ބޮލީވުޑް

ޝާހްރުކް ދެކެ ބިރުން "ބާޖީރާއޯ މަސްތާނީ" ރިލީޒްކުރުން ލަސްކޮށްފި

Jun 23, 2015

ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ދިލްވާލޭ" ޑިސެމްބަރު މަހުގެ 18ވަނަ ރިލީޒްކުރާނެކަން އިއުލާންކުރެވުމާއިއެކު ގިނަ ބައެއްގެ ހިތުގައި އުފެދުނު ސުވާލަކަށްވީ މީގެކުރިން މިދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް ސަންޖޭ ލިލާ ބަންސާލީގެ އެންމެ އުންމީދީ ފިލްމު "ބާޖީރާއޯ މަސްތާނީ" ރިލީޒްކުރުން އެހެން ދުވަހަކަށް ލަސްކޮށްފާނެ ތޯ އެވެ.ނުވަތަ ތާރީހު އަލުން އިއާދާ ވާނީ ތޯ އެވެ.

ކޮންމެގޮތެއް ވިޔަސް 2007ވަނަ އަހަރު ޝާހްރުކް ޚާން އާއި ބޮކްސް އޮފީހުގައި ވާދަކޮށް ބަންސާލީ ބޮޑު ބައްޔަކުން ބަލިވެފައިވާއިރު، އަނެއްކާވެސް ޝާހްރުކް އާއި ވާދަކޮށް ބަލިވާކަށް ބަންސާލީ އެއް ބޭނުމެއް ނުވާނެ އެވެ.

އެހެންކަމުން ބަންސާލީ މިހާރުވަނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް ތާރީހީ ލޯބީގެ ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމު ބާޖީރާއޯ މަސްތާނީ" އަންނަ އަހަރުގެ ކުރީކޮޅުގައި ރިލީޒްކުރާގޮތަށް ލަސްކޮށްފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާގޮތުން، ބަންސާލީ ވަނީ އެއްވެސް އެހެން ފިލްމަކާއިއެކު އޭނާގެ ފިލްމު ސިނަމާތަކުގައި ދައްކަން ބޭނުންނުވާކަމަށް ބުނެ އަންނަ އަހަރުގެ ކުރީކޮޅުގައި ފިލްމު ރިލީޒްކުރުން ލަސްކޮށްފަ އެވެ.

ޝާހްރުކް ޚާން އާއި ކާޖޮލްގެ މަގްބޫލު ޖޯޑް ފަސް އަހަރުގެ ބްރޭކް އަކަށްފަހު ކުޅޭ ފުރަތަމަ ފިލްމަށް ވާއިރު، މިފިލްމާއި މެދު ބެލުންތެރިން ބޮޑު އިންތިޒާރެއް މިހާރުން ފެށިގެން ކުރަމުން އަންނައިރު، މިފިލްމާއި އެކު އެއްދުވަހެއްގައި ފިލްމު ރިލީޒްކޮށް އެއްވެސް ރިސްކެއް ނަގަން ބޭނުންނުވާކަމަށް "ބާޖޯރާއޯ މަސްތާނީ" ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ވަނީ ނޫސްތަކަށް ބުނެފަ އެވެ.

މީގެއިތުރުންވެސް މިފިލްމަކީ ބަންސާލީގެ ޑްރީމް ޕްރޮޖެކްޓަށްވާއިރު، އޭނާ ބޭނުންވަނީ ފިލްމު ވަކިން ރިލީޒްކުރަން ކަމަށްވެސް އެފަރާތުން ބުނެފައިވާކަމަށް ނޫސްތަކުގައިވެ އެވެ.

މިގަދަ ހިފުމުން މޮޅުވާނީ ކޮންބައެއްކަން އެއްވެސް ބަޔަކަށް ނޭނގޭއިރު، ގިނަ ފަރާތްތަކަކުން ވަނީ ރޯހިތު އާއި ޝާހްރުކް ބަންސާލީގެ ފިލްމު ރިލީޒްކުރާ ދުވަސް ޑިސެމްބަރު ނޫން އެހެން މަަހަކަށް ފަސްކުރޭތޯ ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެ ކަމަށްބުނެފަ އެވެ.

އެގޮތުން އެންމެ ފުރަތަމަ ޑިސެމްބަރު މަހުގެ 25 ވަނަ ބަންސާލީގެ ފިލްމު ރިލީޒްކުރާނެ ކަން އިއުލާންކުރެވުމާއިއެކު، ރޯހިތް ވަނީ އޭނާ ފިލްމު ވެސް ހަމަ އެދުވަހު ރިލީޒްކުރާނެކަން އިއުލާންކޮށްފަ އެވެ. އޭގެފަހުން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހަށް ބަންސާލީގެ ފިލްމު ރިލިޒްކުރުން އަވަސްކޮށްފައިވާއިރު، މިދިޔަ ހަފްތާގައިޝާހްރުކް ޓްވިޓާގައި އާންމުކުރި "ދިލްވާލޭ"ގެ ޕޯސްޓަރުގައިވަނީ އެފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާ ދުވަހަކީ 18 ޑިސެމްބަރު ކަމެވެ.

“ދިލްވާލޭ" އަކީ އެކްޝަން މަންޒަރުތައް ގިނަ ފެމިލީ އެންޓަޓެއިނާ އެކެވެ. މިފިލްމުގެ މުހިންމު ރޯލުތަކުން ވަރުން ދަވަން އާއި ކީރްތީ ސަނޮން ވެސް ފެނިގެންދާނެ އެވެ.މިއާ ހިލާފަށް "ބާޖީރާއޯ މަސްތާނީ" އަކީ 1674 ވަނަ އަހަރުން ފެށިގެން 1818ގެ ނިޔަލަށް ދެމިއޮތް މަރާތާ އެމްޕަޔާގެ ހަތަރު ވަނަ ބޮޑުވަޒީރު ކަމުގައިވާ ބަޖީރާއޯ އެއް ވަނައިގެ ހަޔާތެވެ. އޭނާ އަކީ ހަނގުރާމައިގެ މައިދާނަށް ނިކަން ކުޅަދާނަ ފަހުލަވާނެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ވެރިއެކެވެ. ޕްރިޔަންކާ އާއި ދިޕިކާ ފެނިގެންދާނީ އޭނާގެ އަނބިއަނބިކަނބަލުންގެ ރޯލުންނެވެ.

ގިނަ ބަޔަކު މިހާރު އަންނަނީ ޝާހްރުކް ޚާން އާއި ކާޖޮލް ފަދަ ގިނަ ބައެއްގެ ތާއީދު އޮތް ދެތަރިންގެ ފިލްމާއި އެއް ދުވަހެއްގައި ފިލްމެއް ރިލީޒްކޮށް، ވަކިން ހާއްސަކޮށް ޝާހްރުކްގެ ފިލްމެއް ރިލީޒްކުރާ ދުވަހެއްގައި މީގެކުރިން ރިލީޒްކުރި އެހެން ފިލްމަކަށް ކާމިޔާބީއެއް ލިބިފައިނުވާއިރު، ބަންސާލީ ވެސް ވަނީ ޝާހްރުކް ދެކެ ބިރުން ހަތިޔާރު ބަހައްޓާފަ އެވެ.