ހަބަރު

ކުއްޖާ މަރުވި ހަދިސާއިން ފިލާވަޅު ހޯދައި ފިޔަވަޅު އަޅަން ޖެހޭ: ރައީސް

ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި، ބޮޑެތި އަނިޔާތަކެއްވެގެން މިއަދު މަރުވި ކުއްޖާއަށް ދިމާވި ހާދިސައިން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިއްޔެ ހެނދުނު 10:45 ހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން މަރުވެފައި ވަނީ އުމުރުން ހަތް އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ ރޯޝަން ޖިއަން ނަމަކަށް ކިޔާ އަންހެން ކުއްޖެކެވެ. އެ ކުއްޖާ މަރުވި ހާދިސާއާ ގުޅިގެން މިހާރު އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހާދިސާގައި ކުއްޖާ މަރުވުމަށް ވުރެ ބޮޑު ހިތާމައެއް ނޯންނާނެ ކަމަށެވެ. އަދި އެ ހިތާމަވެރި ހާދިސާ އިން ފިލާވަޅު ލިބިގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓު

ޖިއަންއަކީ ފ. އަތޮޅު ރަށެއްގައި ދިރިއުޅެމުން އަންނަ ކުއްޖެކެވެ. އެ ކުއްޖާގެ މަންމައަކީ އެ އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރެވެ. ޖިއަން މާލެ އައީ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. ނަމަވެސް މާފަންނު ސަންފްރަންޓު ހުންނަ އިމާރާތް ކައިރިން އެ ކުއްޖާ ހިނގާފައި ދަނިކޮށް ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި، ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް މިއަދު 12:00 ހާއިރު މަރުވީ އެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ހާދިސާއާ ގުޅިގެން މާލޭގައި އިމާރާތް ކުރުމުގެ ހުއްދަތަށް ވަނީ ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ. އަދި އިމާރާތް ކުރުމުގެ ސަލާމަތަށް ގިނަަ ފިޔަވަޅުތަކެއް މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ވަނީ އަޅަން ފަށައިފަ އެވެ. އެ މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.