ހަބަރު

އަނިޔާވި ކުއްޖާއަށް ލޭ ހަދިޔާ ކުރަން ގޮވާލައިފި

މާލޭގައި ހަދަމުން އަންނަ އިމާރާތަކުން ސިމެންތި ބަސްތާއެއްވެެއްޓި ސީރިއަސް އަނިޔާތަކެއ ލިބުނު ކުޑަ ކުއްޖާއަށް، ބީ ޕޮސިޓިވް ލޭ ހަދިޔާ ކޮށްދޭން ސިޓީ ކައުންސިލާއި އައިޖީއެމްއެޗްގެ ފަރާތުން އެދެފި އެވެ.

މިއަދު ހެނދުނު 10:45 ހާއިރު ގަޑިބުރު ކައިރީގައި ހަދަމުންދިޔަ "ނަލަހިޔާގެ"އިން ސިމެންތި ކޮތަޅެއް ވެއްޓި އަނިޔާވެފައި ވަނީ، ރާއްޖެއަށް ޗުއްޓީއަކަށް އައިސްއުޅުނު، އުމުރުން ހަތް އަހަރުގެ ބަންގްލަދޭޝް އަންހެން ކުއްޖަކަށެވެ. އެ ކުއްޖާގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން އަންނަ އިރު، އެ ކުއްޖާގެ ގައިން ގިނަ އަދަދެއްގެ ލޭ ވަނީ މަދުވެފަ އެވެ.

ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، އެ ކުއްޖާގެ ފަރުވާއަށް ވަރަށް ގިނަ އަދަދެއްގެ ލޭ ބޭނުންވާ ކަމަަށެވެ. އޭނާ ވިދާޅުވީ، އެ ކުއްޖާގެ އޮޕްރޭޝަން އައިޖީއެމްއެޗްގައި މިހާރު ކުރަމުންދާއިރު، ގިނަ އަދަދެއްގެ ލޭ އެކަމަށް ވެސް ބޭނުންވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗްއާ ގުޅައިގެން ލޭ ހަދިޔާ ކުރުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

"އައިޖީއެމްއެޗްއިން މިހާރު އެންމެ އިސްކަމެއް އެބަދޭ އެ ކޭސްއަށް. އެހެންކަމުން ލޭ ހަދިޔާ ކުރުމަށް ބޭނުންވާ އެއްވެސް ފަރާތަކަށް އުނދަގުލެއް ނުވެ ފަސޭހައިން ލޭ ދެވޭނެ،" މޭޔަރު ޝިފާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުންނާއި، ޕްލޭނިން މިނިސްޓްރީގެ ބޭފުޅުން ވަރަށް ގާތުން އެ މައްސަލަ ގެންދަނީ ބަލަމުން އެވެ.