ދުނިޔެ

އެއްބަސްވުމެއްނެތި އީޔޫން ވަކިވާންޖެހިދާނެ ކަމުގެ މަޝްވަރާތައް ފަށައިފި

Dec 19, 2018

ލަންޑަން (ޑިސެމްބަރު 18) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ހުށަހަޅާފައިވާ އެއްބަސްވުމާއި ގުޅޭގޮތުން އިނގިރޭސި ޕާލަމަންޓުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި، އެއްބަސްވުމެއްނެތި ވަކިވާން ޖެހިދާނެ ކަމުގެ ހާލަތަށް އިނގިރޭސި ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

އެއްބަސްވުމެއް ނެތި ޔޫރަަޕުގެ އިއްތިހާދުން ވަކިވާންޖެހުމުގެ ހާލަތަށް ތައްޔާރުވުމުގެ ގޮތުން، އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި، ދެ ބިލިއަން ޕައުންޑްގެ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ.

ސަރުކާރުހެ ހުރިހާ ޑިޕާޓްމަންޓުތަކަށް އެފަދަ ހާލަތަކަށް ތައްޔާރުވާންޖެހޭ ކަމަށް ވެސް ކެބިނެޓުން ވަނީ އެއްބަސްވެފަ އެވެ. މިގޮތުން، އެފަދަ ހާލަތެއްގައި އަމަލު ކުރަންޖެހޭ ގޮތް އިނގިރޭސި ކުންފުނިތަކަށާއި ވިޔަފާރިވެރިންނަށް ސާފުކޮށްދޭން، އެތަކެއް ހާސް ސިޓީތަކެއް ފޮނުވުމަށް ވެސް ވަނީ ނިންމައިފަ އެވެ.

"އީޔޫން ވަކިވުމަށް މިހާރު އެންމެ ތިން މަހަށް ވެފައިވާއިރު، އެއްބަސްވުމަކަށް ނާދެވި އީޔޫން ވަކިވާންޖެހިދާނެކަމުގެ ތައްޔާރީތައް ވާންޖެހޭ ހިސާބަށް އާދެވިފައިވާކަމަށް ކެބިނެޓުން ގަބޫލުކުރޭ، އޭގެ މާނައަކީ އެފަދަ ހާލަތެއްގައި ކުރަންޖެހޭ ކަންތައްތައް މިހާރު މިވަނީ ފަށަންޖެހިފައި،" އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މޭގެ ތަރުޖަމާނު ވިދާޅުވި އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

މި އެއްބަސްވުމަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށްފަހު ދެ ފަރާތުން ވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލެވޭ އެއްބަސްވުމެކެވެ.

އޭގެ ތެރޭގައި، 21 މަހުގެ އިންތިގާލީ މަރުހަލާއެއްގެ އިތުރުން، އިނގިރޭސިވިލާތުން އީޔޫއަށް ދައްކަންޖެހޭ 35 އާއި 39 ބިލިއަން ޑޮލަރުގެ އަދަދެއް ވެސް ވަނީ ހިމަނާފަ އެވެ.