ދުނިޔެ

ޔަމަނު ހަނގުރާމާގައި ހަމަލާތައް ހުއްޓާލެވުނީ ދެ ތިން މިނެއްޓަށް

Dec 18, 2018

ޔަމަނުގެ ސަރުކާރާއި އެއްކޮޅަށް މަސައްކަތް ކުރާ އިއްތިހާދުން ހޫސީންގެ ހަނގުރަމާވެރި ޖަމާއަތްތަކާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އަމަލުކުރަންފެށިތާ މަދު މިނެއްޓު ކޮޅެއްގެ ތެރޭގައި އެ އެއްބަސްވުމާއި ހިލާފުވެފައިވާކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

އެގައުމުގެ މުހިންމު އެއް ބަނދަރެއް ހިމެނޭ ހުދޭދާ ސިޓީގައި، ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް ދެ ފަރާތުން ވެސް އެއްބަސްވީ އަންގާރަ ދުވަހުގެ މެންދަމު 12 އިން ފެށިގެންނެވެ.

ނަމަވެސް، އެ އެއްބަސްވުން ހިނގަން ފެށިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ސިފައިންނާއި ހޫސީންގެ ހަނގުރަމާވެރި ޖަމާއަތްތަކާއި ދެމެދު ހަމަލާތަކެއް ބަދަލުކުރި ކަމަށް ބައެއް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އދ. މެދުވެރިވެގެން، ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ އެތަކެއް މިލިއަން މީހުންނަށް އެހީ އެތެރެކުރާ ހުދޭދާ ސިޓީގައި ހަމަލާތައް މަޑުޖައްސާލުމަށް އެއްބަސްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޔަމަނުގައި ކުރަމުންދާ ހަނގުރާމަ ފެށުނީ، 2015 ވަނަ އަހަރު، އެ ގައުމުގެ ހުޅަނގުގެ ބޮޑު ބައެއް ހޫސީންގެ އަތްދަށަށް ދިއުމާއި ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި، ޔަމަނުގެ ރައީސް އަބްޑްރާބު މަންސޫރު ހާދީ ވަނީ ގައުމު ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވެފަ އެވެ.

އިރާނުން އެހީވެދޭ ހޫސީންނާއި ދެކޮޅަށް ސައުދީ، ޔޫއޭއީ އާއި އަރަބި ހަތް ގައުމަކުން ވަނީ ޔަމަނުގެ ސަރުކާރަށް އަލުން އިޔާދަ ކުރުމަށް މަސައްކަތް ފަށާފަ އެވެ.

ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ތިން އަހަރު ވީ އިރު، އާއްމުންގެ 10،000 މީހުން މަރުވެ އެތައް މިލިޔަން މީހުންނެއް ވަނީ ބަނޑަށް ޖެހިފަ އެވެ.