ދުނިޔެ

"ބްރެކްސިޓް" އެނގެނީ ކިހާވަރަކަށް؟

Dec 17, 2018

މިފަހަކަށް އައިސް ކޮންމެ ދުވަހަކު "ބްރެކްސިޓް" ގެ ވާހަކަ ނޫސްތަކުގެ ސުރުހީތަކުން ފެނޭ ނޫންހެވެ. މިއީ އިނގިރޭސިވިލާތާއި ގުޅުން ހުރި ކަމެއް ކަމަށް ގިނަ ބަޔަކަށް ފަހަރުގައި އެނގިދާނެ އެވެ. ނަމަވެސް، ހަގީގަތުގައި "ބްރެކްސިޓް" އަކީ ކޯއްޗެއްކަމާއި ކިހިނެއްވާކަމެއް ކަމެއް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟

"ބްރެކްސިޓް" އަކީ ކޯއްޗެއް؟

"ބްރެކްސިޓް" އަކީ އަސްލު "ބްރިޓިޝް އެގްޒިޓް" ކުރުކޮށެވެ. އެއީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ނިންމުން ސިފަކޮށްދޭން ބޭނުންކުރާ އިބާރާތެކެވެ.

އިނގިރޭސިން އީޔޫ އިން ވަކިވަނީ ކީއްވެ؟

އިނގިރޭސިވިލާތުގައި 23 ޖޫން 2016 ގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުނެވެ. އެއީ އިނގިރޭސިވިލާތް އީޔޫގެ ގައުމެއްގެ ގޮތުގައި އޮންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގުނު ވޯޓެކެވެ.

އެ ވޯޓުގެ ނަތީޖާ 52 ޕަސަންޓާއެކު ބުރަވީ އީޔޫން ވަކިވާ ކޮޅަށެވެ. ނަމަވެސް، އެ ވޯޓާއެކު އިނގިރޭސިން އީޔޫ އިން ރަސްމީކޮށް ވަކިވާނީ 29 މާޗް 2019 ގަ އެވެ.

މިހާތަނަށް ހިނގީ ކޮންކަމެއް؟

ޖޫން 2016 ގައި ނެގުނު ވޯޓަށްފަހު، އިނގިރޭސިން އީޔޫ އިން ވަކިވުމުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. އެ މަޝްވަރާތަކީ އިނގިރޭސިވިލާތް އީޔޫގެ އިއްތިހާދުން އިން ވަކިވާނެ ގޮތްތަކާއިބެހޭ ގޮތުން ކުރެވޭ މަޝްވަރާތަކެވެ.

މިހާތަނަށް އެއްބަސްވެވުނީ ކޮންކަމެއް؟

އިނގިރޭސިން އީޔޫއިން ވަކިވުމުގެ އެއްބަސްވުން އެކުލަވާލެވިފައިވަނީ ތިރީގައިވާ މައި ނުކުތާތަކުގެ މައްޗަށެވެ.

  • އީޔޫއިން ވަކިވުމަށް އިނގިރޭސިިލާތުން އެ އިއްތިހާދަށް ދައްކަންޖެހޭ ފައިސާގެ އަދަދު (ގާތްގަނޑަކަށް 39 ބިލިއަން ޕައުންޑް).
  • އީޔޫގެ ގައުމުތަކުގައި ދިރިއުޅޭ އިނގިރޭސިވިލާތުގެ ރައްޔިތުންނާއި އިނގިރޭސިވިލާތުގައި ދިރިއުޅޭ އީޔޫ ގައުމުތަކުގެ ރައްޔިތުންނަށް ވާނެ ގޮތާއި ބެހޭގޮތުން.
  • އީޔޫ އާއި އިނގިރޭސިވިލާތާއި ގުޅޭ ނޮދަން އަޔަލަންޑާއި ރިޕަބްލިކް އޮފް އަޔަލަންޑާއި ދެމެދު ބޯޑަރެއް އަލުން ގާއިމުނުކޮށް ހެދޭނެ ގޮތަކާއި ބެހޭގޮތުން.

މީގެ އިތުރުން، ދެފަރާތުގެ ވިޔަފާރިވެރިންނަށް ވަގުތު ދިނުމުގެ ގޮތުން، އިންތިގާލީ މަރުހަލާއަކަށް ވަނީ އެއްބަސްވެފަ އެވެ. މިގޮތުން، ވަކިވުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ނަމަވެސް، 29 މާޗް 2019 އާއި 31 ޑިސެމްބަރު 2020 އާ ދެމެދު މާބޮޑެތި ބަދަލުތަކެއް ނުގެނައުމަށް ވަނީ އެއްބަސްވެފަ އެވެ.

އަދި އިތުރު ސިޔާސީ އެއްބަސްވުމެއް ވެސް ވަނީ އެކުލަވާލެވިފަ އެވެ. މި އެއްބަސްވުމުގެ ބޭނުމަކީ މުސްތަގުބަލުގައި ދެފަރާތުގެ މެދުގައި އޮންނަ ގުޅުމާއި ބެހޭ ގޮތުން ހިމެނި އެއްބަސްވުމެކެވެ. ނަމަވެސް، އެ އެއްބަސްވުމުގައި ހުރި އެއްވެސް ކަމަކަށް އަމަލުކުރުން ދެ ފަރާތަށް ވެސް ލާޒިމެއް ނުވާނެ އެވެ.

ދެންވާންވީ ކިހިނެއް؟

އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އިސްވެ އެކުލަވާލި އެއްބަސްވުމަށް، އީޔޫގައި ހިމެނޭ 27 ގައުމުގެ ލީޑަރުން ވަނީ ތާއީދުކޮށްފަ އެވެ. ދެން އެ އެއްބަސްވުން ޖެހޭނީ، އިނގިރޭސި ޕާލިމަންޓުން ފާސްކުރާށެވެ.

އެއްބަސްވުމަށް އިނގިރޭސި ޕާލިމަންޓުން ތާއީދުކުރާނެ؟

މިއަދާއި ހަމައަށް މަސްރަހު ފުރޮޅެމުން އައިގޮތަށް ބަލާނަމަ، މޭގެ އެއްބަސްވުމަށް އިނގިރޭސި ޕާލިމަންޓުން ތާއީދުކުރާނެކަމަކަށް ނުބެލެވެ އެވެ.

މިމަހު 11 ވަނަ ދުވަހަށް އެ ވޯޓު ތާވަލުކުރި ނަމަވެސް، މެމްބަރުންގެ ތާއީދު ނުލިބޭނެކަމަށް ވިދާޅުވެ، މޭ ވަނީ ކުއްލި ގޮތަކަށް އެ ވޯޓު ފަސްކުރައްވައިފަ އެވެ.

އެ އެއްބަސްވުމަށް އިނގިރޭސި މެމްބަރުން ބޭނުންވާ ބައެއް ބަދަލުތައް ގެނައުމަށް އީޔޫއާއެކު މަޝްވަރާކުރުމަށްފަހު، އަނބުރާ ވޯޓަކަށް އަންނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ގެންނަވާނެކަމަށް މޭ ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ވޯޓު ފަސްކުރުމުން އެކަމާއި ހިތްހަމަ ނުޖެހިގެން، މޭގެ އިތުބާރުނެތްކަމުގެ ވޯޓެއް ވަނީ ނަގާފަ އެވެ. ނަމަވެސް، މޭ ވަނީ 200 މެމްބަރުންގެ ތާއިދާއެކު އެ ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ.

އެއްބަސްވުމަށް ދެކޮޅު ހަދަނީ ކީއްވެ؟

އެ އެއްބަސްވުމާއި ގުޅޭގޮތުން، ޔޫކޭ ޕަލިމަންޓް މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. މައިގަނޑު ގޮތެއްގައި ގިނަ މެމްބަރުން ކަންބޮޑުވުމަކީ، އީޔޫ އިން ވަކިވި ނަމަވެސް، އިނގިރޭސިވިލާތުގެ ކަންތައްތަކަށް އީޔޫގެ ބާރު އަދިވެސް ހިނގުމުގެ ދޮރު ހުޅުވިފައިވުމެވެ.

މިގޮތުން، އެންމެ ބޮޑަށް ފާހަގަ ކުރާ މައްސަލައަކީ އަޔަލަންޑުގެ ބޯޑަރުގެ މައްސަލަ އެވެ. އީޔޫ އާއި އިނގިރޭސިވިލާތާއި ގުޅޭ ނޮދަން އަޔަލަންޑާއި ރިޕަބްލިކް އޮފް އަޔަލަންޑާއި ދެމެދު ބޯޑަރުގައި ޗެކްޕޮއިންޓުތައް އަލުން ގާއިމުކުރަން ދެ ފަރާތުން ވެސް ބޭނުމެއްނުވެ އެވެ. ނަމަވެސް، އަޔަލަންޑު އީޔޫގެ މެމްބަރެއްގެ ގޮތުގައި ދެމި އޮންނައިރު، ބޯޑަރު ހުރަސްކުރާ މީހުންނާއި މުދާ ކަސްޓަމްސް ޗެކު ކުރުމުގެ މައްސަލައާއި ހެދި އެ އެއްބަސްވުމަށް ވަނީ ހިޔަނި އެޅިފަ އެވެ.

ޕާލިމަންޓުން އެއްބަސްވުމަށް ތާއިދު ނުކޮށްފިނަމަ ވާނީ ކިހިނެއް؟

ހަގީގަތުގައި އެ ފަދަ ހާލަތެއްގައި ވާނެ ގޮތެއް ބުނަން ދައްޗެވެ. ނަމަވެސް، އެ ގޮތަށް ވެއްޖެނަމަ، އެއްވެސް އެއްބަސްވުމެއްނެތި އީޔޫ އިން އިނގިރޭސިވިލާތް ވަކި ވެގެންދާނެ އެވެ. އެހެނަސް، އެހެން މަގެއް ހޯދައި، ޕާލިމަންޓަށް އިތުރު ހުށަހެޅުމެއް ހުށަހަޅަން ސަރުކާރަށް 21 ދުވަސް ލިބޭނެ އެވެ.

29 މާޗް 2019 ގައި އީޔޫ އިން ވަކިވާނެތަ؟

މިހާރު ގާނޫނު ބުނާގޮތުން، އެ ތާރީހުގައި ޔޫކޭ ގަޑިން ރޭގަނޑު 11.00 ގައި އިނގިރޭސިވިލާތް އީޔޫ އިން ވަކިވާނެ އެވެ. ނަމަވެސް، އެ ބަސްވުމަކަށް ނާދެވިއްޖެނަމަ، ނުވަތަ އެ އެއްބަސްވުން އިނގިރޭސި ޕާލިމަންޓުން ފާސްނުވެއްޖެނަމަ ވާނެ ގޮތެއް ބުނަން ހަގީގަތުގައި ވަރަށް ދައްޗެވެ.

ނަމަވެސް، ވަކިވާން ކަނޑައެޅިފައިވާ ތާރީހު އިތުރުކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އަދި އީޔޫއިން ވަކިވާން އިނގިރޭސިވިލާތުން ނިންމި ނިންމުން ބާތިލްކުރުމުގެ ބާރު އިނގިރޭސިވިލާތަށް ލިބިގެންވާކަމަށް އީޔޫގެ ކޯޓަކުން ދާދި ފަހުން ވަނީ ނިންމާފަ އެވެ.