ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެ ކެނޑިޑޭޓުން ކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިންތިހާބުގައި ހަރަދު ކޮށްފައިވަނީ ގާތްގަނޑަކަށް އެއްވަރަކަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ގާނޫނުގައި ބުނާ ގޮތުން އިންތިހާބު ބާއްވާ ނިމެތާ 60 ދުވަހުގެ ތެރޭގައި ކެނޑިޑޭޓުން އިންތިހާބަށް ހަރަދުކުރި މިންވަރު ހާމަކޮށްދޭ މާލީ ބަޔާން އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ އެވެ.
ބާޖަމާލުއްދީންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ، އިންތިހާބުގައި ބައިވެރިވި ދެ ކެނޑިޑޭޓުން ވެސް ގާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، ދެބޭފުޅުން ވެސް ހުށަހަޅުއްވާފައިވާ މާލީ ބަޔާންތައް ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުުރިއަށްދާ ކަމަށެވެ. އަދި ދެ ބޭފުޅުންގެ މަންދޫބުންނާއި އޮޑިޓަރުންގެ ފަރާތުން ސާފުކުރަންޖެހޭ މައުލޫމާތު އެބަހުރި ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު މިހަފްތާ ތެރޭގައި ސާފު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
"ވަކި އަދަދެއް މިހާރު ދަންނަވާލެވެންނެތް ސަބަބަކީ އަޅުގަނޑުމެން ދިރާސާ ކުރަމުންދާތީވެ، އެކަމަކު މާކަ ތަފާތު ބޮޑު ދެ އަދަދެއް ނޫން، ދާދި ހަމަހަމަ އަދަދެއް ދެ ކެނޑިޑޭޓުންވެސް ހަރަދު ކުރައްވާފައިވާ ކަމަށް އެބޭފުޅުންގެ މާލީ ބަޔާންތަކުން އަޅުގަނޑުމެންނަށް ފެންނަން އޮތީ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، ދެބޭފުޅުންގެ ވެސް އޮޑިޓް ރިޕޯޓްތައް ދިރާސާ ކުރެއްވުމަށްފަހު ގާނޫނުގައިވާ ގޮތުގެ މަތީން މާލީ ބަޔާންތައް އާންމު ކުރެވިގެންދާނެ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، އެ އެކައުންޓަށް ފައިސާ ވަދެފައިވަނީ ކޮން ގޮތަކަށް ކަމަށާއި ނުވަތަ އެފައިސާއަކީ ސައްހަ ފައިސާކަމަށް ބެލުމަކީ އެކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. ހަމައެކަނި ތަހުގީގު ކުރެވޭނީ އެއެކައުންޓްތައް އޮޑިޓްކޮށް ހުށަހަޅާފައިވާ ރިޕޯޓްކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގާނޫނުގައިވާ ގޮތުގެ މަތީން ކޮންމެ ކެނޑިޑޭޓަކުވެސް އެކެނޑިޑޭޓަކު އިންތިހާބަށް ހަރަދު ކުރުމަށްޓަކައި ވަކި އެކައުންޓެއް ކަނޑައަޅައި އެއެކައުންޓަށް ފައިސާ ޖަމާ ކުރަން އޮންނަ ކަމަށާއި ނަމަވެސް ދެ ކެނޑިޑޭޓުންކުރެ އެއްވެސް ކެނޑިޑޭޓެއް ވަކި އެކައުންޓެއް ކަނޑައަޅައި އެކަން ރަސްމީ ލިޔުމަކުން އެކޮމިޝަނަށް އަންގާފައިނުވާ ކަން، ޝަރީފް މިއަދު ހާމަކުރެއްވި އެވެ.
ނަމަވެސް މާލީ ބަޔާން ހުށަހެޅި އޮޑިޓް ރިޕޯޓްގައި ދެފަރާތުންވެސް ކެމްޕޭނަށް ބޭނުން ކުރެއްވި އެކައުންޓް ނަމްބަރު ހިމަނުއްވާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން މިހާރު ތަހުގީގު ކުރަމުން ގެންދާ ރައީސް ޔާމީންގެ މައްސަލާގައި ފްރީޒް ކޮށްފައިވަނީ އެއެކައުންޓްގައި ހިމެނޭ ފައިސާ ކަމެއް ނުވަތަ ނޫންކަމެއް ސާފުނުވާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ރައީސް ޔާމީން ފުލުހަށް އޮފީހަށް އިއްޔެ ހާޒިރުކޮށް ސުވާލުކުރުމަށްފަހު ނެރުނު ނޫސް ބަޔާނުގައި ފުލުހުން ބުނީ، މިހާތަނަށް ހިފަހައްޓާފައިވާ ރައީސް ޔާމީންގެ އެކައުންޓްތަކުން އެމަނިކުފާނުގެ ވެރިކަމުގައި ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތްކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ މައްސަލާގެ ތަހުގީގަށް އެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ފްރީޒްކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެންނެވުމަށްފަހު ރައީސް ޔާމީން ވިދާޅުވެފައިވަނީ ފުލުހުން އޮޅުން ފިލުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް ލިބުނު ފައިސާ އެމަނިކުފާނުގެ ނަމުގައި ހުރި އެކައުންޓަކަށް ޖަމާވެފައި ވާތީ، ދެ ޓްރާންސެކްޝަނަކާ ގުޅޭ ގޮތުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެ ކައުންޓަކީ އެމަނިކުފާނު މިދިޔަ ދެ ރިޔާސީ އިންތިހާބުގައި ވެސް ކެމްޕޭން ފައިސާ ޖަމާކުރަން ގާނޫނުގެ ދަށުން ހަމަޖައްސައި ބޭނުން ކުރެއްވި އެކައުންޓް ކަމަށް ފުލުހުންނަށް ދެންނެވި ކަމަށެވެ. އަދި އެ ޓްރާންސެކްޝަންތަކުގައި އެއްވެސް ނުބައެއް ހުރިކަން ފުލުހުން މިއަދު ނުބުނާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުގެ އެ ބުނާ އެކައުންޓްގައި މިލިއަންތަކެއް ނޫޅޭނެ. އެއީ ގާތްގަނޑަކަށް 20 އަކަށް މިލިއަނޭ ހުންނާނީ ހަނދާން ވަނީ. އެއްވެސް ބޭފުޅަކު ގަބޫލެއް ނުކުރައްވާނެ މިއީކީ ބޮޑު އަދަދެކޭ ކެމްޕެއިންއަކަށް. އެއަށް ވުރެ ބޮޑަށް ސިޔާސީ ކެމްޕޭނަަކަށް ހަރަދުވާނެ. ފުލުހުންނަކަށް ވެސް ނުބުނެވޭ ގަވާއިދާ ހިލާފަށް ކުރި މުއާމަލާތެއް،" ޔާމީން ވިދާޅުވި އެވެ.