ރިޕޯޓް

ނައިބު ރައީސް ބޭރުނުކުރާ ވަރެއް ނޫން!؟

Jun 23, 2015
6

ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު އެންމެ ގަދަ އަޑަކީ ނައިބު ރައީސްކަމުން މުހައްމަދު ޖަމީލް އަހުމަދު ވަކިކުރުމުގެ ވާހަކަތަކެވެ. އެ ވާހަކަ ތިލަވެ، އާންމުވީ ރައީސްކަން ކުރެވޭ އުމުރު 30-65 އަށް ހަމަޖެއްސުމަށް މަޖިލީހަށް ވެއްދި ބިލަށް، ޕީޕީއެމް-އެމްޑީއޭ ކޯލިޝަންގެ ތާއީދު ހާމަކުރުމުންނެވެ. އެ ތާއީދާ އެކު ޕީޕީއެމްގެ އެންމެ ނުފޫޒު ގަދަ ބޭފުޅުން ކަމަށްވާ، ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ފަދަ ބޭބޭފުޅުންގެ ވާހަކައިން ވެސް މި ވަނީ ގިނަ ހަގީގަތްތަކެއް ތިލަކޮށްދީފަ އެވެ. ސަރުކާރުގެ މިހާރުގެ އަމާޒު އެ ހުރީ ސީދާ، ނައިބު ރައީސް އެމަގާމުން ބޭރުކޮށް، ރައީސް އަށް އިތުބާރު ހިފޭ ބޭފުޅަކާ އެ މަގާމު ހަވާލުކުރުން ކަން މިއީ ގާތްގަނޑަކަށް ޔަގީން ކުރެވޭ ކަމެކެވެ.

ރާއްޖޭގެ ނައިބު ރައީސުންގެ ތާރީހަކީ މާ ތާހިރުކޮށް އޮތް ތާރީހެއް ނޫނެވެ. ކަންވެފައި އޮތީ ވެރިކަމުގެ އުންމީދުގައި ނައިބު ރައީސްއަށް އޭނާގެ އެޖެންޑާއިން ބޭރު ވެވި، ގާނޫނީ މަސްއޫލިއްޔަތަށް ވެސް ފައިން އަރުއްވަނީ އެވެ. ތާރީހުގެ ތެރެއަށް ވަންނަ އިރު، ރައީސް އަމީނާއެކު ރަނގަޅަށް ހިނގަ ހިނގާ އޮތް ސަރުކާރެއް ނައިބު ރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ އިންގިލާބު ކޮށްލެވި އެވެ. ނައިބު ރައީސެއް ނޫން ނަމަވެސް ރައީސް އިބްރާހިމް ނާސިރު ބޮޑުވަޒީރަކަށް ހިޔާރު ކުރެއްވި އަހުމަދު ޒަކީ އެންމެ ފަހުން "ދުއްވާލަން" ޖެހުނީ ވެސް މިކަހަލަ ސަބަބުތައް އައިމަ އެވެ.

މިހާރުގެ ނައިބު ރައީސް މުހައްމަދު ޖަމީލްއަށް ރައީސްއަށް އިތުބާރު ނުކުރެއްވިގެން މި އުޅެނީ މިކަހަލަ ސަބަބުތަކެއް ކުރިމަތިވެގެން ހެއްޔެވެ؟

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ރޭ ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމްގައި ނައިބު ރައީސްއަށް ދޫކޮށްލެއްވި ވަރުގަދަ ބަހުގެ ހަމަލާތަކުގެ ހުލާސާއަކީ ނައިބު ރައީސް މި ސަރުކާރު ދިފާއު ކުރެއްވުމަށް މަސައްކަތް ނުކުރެއްވުމެވެ. މި ސަރުކާރަށް އެހީތެރިވެދިނުުމުގައި ނައިބު ރައީސް ފެނުނީ ލޮނުމަޑުކޮށް ކަމަށް ނިހާން ވިދާޅުވެ އެެވެ. މި ސަރުކާރު ދިފާއު ކުރެއްވުމުގެ ބަދަލުގައި ނައިބު ހުންނަވަނީ، "ފިލާ" ކަމަށް ނިހާން ސިފަކުރެއްވި އެވެ. ނައިބު ރައީސްގެ އިހުލާސްތެރިކަމާ މެދު އޭނާ އެބަ ސުވާލު އުފައްދަވަ އެވެ.

މޭ އެކެއްގެ މުޒާހަރާޔާ އެކު ނައިބު ރައީސް އިދިކޮޅު ފަރާތްތަކާ ޑީލެއް ހައްދަވައިގެން އުޅުއްވި ކަމަށް ވެސް ސަރުކާރުގެ އިސް ފަރާތްތަކުން ނައިބު ރައީސްއަށް ވަނީ ތުހުމަތު ވެސް ކޮށްފަ އެވެ. އެކަމަކު އޭގެން ވާހަކައަކަށް ވެސް ހަމަ އެންމެ ބަހެއް ވެސް ވިދާޅެއް ނުވެ އެވެ. މުޅި ސަރުކާރަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުތައް ކުރާއިރު، ނައިބު ރައީސްއަށް ކަމެއް ވާހެން ވެސް ހީނުވެ އެވެ. 

"އަޅުގަނޑު އެދޭ މިންވަރާއި ގާތަށް ވެސް، ސަރުކާރު ދިފާއު ކުރެއްވުމުގައި އާއި ރައީސުލްޖުމްހޫރިއްޔާ ދިފާއު ކުރެއްވުމުގައި އާއި، އަދި އެކި ދިމަ ދިމާލުން ރައީސް ޔާމީންގެ ސަރުކާރަށް އަމާޒުވެގެން ދިޔަ ވަރަށް ބޮޑެތި ހަމަލާތައް ދިފާއު ކުރެއްވުމުގައި އެއްވެސް ހިސާބެއްގައި އެމަނިކުފާނު އުޅުއްވި ތަނެއް އަޅުގަނޑުމެންނަށް ނުފެނޭ، އަޅުގަނޑު ވަރަށް ހިތާމަ ކުރަން،" ނިހާން ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެހާ އެކްޓިވްކޮށް ހަރު ބަސް ވިދާޅުވި، ބޭފުޅެއް ކުއްލިއަކަށް ލޮނު މަޑުވެ، ދިފާއުގައި ވެސް ބަސްފުޅެއް ވިދާޅުނުވުމުން އެމަނިކުފާނުގެ އިހުލާސްތެރިކަން މި ސަރުކާރަށް އޮންނަ މިންވަރާ މެދު މިވަނީ ހަގީގަތުގައި ވެސް ސުވާލުތައް ކުރިމަތިވެފަ އެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކެމްޕޭންގައި ފެނުނު ފަދަ އެނާޖެޓިކް ކަމެއް އެމަނިކުފާނުގެ މަސައްކަތްތަކުން ވެސް ފެނިވަޑައިނުގަތުމުން އަދި އެއަށް ވުރެ މާބޮޑަށް ވެސް ސުވާލުތައް މި ވަނީ ގިނަވެފަ އެވެ.

ގާނޫނު އަސާސީއަށް ގެންނަ 65-30 ގެ އިސްލާހު އަމާޒު މި ވަނީ ކޮންމެވެސް ދިމާލަކުން އައިސް ނައިބު ރައީސް ޖަމީލަށެވެ. އެ އިސްލާހުގެ ޝަރަހައިގައި ސަރުކާރު ކޯލިޝަންގެ މެންބަރުން ދައްކަވާ ވާހަކައަކީ ވެސް ނައިބު ރައީސް މަސައްކަތްތަކުގައި ފަހަތު ފަޔަށް ބުރަވުމެވެ. ބިލް ހުށަހެޅުއްވި އެމްޑީއޭގެ މެންބަރު، ހޯރަފުށީ ދާއިރާގެ މުހައްމަދު އިސްމާއިލް ވެސް ތަކުރާރު ކުރެއްވީ އެ ވާހަކަތެކެވެ.

އެެހެން ނަމަވެސް ޕީޖީ ގްރޫޕްގެ ލީޑަރު ނިހާން ވިދާޅުވީ ނައިބު ރައީސްއާ ރައީސް ގިނަ މަސައްކަތްޕުޅުތަކެއް ހަވާލު ކުރެއްވި ކަމަށެވެ. މިސާލަކަށް ސޯޝަލް ކައުންސިލްގެ މަސައްކަތް ނަންގަވަމުން ނިހާން ވިދާޅުވީ ޖަމީލަށް އެކަމުގައި ވެސް އެކަށީގެންވާ ވަރަށް ޕާފޯމް ނުކުރެއްވުނު ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް ނައިބު ރައީސްއަށް ރައީސްގެ ސްޕީޑާ އެއްވަރަށް ވަޑައިނުގެންނެވުމަކީ ކުރިމަތިވެފައި އޮތް މައްސަލައެކެވެ. ނައިބު ރައީސް ކޯނާވެ ވަޑައިގަތީ އެ ސަބަބާ ހުރެ ކަމަށް ވެސް ވެދާނެ އެވެ. ރައީސް ޔާމީންގެ މިޒާޖުފުޅު ހުންނަ ގޮތުން މަސައްކަތްޕުޅުތައް ކުރައްވައި ނިންމެވުންތައް ނިންމެވުމުގައި ކަދުރާއަަކަށް ނުބައްލަވަ އެވެ.

ހުރަސްތައް ފޫއަޅުވާލައްވާފައި އެމަނިކުފާނު ކުރައްވަން ބޭނުންފުޅުވާ މަސައްކަތެއް ސްޕީޑްގައި ކޮށް ނިންމާލައްވާތަން ފެނެ އެވެ. އެހެން ނަމަވެސް ޖަމީލް ފެނިވަޑައިގަތީ އެ ހުރަސްތައް ފޫއަޅުވާފައި ވަޑައިގަންނަވާ ބޭފުޅަކަށް ވުރެ ބޮޑަށް، އެކަހަލަ ކަމަކާ ދިމާވުުމުން ހުއްޓުން އަރައި މަސައްކަތްތަކުގައި ފަހަތު ފަޔަށް ބުރަވާ ބޭފުޅަކަށް ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެ އެވެ. މިސާލަަކަށް ޖުޑިޝަރީއަށް ގެންނަން ޖެހޭ އިސްލާހުތައް ޖަމީލްއާ ހަވާލު ކުރެއްވުމުން އެކަން ވެސް އެކަށީގެންވާ ވަރަށް ނުކުރާ ކަމަށް ވެސް ސަރުކާރުގެ އިސްބޭފުޅަކު ވިދާޅުވެ އެވެ. އޭގެ ބަދަލުގައި ޖަމީލް ކޮންމެވެސް ކަމަކާ އަބަދުވެސް، "ބޮޑާ ހާކާ"ކަމަށް އެބޭފުޅާ ވިދާޅުވެ އެވެ. މަސައްކަތަކަށް ވުރެ ބޮޑަށް ކޮންމެވެސް އަމިއްލަ މަގުސަދުތަކެއް ހާސިލް ކުރެއްވުމަށް އެމަނިކުފާނު އުޅުއްވާ ކަމަށް ވެސް ތުހުމަތު ވަނީ ކޮށްފަ އެވެ. 

"އެމަނިކުފާނު އެކަހެރި ވެވަޑައިގަތީ އަމިއްލައަށް. މީހަކު އެކަހެރި ކުރިއްޔެއް ނޫން. އެމަނިކުފާނަށް މަސައްކަތްތައް އެކަށީގެންވާ ސްޕީޑްގައި ނުގެންދެވެނީ. އެހެން ވީމާ ރައީސް ވެސް ދެކެވަޑައިގަންނަވަނީ އެމަނިކުފާނުގެ ސްޕީޑާއި އެއްވަރުގެ މަސައްކަތުގެ ގިޔަރު ހުންނެވި ބޭފުޅަކު ބޭނުންވެޔޭ،" ސަރުކާރުގެ އިސް އޮފިޝަލަކު ނަން ހާމަ ނުކުރައްވާ ގޮތަށް ވިދާޅުވި އެވެ.

އެހެން ވީމާ ނައިބު ރައީސް ވަކިކުރުމުގެ މި ޑްރާމާގެ އެއް ބަޔަކީ ގާނޫނު އަސާސީއަށް ވެސް ބަދަލު ގެނައުމެވެ.

ގާނޫނު ހަދާ ބާރަށް ލިބޭ ބާރުގެ ދަށުން ރައީސަކު ނުވަތަ ނައިބު ރައީސަކު ވަކި ކުރުމަކީ ކުރެވެން އޮތް ކަމެކެވެ. އެއީ ރައްޔިތުންގެ ބާރަކަށް ވާތީ އެވެ. އަދި އެެކަން ގާނޫނުގައި ހިމަނާފައި އޮތީ ވެސް އަތުވެދާނެ ހާލަތަކަށް ބަލައިގެނެވެ. ރައީސަކު ނުވަތަ ނައިބު ރައީސަކު ބޭރު ކުރެވޭނެ ހާލަތެއް ނާންނެ ކަމަށް ނުވަތަ އެކަން ކުރަންޖެހޭނެ ކަމަށް ބަލައިގެން އެއްވެސް ސިޔާސީ ނިޒާމެއް ވެސް ދުނިޔެވީ އުސޫލެއް ވެސް ނޯންނާނެ އެވެ.

މިއީ ޑިބޭޓަކަށް ދެވިދޭނެ އިޝޫއެކެވެ. ލީޑަޝިޕް ނެތުމަކީ ވެސް ނާގާބިލުވުން ކަމަށް ބެލެވިދާނެ އެވެ. ރައީސަށް ދޭންޖެހޭ އެއްވެސް އެހީތެރި ކަމެއް ނުދީ "ސައިލެންޓް"ވެ، ހަމަ އެކަނި ރަސްމިއްޔާތުތައް ފަޅުފިލުވައިދޭ ބޭފުޅެއްގެ ގޮތުގައި ހުންނެވުމަކީ ވެސް ނާގާބިލުވުން ކަމަށް ބަލައިގެން ވާހަކަ ދެއްކިދާނެ އެވެ. އޭން ކޮންމެ ހާލަތުގައި ވެސް އެކަން މާނަ ކުރާނީ އެކަމެއް ބެލެނިވެރި ފަރާތުންނެވެ. އެކަމަކު މިއީ އާންމުންނަށް ޑިބޭޓް ކުރެވިދާނެ އިޝޫއެކެވެ. އެކަމަކު ޔަގީންވާ ކަމަކީ ނައިބު ރައީސްއެއް ކަމު ނުދާނަމަ، އިހުލާސްތެރި ނުވާ ނަމަ، އެ މަގާމުގައި ބެހެއްޓުމަކީ އަދި މާ ބޮޑު މައްސަލައެކެވެ. 

އެހެން ވީމާ ނައިބު ރައީސް ދުއްވާލުމަށް ކޮންމެހެން ގާނޫނު އަސާސީއަށް ބަދަލު ގެންނަން ލާޒިމެއް ނޫނެވެ. ގާނޫނު އަސާސީގެ އެންމެ އަކުރެއް ފިއްޔަކަށް ބަދަލު ނުގެނެސް ވެސް ނައިބު ރައީސް ވަކި ކުރެވޭނެ ހާލެއް މި އޮތީ ސާފު އަކުރުން ގާނޫނު އަސާސީގައި ލިޔެފަ އެވެ. އެހެން ވީމާ 65-30 ގެ އިސްލާހުގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟

އެ ބިލަށް މަޖިލީހަށް ބަލައިގަތުމަށް ކުރި ބަހުސްގައި، ޕީޕީއެމްގެ އެއް ނައިބު ލީޑަރު އަބްދުއްރަހީމް ވިދާޅުވީ ރައީސްއަށް އިހުލާސްތެރި މަސައްކަތުގެ ސްޕީޑް ރަނގަޅު މީހަކު ނައިބު ރައީސްއަށް ގެންނަން ޖެހޭ ނަމަ އެކަން ޕީޕީއެމްގެ ޕީޖީ އިން ފަސް ޖެހުމެއް ނެތި ކުރާނެ ކަމަށެވެ. އެހެން ވީމާ ގާނޫނު އަސާސީގެ އެ އިސްލާހުގެ މަގުސަދު ހިފާފައި މި ހުރީ އެ ދިމާލަށް ކަމަށް ބެލެވޭނެ ޖާގަ ވަރަށް ވެސް ފުޅަލެވެ.

ނިހާން ރޭ ދިޓީވީގައި ދެއްކެވި ވާހަކަތަކުގައި އެންމެ ބޮޑަށް ތައުރީފް އަމާޒުވީ ޓްއަރިޒަމް މިނިސްޓަރު އަދި ރައީސް އެންމެ އިތުބާރު ކުރައްވައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ. ނިހާން ވިދާޅުވީ ރައީސްއަށް އެތައް ތުހުމަތުތަކެއް އަޅުއްވައި ވާހާކަތައް ދައްކައި މުޒާހަރާތައް ކުރިއިރު، އަންޑަނައަކަށް މޭ ދިކޮށް ނިކުންނެވީ އަދީބު ކަމަށެވެ. އެއްކަލަ ނައިބު ރައީސް ވީ ހިސާބެއް ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނިހާން ވިދާޅުވާ ގޮތުން އެއީ އަދީބު ކުރައްވަން ޖެހޭ ވެސް މަަސައްކަތެއް ނޫނެވެ. އެހެން ވީމާ ނިހާން ސިފަ ކުރެއްވީ ނައިބު ރައީސްއެއް ނޫނަސް ނަައިބު ރައީސްގެ ރޯލާއި ޒިންމާ މި އަދާކުރައްވަނީ އަދީބު ކަމަށެވެ. އެހެން ވީމާ އެ މަގާމު އަދީބަށް ހައްގު ނުވާންވީ ސަބަބެއް ނެތް ކަމަށް ނިހާން ވިދާޅުވި އެވެ. 

"އިދިކޮޅު ފަރާތްތަކުން އެމަނިކުފާނާއި ބެހޭ ގޮތުން ދީނީ ގޮތުން ވެސް ވާހަކަތަކެއް ދެއްކެވި ކަމަށާއި ނަމަވެސް ރައީސް ޔާމީން ދިފާއު ކުރެއްވުމުގައި ނައިބު ރައީސް ޖަމީލް ޓީވީ ޗެނަލަކުން ވެސް ފެނިވަޑައިގެންފައި ނުވޭ،" ނިހާން ވިދާޅުވި އެވެ. "“ޓޫރިޒަމް މިނިސްޓަރު ކޮން ކަމަކާތޯ މި މަސައްކަތް ކުރައްވަންވީ؟ އެބޭފުޅާ އާއި ހަވާލުކުރައްވާފައިވާ މަސައްކަތަކީ ޓޫރިޒަމްގެ މަސައްކަތް، ދެން ޕާޓީގެ މަސައްކަތުގެ ގޮތުގައި އަޅުގަނޑު އުފަލާއި އެކީގައި ދަންނަވަފިން ނަސީބެކޭ އެމަނިކުފާނު ޕާޓީގެ ނައިބު ރައީސްއަކަށް ހުންނެވީތީ،"

ނައިބު ރައީސްކަމަށް އަދީބު ގެނައުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް މި ވަނީ ސަރުކާރުގެ ބޭފުޅުން ވިދާޅުވާން ފައްޓަވައިފަ އެވެ. އަދީބަކީ ސަޕޯޓް ބޭސްވެސް ބޮޑު ބޭފުޅެކެވެ. ހާއްސަކޮށް ޒުވާނުންގެ އެވެ. އަދީބަށް ނައިބު ރައީސްކަން ވީހާ ވެސް އަވަހަކަށް ދިނުމަށް ގޮވާލައި ވަރުގަދަ ސޯޝަލް މީޑިއާ ކެމްޕޭންގެ އަޑު ވެސް މި ވަނީ ގަދަވެފަ އެވެ. އެހެން ވީމާ، "65-30" އަމާޒު މި ވަނީ އަދީބަށް ނޫން ހެއްޔެވެ؟ އެމަނިކުފާނުގެ ސަޕޯޓަރުން ހަރުއަޑުން ވިދާޅުވަނީ އާ އެކޭ ކަމަށެވެ.