ހަބަރު

މަރުގެ އަދަބު ނުދޭން ދައްކާ އުޒުރު ގަބޫލެއް ނުކުރެވޭ: ޝަހީމް

މަރުގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލާގައި އަދުލުގެ ނިޒާމް ރަނގަޅު ނޫން ކަމަށްުބުނެ ދައްކާ އުޒުރަކީ ޝަރުއީގޮތުން ގަބޫލު ކުރެވޭ އުޒުރެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އދ. ގައި މަރުގެ އަދަބު ތަންފީޒު ކުރުމާއި ދެކޮޅު ގަރާރާއި ދެކޮޅަށް ވޯޓު ދިނުމަށްފަހު ދިވެހި ސަރުކާރުން ވަނީ މަރުގެ އަދަބު ތަންފީޒު ކުރާނީ ޝަރުއީދާއިރާ އިސްލާހު ކުރުމަށްފަހު ކަމަށް ބުނެފަ އެވެ. އެކަމާއި ގުޅިގެން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީންގެ ރަނިންމޭޓްކަންވެސް ކުރެއްވި ޑރ. ޝަހީމް ފޭސްބުކުގައި ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގައި އަދުލުގެ ނިޒާމާއި ބެހޭ ވާހަކަތަކަކީ އިސްލާމީ ޝަރީއާއާއި، ބުއްދީގެ ނަޒަރުން ބަލާއިރު ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.

ޝަރީއާގެ ހުކުމެއް ތަންފީޒު ނުކޮށް ލަސްކުރެވޭނީ، ގުރުއާނާއި ސުންނަތުގެ އަލީގައި ޝަރުއީގޮތުން ގަބޫލު ކުރެވޭ އުޒުރެއް އޮވެގެން ކަމަށް ޝަހީމް ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން ޝަހީމް ވިދާޅުވީ، އުމަރުގެފާނުގެ ދުވަސްވަރު ބަނޑުހައިހޫނުކަން އާންމުވުމުން ވައްކަން ކުރާ މީހުންގެ އަދަބު ފަސްކުރެއްވީ ޝަރުއީގޮތުން ގަބޫލު ކުރެވޭ އުޒުރެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެއީ ފުރާނަ ސަލާމަތް ކުރުމަކީ އިސްލާމްދީނުގެ މަގްސަދަކަށްވެފައި، ބަނޑުހައިހޫނުކަމުން ފުރާނަ ސަލާމަތްކުރުމަށް މީހަކު ވައްކަން ކުރުމުން، އޭނާއަށް އެވަގުތު އަދަބު ދިނުމަކީ މަގްސަދާއި ދުރު ކަމަކަށް ވެދާނެތީ ކަމަށެވެ.

މީގެ އިތުރުން، ގިސާސް ނުވަތަ މަރަށް މަރު ހިފުމަކީ މީހުންގެ ހައްގުތަކާއި ގުޅިފައިވާ ކަމެއް ކަމަށާއި، އެހެންކަމުން ވާރިސުން އެދޭހާ ހިނދެއްގައި ހުކުމް ތަންފީޒު ކުރަން ޖެހޭނެ ކަމަށާއި، ލަސްކުރުމުގެ އެއްވެސް ހައްގެއް ހާކިމާއަށް ނޯންނާނެ ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

އަދުލުގެ ނިޒާމްގެ މައްސަލައެއް އުޅޭނަމަ އެތަނުން ކުރާ އެއްވެސް ހުކުމެއް ސައްހައެއް ނުވާނެ ނޫންތޯއާއި، ވަކި ހުުކުމްތަކެއް ތަންފީޒުވެފައި އަނެއްބައި ހުކުމްތައް ތަންފީޒު ނުވަނީ ކީއްވެތޯ ބުނެ ޑރ، ޝަހީމް ވަނީ ސުވާލު އުފައްދަވާފަ އެވެ.