ދުނިޔެ

ކަޅު މީހުންނަށް އަމާޒު ކުރެވުނު ބަހަކުން އޮބާމާ ވެސް ހޫނުފެނަށް

Jun 23, 2015

ކަޅު ނަސްލުގެ މީހުން ދެރަކުރުމަށް ބޭނުންކުރާ ބަހެއް، އެ ނަސްލުގެ އެމެރިކާ މީހުންނަށް ކުރިމަތިވަމުންދާ ދަތިތަކާ ގުޅޭ ގޮތުން ރައީސް ބަރަކް އޮބާމާ ދެއްވި އިންޓަވިއުއެއްގައި ބޭނުންކުރައްވައިފި އެވެ.

"މި މައްސަލަ އަށް އަދިވެސް ޝިފާއެއް ހޯދިފައެއް ނުވޭ. މީގައި ހަމައެކަނި އުޅޭ މައްސަލަ އަކީ، 'ނިގާ'، [ކަޅު ނަސްލުގެ މީހުން ދެރަކުރުމަށް ބޭނުންކުރާ ބަހެއް]އޭ ކިޔާފައި އާއްމު ތަނެއްގައި ކަޅު ނަސްލުގެ މީހަކާ ދިމާއަށް ބުނުމަކީ ރީތި ކަމަކަށް ނުވުން އެކަންޏެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެހެން ނަމަވެސް، އޮބާމާ ފާހަގަކުރެއްވި ގޮތުގައި ކަޅު ނަސްލުގެ މީހުންނާ ޖައްސާލުން އާއްމުވެފައިވާ މިންވަރު އެ މަނިކުފާނުގެ ޅަ ދުވަސް ވަރަށް ވުރެ މިހާރު ވަނީ ކޮންމެވެސް ވަރަކަށް މަދުވެފަ އެވެ.

"މީގެ 200-300 އަހަރު ކުރިއްސުރެ ހިނގަމުން އަންނަ ކަމެއް، އެއް ދުވަހަކުން ބަދަލެއް ނުކުރެވޭނެ. އެމެރިިކާގައި އޮތް ކަޅު ނަސްލުގެ މީހުން އަޅުވެތިކުރުމުގެ ސަގާފަތަކީ އަހަރުމެންނަށް ވާރުތަކޮށްފައިވާ ކަމެއް. އެކަމުގެ ހިޔަނި މުޅި އެމެރިކާ އަށް ވަނީ އެޅިފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

 

 

އެމެރިކާގައި ނަސްލީ ތަފާތުކުރުން އޮތް މިންވަރާ މެދު ރައީސް އޮބާމާ ވާހަކަދައްވާފައި މި ވަނީ، އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ ތާރީހީ ފައްޅިއެެއްގެ ތެރޭގައި ހަމަލާދީ ނުވަ މީހަކު މިދިޔަ ބުރާސްފަތި ދުވަހު މަރާލާފައި ވަނިކޮށެވެ.

ބަޑިން ދިން އެ ހަމަލާގައި މަރުވީ ހަ އަންހެނަކާއި އެ ކްރިސްޓިއަން ފައްޅީގެ އިސް ފާދިރީ ހިމެނޭ ގޮތަށް ތިން ފިރިހެނެކެވެ. އޭގެ ތެރެއިން އެކަކު ފިޔަަަވައި އެހެން އެންމެން ވެސް ވަނީ ވަގުތުން މަރުވެފަ އެވެ. މި ހަމަލާ އިން ސަލާމަތްވީ އެ ވަގުތު ފައްޅީގައި ތިބި މީހުންގެ ތެރެއިން އެންމެ ތިން މީހެކެވެ.

މި ހަމަލާއާ ގުޅިގެން، ނަސްލީ ގޮތުން ފިތުނަ އުފެއްދުމުގެ ކުށުގެ ތުހުމަކޮށް، އުމުރުން 21 އަހަރުގެ މީހަކު ވަނީ ހަމަ އެ ދުވަހު ހައްޔަރުކޮށްފަ އެވެ. ސައުތު ކެރޮލީނާ ސްޓޭޓުގެ ޗާލްސްޓަންގައި ހުންނަ އެ ކްރިސްޓިއަން ފައްޅި ތެރޭގައި ޑިލަން ހަމަލާ ދީފައި ވަނީ އަޅުކަމުގެ ކަމެއް ހިނގަމުން ދަނިކޮށެވެ. ޑިލަން ބަޑިޖަހަން ފަށާފައި ވަނީ ފައްޅި ތެރޭގައި ގަޑިއެއްހާއިރު ހޭދަކުރުމަށް ފަހު ކަމަށްވެ އެވެ.

މި ފައްޅި ހާއްސަ ވަނީ މިއީ ކަޅު ނަސްލުގެ މީހުން ގަބޫލުކުރާ ކްރިސްޓިއަން ދީނުގެ މަޒުހަބަކަށް ހާއްސަ އެންމެ ގިނަ ދުވަސް ވީ ފައްޅި އަށް ވާތީ އެވެ. އަދި އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތުކުރެއްވި މާޓިން ލޫތާ ކިންގް އެ ފައްޅީގައި 1962 ވަނަ އަހަރު ހާއްސަ ތަގުރީރެއް ދެއްވާފައި ވުމަކީ ވެސް އެ ފައްޅި ހާއްސަވެ، އެމެރިކާގެ ތާރީހީ ގުޅިފައިވާ އެއް ސަބަބެވެ.

ކަޅު ނަސްލުގެ މީހުންގެ ތާރީހީ ތަނަކަށް ހަމަލާ ދީފައި މި ވަނީ، އެ މީހުންނާ ދެކޮޅަށް ދޮން ނަސްލުގެ މީހުން ތަފާތު އެކި އަމަލުތައް ހިންގުން ޗާލްސްޓަންގައި އާއްމުވެފަައިވާ ދަނޑިވަޅެއްގަ އެވެ. އެ ގޮތުން، މިދިޔަ މާޗު މަހު ޗާލަސްޓަންގެ ފުލުހުން އަތުގައި ހަތިޔާރެއް ނެތް ކަޅު ނަސްލުގެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އެ ހާދިސާއާ ގުޅިގެން އެ ސިޓީގައި މުޒާހަރާ ވެސް ކުރި އެވެ.

ޗާލްސްޓަން ނޫނަސް، ދޮން ނަސްލުގެ ފުލުހުން ހަަމަލާދީ ކަޅު ނަސްލުގެ މީހުން މަރާ މަައްސަލަ އެމެރިކާގެ އެކި ހިސާބުތަކުގައި ވަނީ މި ފަހުން ބޮޑުވެފަ އެވެ. އޭގެ ތެރޭގައި، ކްލީވްލޭންޑުގައި 12 އަަހަރުގެ ކަޅު ނަސްލުގެ ކުޑަކުއްޖެއްގެ ގަޔަށް މިދިޔަ ނޮވެމްބަރު މަހު ބަޑި ޖެހި މައްސަލައެއް ހިމެނެ އެވެ. އަދި މިފަދަ ހާދިސާތައް ހިނގާފައިވާ ބޯލްޓިމޯ އާއި ފާގަސަންގައި ދާދި ފަހުން ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިނގާފަ އެވެ.

ބާރުގެ ބޭނުންކޮށްގެން މުޒާހަރާތަކާއި އެއްވުންތައް ރޫޅާލުމުގެ އިތުރަށް، ކަޅު ނަސްލުގެ މީހުންނަށް ސީދާ އަމާޒުކޮށް ފުލުހުން ހިންގާ ހަރުކަށި އަމަލުތައް އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި އިތުރުވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ހަނގުރާމަވެރި ހަތިޔާރުގެ ގޮތުގައި ބެެލވިދާނެ ބައެއް އާލަތްތައް ސްޓޭޓްތަކުގެ ފުލުހުންނަށް ފޯރުކޮށްދިނުން މަނާކުރައްވާފަ އެވެ.

މިދިޔަ މަހު ކުރީކޮޅު އޮބާމާ އެޅުއްވި އެ ފިޔަވަޅުގެ ދަށުން، ސްޓޭޓްތަކުގެ ފުލުހުންނަށް ދިނުން މަނާ ތަކެތީގެ ތެރޭގައި ހިމެނެނީ ފުރޮޅުގެ ބަދަލުގައި ޓްރެކް ނިޒާމުގެ އެހީގައި ދުއްވާ އާމާޑް އުޅަނދު، ބަޑި ހަރުކޮށްފައި ހުންނަ މަތިންދާބޯޓާއި މަނަވަރާއި އެ ޒާތުގެ އުޅަނދުފަހަރު، 50 ކެލިބަ އަށް ވުރެ މަތީގެ ބަޑި އާއި ވަޒަން، ގްރެނޭޑް ލޯންޗަ އަދި ކެމަފްލާޖް ޔުނީފޯމެވެ. ނަމަވެސް، އާއްމު ބޭނުންތަކަށް ބޭނުންކުރާ މަތިންދާބޯޓާއި ހެލިކޮޕްޓަރާއި ޑްރޯން، ފުރޮޅު ހަރުކޮށްފައި ހުންނަ އާމާޑް އުޅަނދު، ކޮމާންޑްކުރަން ބޭނުންކުރާ އުޅަނދު އަދި ރަޔަޓް ގިޔަރާއި މުގުރު ފަދަ ތަކެތި އަދިވެސް ފޯރުކޮށްދެމުން ދާނެ އެވެ.