ދުނިޔެ

އީޔޫއިން ވަކިވާން އަލުން ވޯޓެއް ނަގައިފިނަމަ ރައްޔިތުންގެ އިތުބާރު ގެއްލޭނެ: އިނގިރޭސި ބޮޑު ވަޒީރު

Dec 17, 2018

ލަންޑަން (ޑިސެމްބަރު 16) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް އަލުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަކީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް، އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މޭ ޕާލިމަންޓުގައި ވިދާޅުވާން ތައްޔާރުވެއްޖެ އެވެ.

އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މޭ އިސްވެ މިދިޔަ މަހު ހުށަހެޅުއްވި އެއްބަސްވުމަށް އީޔޫ ގައުމުތަކުން ވަނީ ތާއީދު ކޮށްފަ އެވެ.

ނަމަވެސް، އިނގިރޭސި ޕާލިމަންޓުގައި އެ އެއްބަސްވުމާއިމެދު ހިޔާލު ތަފާތުވެފައިވާއިރު، އެ އެއްބަސްވުން ފާސް ކުރުމަށް ހައުސް އޮފް ކޮމަންސްގައި މިދިޔަ ހަފުތާގައި ނަގަން ހަމަޖެއްސި ވޯޓު މޭ ވަނީ ކުއްލި ގޮތަކަށް ފަސް ކުރައްވައިފަ އެވެ.

ޕާލިމަންޓު މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، މަޖިލީހުގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އަލުން ރައްޔިތުންގެ ވޯޓަކަށް ދިޔުމަށް ކުރީގެ ދެ ބޮޑު ވަޒީރުން ކަމުގައިވާ ޖޯން މޭޖާގެ އިތުރުން ޓޯނީ ބްލެއާ ވެސް ވަނީ ގޮވާލައްވައިފަ އެވެ.

ނަމަވެސް، އެފަދަ އަމަލެއްގެ ސަބަބުން ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި، އުފެދިފައިވާ މައްސަލައަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް މިއަދު ޕާލިމަންޓުގައި ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ މޭ މެމްބަރުންނަށް ވިދާޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

"އަލުން ވޯޓަކަށް ދިޔުމަކީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭނެ ކަމެއް، ސަބަބަކީ އެތަކެއް މިލިއަން މީހުން ޑިމޮކްރަސީއަށް ކުރި އިތުބާރު ސަރުކާރަށް ތަންފީޒު ނުކުރެވޭ ކަން ފެނިގެންދާނެ ކަމެއް،" މޭ ވިދާޅުވާނެ ކަމަށްވެ އެވެ.

"އަދި އަލުން ވޯޓެއް ނެގުމަކީ، މުޅި ގައުމު އިތުރަށް ބައިބައި ވެގެން ދާނެ ކަމެއް."

އެއްބަސްވުމާއި ގުޅިގެން ހިތްހަމަނުޖެހި، މިދިޔަ ހަފުތާގައި މޭގެ އިތުބާރު ނެތްކަމަށް ނެގި ވޯޓު އެކަމަނާ ވަނީ ކާމިޔާބު ކުރައްވައިފި އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

މި އެއްބަސްވުމަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށްފަހު ދެ ފަރާތުން ވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލެވޭ އެއްބަސްވުމެކެވެ.

އޭގެ ތެރޭގައި، 21 މަހުގެ އިންތިގާލީ މަރުހަލާއެއްގެ އިތުރުން، އިނގިރޭސިވިލާތުން އީޔޫއަށް ދައްކަންޖެހޭ 35 އާއި 39 ބިލިއަން ޑޮލަރުގެ އަދަދެއް ވެސް ވަނީ ހިމަނާފަ އެވެ.