ދުނިޔެ

އިނގިރޭސި ބޮޑުވަޒީރުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އަނެއްކާވެސް ހުށަހަޅައިފި

Dec 18, 2018

ލަންޑަން (ޑިސެމްބަރު 17) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ހުށަހަޅާފައިވާ އެއްބަސްވުމާއި ގުޅޭގޮތުން އިނގިރޭސި ޕާލިމަންޓުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، ބޮޑު ވަޒީރު ތެރޭސާ މޭ އާދެކޮޅަށް އިތުބާރުނެތްކަމުގެ މައްސަލައެއް އަނެއްކާވެސް ހުށަހަޅައިފި އެވެ.

އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މޭ އިސްވެ މިދިޔަ މަހު ހުށަހެޅުއްވި އެއްބަސްވުމަށް އީޔޫ ގައުމުތަކުން ވަނީ ތާއީދު ކޮށްފަ އެވެ.

ނަމަވެސް، އިނގިރޭސި ޕާލިމަންޓުގައި އެ އެއްބަސްވުމާއިމެދު ހިޔާލު ތަފާތުވެފައިވާއިރު، އެ އެއްބަސްވުން ފާސް ކުރުމަށް ހައުސް އޮފް ކޮމަންސްގައި މިދިޔަ ހަފުތާގައި ނަގަން ހަމަޖެއްސި ވޯޓު މޭ ވަނީ ކުއްލި ގޮތަކަށް ފަސް ކުރައްވައިފަ އެވެ.

އެ ނިންމެވުމާއި ގުޅިގެން ހިތްހަމަނުޖެހި، މިދިޔަ ހަފުތާގައި މޭގެ އިތުބާރު ނެތްކަމަށް ނެގި ވޯޓު އެކަމަނާ ވަނީ ކާމިޔާބު ކުރައްވައިފި އެވެ.

ނަމަވެސް، އެ އެއްބަސްވުމަށް އިނގިރޭސި ޕާލިމަންޓުގައި ނަގާ ވޯޓު، އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހަށް ތާވަލުކުރިކަން އިއުލާނު ކުރުމާއެކު، އެކަމާއި ހިތްހަމަނުޖެހި ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވަނީ މުޅި އިނގިރޭސި ސަރުކާރުގެ ބަދަލުގައި، ސީދާ މޭ އަށް ނިސްބަތްވާ އިތުބާރުނެތްކަމުގެ މައްސަލަ އެއް ހުށަހަޅުއްވައިފަ އެވެ.

ކޯބިން ވިދާޅުވީ، އެއްބަސްވުމަށް ވޯޓުލާން ޕާލިމަންޓުން އިތުރު އެއް މަސް ދުވަސް މަޑުކުރަންޖެހުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މޭ ވަނީ އިނގިރޭސިވިލާތް "ގައުމީ ކާރިސާ" އެއްގެ ތެރެއަށް ވައްޓާލާފައި ކަމަށެވެ.

ނަމަވެސް، "ބޭކާރު ސިޔާސީ ކުޅިވަރު" ކުޅެން ޖާގަ ނުދޭނެ ކަމަށާއި، އިތުބާރުނެތް ކަމުގެ މައްސަލައަށް ވަގުތު ނުދޭނެކަމުގެ އިޝާރާތެއް ސަރުކާރުން ވަނީ ދީފަ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

މި އެއްބަސްވުމަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށްފަހު ދެ ފަރާތުން ވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލެވޭ އެއްބަސްވުމެކެވެ.

އޭގެ ތެރޭގައި، 21 މަހުގެ އިންތިގާލީ މަރުހަލާއެއްގެ އިތުރުން، އިނގިރޭސިވިލާތުން އީޔޫއަށް ދައްކަންޖެހޭ 35 އާއި 39 ބިލިއަން ޑޮލަރުގެ އަދަދެއް ވެސް ވަނީ ހިމަނާފަ އެވެ.