ ބޮނޑަށް ގުޅިފައިވަނީ އިންޑިއާޔާ،" ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާޔަށް ފުރާވަޑައިގަތުމުގެ ކުރިން އެެއާޕޯޓްގައި ބައްދަލު ކުރައްވައިފަ އެވެ. ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ ރައީސް ސޯލިހުގެ މިދަތުރުފުޅަކީ ދިވެހިންނަށް އިތުރު ކާމިޔާބީތަކެއް ލިބިގެންދާނެ ދަަތުރުފުޅެއްކަމަށެވެ.

ރައީސް ސޯލިހުގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިއަދު ފުރާވަޑައިގެންނެވިއުރު އަރިހުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރާއި އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލްމް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. ރައީސް ކަމުގެ ހުވާ ކުރުމަށްފަހު ރައީސް ސޯލިހު ބޭރު ގައުމަކަށް ދަތުރު ކުރައްވާ މިއީ ފުރަތަމަ ފަހަރެވެ.

މިދަތުރާ ބެހޭގޮތުން ވާހަކަފުޅު ދައްކަަމުން ރައީސް ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު ވިސާގެ ލުއިތަކެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް އަސްކަރިއްޔާއާ ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރައްވާ ކަމަށެވެ.

ވިސާގެ އެއްބަސްވަމާ ބެހޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރަން އުފެދިގެން ދާނެ އާ ދޮރެއް ކަމަށެވެ. މީގެ އިތުރުން ޝާހިދު ވިދާޅުވީ، ވިޔަފާރި އިންވެސްޓްމަންޓްތަކުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ވެސް ރައީސް މަޝްވަރާ ކުރައްވާނެ އެވެ. އެގޮތުން ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އިންޑިއާގެ އެހީތެރިކަން ހޯދުމާއި ބަޖެޓް ސަޕޯޓަށް ވީހާ ވެސް ކުޑަ އިންޓަރެސްޓް ރޭޓްގައި މާލީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.