ހަބަރު

ބާރުތައް ނުލިބި އޮތުމުން މަރުގެ ތަހުގީގުތައް ލަސްވާނެ: ކޮމިޝަން

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނަށް ބާރުތައް ނުލިބި ލަސްވުމާ ގުޅިގެން ތަހުގީގުތައް ލަސްވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަނަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ "ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" ކޮމިޓީ މަރުހަލާއިން ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ވެސް ފޮނުވުނެވެ. ނަމަވެސް އެ ބިލު ފާސް ކުރަން އޮތް ދުވަހު ފާސް ކުރުމަށް ބޭނުންވާ އަދަދަކަށް މެންބަރުން ހާޒިރު ނުވެ،
ބިލު އަދިވެސް އޮތީ މަޖިލީހުގަ އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސުއޫދު ވިދާޅުވީ މަޖިލީހުގައި ބިލު ފާސް ނުވުމާ ގުޅިގެން ކޮމިޝަނުން ނެރެން ބޭނުންވި ނަތީޖާ ނެރުމުގައި ލަސްތަކެއް ވާނެ ކަމަށެވެ. އަދި އެ ދުވަހު މަޖިލީހުން ބިލު ފާސް ކުރި ނަމަ ތަހުގީގުތައް އަވަސް ކުރުމަށް މަގުފަހިވެ ފަސޭހަ ވެގެންދާނެ ކަމަށް ސުއުދު ވިދާޅުވި އެވެ. ނަމަވެސް މިހާރު އޮތް ގޮތުން ބައެއް ތަހުގީގުތައް ލަސްވުން އެކަށީގެންވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"މައިގަނޑު ގޮތެއްގައި ދިމާވާނެ މައްސަލައަކީ ތަހުގީގުތައް ލަސްވުން، ބިލު ފާސްވެ ކޮމިޝަނަށް ބާރުތައް ލިބުނު ނަމަ އެ މަރުހަލާ އަވަސް ވާނެ، މިހާރު މަސައްކަތް ކުރުމުގައި ބައެއް ދަތިތައް ހުންނާނެ،" ސުއޫދު ވިދާާޅުވި އެވެ.

އެ ކޮމިޝަނަށް ބާރު ދިނުމަށް މަޖިލީހަށް ބިލު ހުށަހެޅި އިރު އޮތީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށެވެ. ނަމަވެސް ކޮމިޓީ މަރުހަލާ އިން ދިރާސާ ކުރުމަށް ފަހު ވަނީ ޕީޖީ އޮފީހުގައި ވަކި އޮފީހެއް ހެދުމާއި ތަހުގީގު ތަކުގެ ޝަރީއަތް ހިންގާ ތާރީހުތައް ބަޔާންކޮށްފައި އޮންނަ މާއްދާ ވަނީ އުނިކޮށްފަ އެވެ. އެއީ އިދިކޮޅު ޕީޕީއެމް އިން ވެސް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރި މާއްދާ ތަކެވެ.

ސުއޫދު ވިދާޅުވީ މަޖިލީހަށް ބިލެއް ހުށަހެޅުމުން މެންބަރުން ނިންމާނީ އެންމެ ރަނގަޅަށް ކަން ގަބޫލު ކުރާ ކަމަށެވެ. އަދި މިހާރު އުނިކޮށްފައިވާ ބައިތަކުގެ ސަބަބުން ތަހުގީގަށް އެއްވެސް އުނދަގުލެއް ނުވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.