ހަބަރު

ޖީއެމްއާރަށް އެކްސިސް ބޭންކުން ދިން ލޯނު ސަރުކާރުން ދައްކާކަށް ނުޖެހޭ: އާބިޓްރޭޝަން

Jun 22, 2015

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކުރަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް އެކްސިސް ބޭންކް، ސިންގަޕޫރު ބްރާންޗުން ދިން 163.5 މިލިއަން ޑޮލަރަކީ ދިވެހި ސަރުކާރުން ދައްކަން ޖެހޭނެ އެއްޗެއް ނޫން ކަަމަށް އާބިޓްރޭޝަނުން ނިންމައިފި އެވެ.

ޖީއެމްއާރުގެ އެގްރިމަންޓް ބާތިލް ކުރުމާ އެކު އެކްސިސް ބޭންކުން ވަނީ އެ ފައިސާ ދެއްކުމަށް ސަރުކާރަށް ނޯޓިސް ފޮނުވައިފަ އެވެ. އެ ބޭންކުން ބުނެފައި ވަނީ ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނަކަށް ވާތީ ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުން ބާތިލް ކުރުމުން އެ ލޯނުގެ ފައިސާ ދެއްކުުމުގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަމާ އިންކާރު ކުރުމުން އެކްސިސް ބޭންކުން ވަނީ 2013 ވަނަ އަހަރުގެ އެޕްރީލް މަހު އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިފަ އެވެ.

މިިދިޔަ މަހުގެ މާޗް މަހުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުންތަކަށް ފަހު، ސިންގަޕޫރުގެ އާބިޓްރޭޝަނުން މިދިޔަ ހުކުރު ދުވަހު ނިންމި ނިންމުގައި ބުނެފައި ވަނީ އެ ފައިސާ ދެއްކުމުގައި ދިވެހި ސަރުކާރާއި އެމްއޭސީއެލް ޒިންމާވާން ނުޖެހޭނެ ކަމަށެވެ. އަދި އެ މައްސަލައިގައި އެކްސިސް ބޭންކުން ހުށަހެޅި މައްސަލަތައް އެ ބޭންކަށް ސާބިތުކޮށްދެވިފައި ނެތް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އާބިޓްރޭޝަންގައި އޮންނަ އާންމު އުސޫލުގެ ދަށުން އެ މައްސަލައިގައި ވަކާލާތު ކުރުމަށް ރާއްޖެއިން ހަރަދު ކުރަން ޖެހުނު ފައިސާ ދެއްކުމަށް ވެސް އެ ބޭންކަށް ވަނީ އަންގައިފަ އެވެ.

އެއާޕޯޓްގެ އެއްބަސްވުން ބާތިލް ކުރި މައްސަލައިގައި ޖީއެމްއާރުން ބަދަލު ހޯދުމަށް ސިންގަޕޫރުގައި އާބިޓްރޭޝަންގައި އަދިވެސް މައްސަލަ ދަނީ ހިނގަމުންނެވެ. އާބިޓްރޭޝަންގެ ފުރަތަމަ މަރުހަލާގައި ނިންމާފައި ވަނީ ޖީއެމްއާރު އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ޖީއެމްއާރަށް ދޭން ޖެހޭ ބަދަލެއް ކަނޑައެޅުމުގެ މައްސަލަ އެވެ.