ވިޔަފާރި

ބޮޑު ހޮޓަލެއް އެޅުމަށް ނަސަންދުރަ ތަޅާލުމުގެ މަސައްކަތް ފަށައިފި

Jun 22, 2015

ނަސަންދުރަ ހުރިތަނުގައި 10 ބުރީގެ ހޮޓަލެއް އެޅުމަށް އެތަން ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ހޮޓާ ކަމަށްވާ ނަސަންދުރަ ހުރިތަނުގައި އަޅާ 10 ބުރީގެ ހޮޓަލެކެވެ. މިތަން މިހާރު ހިންގަމުން ގެންދާ ގެލެކްސީ އެންޓަޕްރައިސަސްއިން ބުނީ ހޮޓަލުގެ މަސައްކަތް ނިންމައި 2017 ވަނަ އަހަރު ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.

ހޮޓާ އެޅުމުގެ ގޮތުން ނަސަންދުރަ ހިންގަމުން ދިޔަ އިމާރާތުގެ ގޯތި ތެރޭގައި ހުރި އައިލެންޑް އޭވިއޭޝަންގެ އޮފީސް ބަދަލު ކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ އޮފީސް ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ ރައިވެރިޔާ ރެސްޓޯރެންޓް ހުރި ތަނަށް ކަމަށެވެ.

"އޮފީސް ބަދަލު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ވަރަށް ކުދި ކުދި ބަދަލު ގެނައުމަށްފަހު އޮފީސް ބަދަލު ކުރުމުގެ މަސައްކަތް ކުރާނީ،" ނަޝާތު ވިދާޅުވި އެވެ.

މީގެ 34 އަހަރު ކުރިން، 1981 ގައި ހުޅުވި ނަސަންދުރާ 2008ގެ މޭ މަހުގެ ފަހުކޮޅު ބަންދު ކުރީ ދަރުބާރުގެ އާ އިންވެގެން އޮންނަ ހުސްބިމުގައި 15 ބުރީގެ ސިޓީ ހޮޓަލެއް އެޅުމަށް އެކަމުގައި ޝަންގްރިލާއާ ހަވާލުކުރުމަށް ފަހުގަ އެވެ. ނަމަވެސް އެ މަޝްރޫއު ވަނީ ހުއްޓިފަ އެވެ.