ހަބަރު

ޑަބްލިއު ކޮންސްޓްރަކްޝަނަށް ދީފައިވާ ހުއްދަތައް ވަގުތީގޮތުން ހިފަހައްޓައިފި

Dec 17, 2018
1

އިމާރާތްކުރަމުން ދިޔަ ސައިޓަކުން ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ކޮތަޅެއް ވެއްޓި އަނިޔާތަކެއް ލިބުނު މައްސަލަޔާ ގުޅިގެން، އެ ސައިޓްގެ ކޮންޓްރެކްޓަރު، "ޑަބްލިއު ކޮންސްޓްރަކްޝަން"އަށް ދީފައިވާ އިމާރާތް ކުރުމުގެ ހުއްދަތައް ވަގުތީ ގޮތުން ހިފެހެއްޓުމަށް ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

އެ ހާދިސާއާ ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތަފްސީލް ދެއްވުމަށް މާލޭ ސިޓީ ކައުންސިލުން މިރޭ ބޭއްވި ޕްރެސް ބްރީފިންގައި، ކައުންސިލަރު ހުސެން ޝަރީފު ވިދާޅުވީ، މައްސަލަ ތަހުގީގުކޮށް ނިންމައި ކަމާ ބެހޭ ފަރާތްތަކުން ވަކި އެއްޗެއް އަންގަންދެން، އިމާރާތް ކުރުމަށް ޑަބްލިއު ކޮންސްޓްރަކްޝަނަށް ދޫކޮށްފައިވާ ހުއްދަތައް ވަގުތީ ގޮތުން މިހާރު ހިފަހައްޓާފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރާ އިމާރާތްތަކުގެ މަގުމައްޗަށްވާ ގޮތަށް ވާ ޖަހައިގެން ތަކެތި މައްޗަށް އުފުލުން ހުއްޓުވާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. މީގެ އިތުރަށް ކޮންސްޓްރަކްޝަން ސައިޓްތަކުގެ އިންސްޕެކްޝަނެއް ހަދައި އަލުން ހުއްދަ ދިނުމުން ނޫނީ އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކޮންސްޓްރަކްޝަން ކުންފުނިތަކަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓީމްތަކެއް މިހާރުވެސް މާލެ ތެރޭގައި މޮބިލައިޒްކޮށްގެން މިއުޅެނީ. ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ހިނގާތޯ ބަލައި އެތަންތަނުގައި ރައްކާތެރިކަން ހުންނަވަރު ވެސް އެބަ ބެލޭ. އަދި ގަވާއިދަށް ނުފެތޭ ތަންތަން މިދަނީ ހުއްޓުވަމުން މަސައްކަތް ކުރާކަމަށްވަންޏާ،" ޝަރީފް ވިދާޅުވި އެވެ.

ކައުންސިލަރު އަހުމަދު ޒަމީރު ވިދާޅުވީ، ޑަބްލިއު ކޮންސްޓްރަކްޝަނުން "މ. ނަލަހިޔާ މަންޒިލް" ގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު އެ ސަރަހައްދުގައި މިއަދު ބަހައްޓާފައި ހުރި ނުރައްކާ ނިޝާން ޖެހި ބޯޑަކީ، އެ ކުންފުނިން މިދިޔަ ނޮވެމްބަރު ހަތް ވަނަ ދުވަހު މާލޭގައި އިމާރާތްކުރާ މިސްކިތެއްގެ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ބޯޑެއް ކަމަށެވެ. އަދި އެގޮތަށް ދޫކުރާ ބޯޑަކީ، މަސައްކަތް ނިމުމުން އަނބުރާ ގެންނަން ޖެހޭ އެއްޗެއް ކަމަށާއި އެހެން ސައިޓެއްގައި އެ ބޯޑް ބޭނުން ކުރުން މަނާވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި އެ ކުންފުނިން މިއަދު މަސައްކަތް ކުރީ އެ ބޯޑް ބަހައްޓައިގެން ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޒަމީރު ވިދާޅުވި އެވެ.

މާދަމާއިން ފެށިގެން ސިޓީ ކައުންސިލާއި، ފުލުހުން، ސިފައިން އަދި މަސީ ވެސް ހިމެނޭ ގޮތުން އިންސްޕެކްޝަން ޓީމްތަކެއް މާލޭގެ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސަލާމަތީކަންކަން ބަލަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލަރު ހަމްނާ ވަހީދު ވިދާޅުވި ގޮތުގައި، ސަލާމަތީ ފިޔަވަޅުތައް ނެތް ކޮންސްޓްރަކްޝަން ސައިޓްތައް ރިޕޯޓް ކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވިފަ އެވެ. އޭނާ ވިދާޅުވީ، ޓްވިޓާގައި ސިޓީ ކައުންސިލް ޓެގްކޮށް އެފަދަ ސައިޓްތައް ރިޕޯޓްކުރުމުން އެފަދަ ސައިޓްތައް ވެސް އިންސްޕެކްޓް ކުރަމުން ދާނެ ކަމަށެވެ.