އޭސީސީ

ނަސަންދުރާގެ މައްސަލަ އޭސީސީއިން އަލުން ބަލަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަން، އެމްއެމްޕީއާރްސީ އިން ނަސަންދުރަ ހޮޓަލް ޕްރައިވެޓް ކުންފުންޏަކަށް 50 އަހަރަށް ދިން މައްސަލައިގައި ދައުވާ ކުރަން ނުފެންނަ ކަމަށް ޕީޖީއިން ނިންމައި އެ މައްސަލަ އޭސީސީއަށް އަލުން ފޮނުވުމުން އެ މައްސަލަ އޭސީސީއިން އަލުން ބަލަން ފަށައިފި އެވެ.

ނަސަންދުރާ މައްސަލާގައި އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނަސަންދުރަ ހޮޓަލް ހިންގަމުން ދިޔަ ކުންފުންޏާ އެކު އޮތް އެއްބަސްވުން ބާތިލްކޮށް އެތަނުގައި ކޮންވެންޝަން ފެސިލީޓީއާ އެކު އެ ބިން ތަރައްގީ ކުރަން 50 އަހަރަށް އަލުން ކުންފުންޏާ ހަވާލުކުރީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ރައީސް އޮފީހަށް ފޮނުވި ސިޓީއަކާ ހަވާލާދީ، އިކޮނޮމިކް ކައުންސިލުން ކަމަށެވެ.

އެ އެއްބަސްވުން ހެދުމަށް އެކުއިޒިޝަން ކޮސްޓްވެސް ނުނަގައި ނަސަންދުރާއާ ޖެހިގެން އައިލެންޑް އޭވިއޭޝަން އޮފީސް ހުރި ބިންވެސް އެ ކުންފުންޏާ ހަވާލުކުރީ ސީއެސްއާރު މަސައްކަތްތައް ކުރާ ގޮތަށް ނަމަވެސް އެކަން އެގްރިމަންޓްގައި ވެސް ހިމަނާފައި ނެތް ކަމަށެވެ.

މުއްދަތު އިތުރު ކުރުމަށް ފީއެއް ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުހޯދާ އެ އެއްބަސްވުމުގައި ލީސް ހޯލްޑް ރައިޓްސް ގަނެފައިވާ އެންޕީއެޗް އިންވެސްޓްމަންޓް އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް އަލުން 50 އަހަރުގެ އެއްބަސްވުމަކަށް ގޮސްފައިވާތީ 74،016000 ރުފިޔާ ދައުލަތަށް ގެއްލުންވެފައިވާ ކަމަށާއި އެކަމަކީ އަދީބު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމެއް ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަނުގެ ރިޕޯޓްގައިވެ އެވެ.

އެހެން ނަމަވެސް، އޭސީސީއިން ބުނީ ޕީޖީއިން ނިންމާފައި ވަނީ އެކަން އެގޮތަށް ކުރުމަށް އެޓާނީ ޖެނެރަލް ލަފާދެއްވާފައިވާތީ، އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށެވެ. އެ މައްސަލަ އެގޮތަށް ނިންމައި އަނބުރާ އޭސީސީއަށް ފޮނުވާލުމުން އެ މައްސަލަ އަލުން އޭސީސީއިން މިހާރު ރިވިއުކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.