ދުނިޔެ

ފާޑުކިޔަނިކޮށް ވެސް ކުއްތާ މަސް ކެއުމުގެ ބޮޑު ފެސްޓިވަލް ޗައިނާގައި ފަށައިފި

Jun 23, 2015

ޗައިނާގައި ކޮންމެ އަހަރަކު ބާއްވާ ކުއްތާ މަސް ކެއުމުގެ ބޮޑު ފެސްޓިވަލް، ފާޑުކިއުންތަކަށް ބެލުމަށް ނެތި މި އަހަރު ވެސް ފަށައިގެން ކުރިއަށް އެބަދެ އެވެ.

ޗައިނާގެ ގައުމީ ނޫސް އެޖެންސީ، ޒިންހުއާ އިން އިއްޔެ ބުނި ގޮތުގައި ހުޅަނގު ދެކުނު ގުއާންޒީ ޕްރޮވިންސްގެ ޔުއާންލީ އަވަށުގައި އަހަރަކު އެއް ފަހަރު ބާއްވާ "ލައިޗީ އެންޑް ޑޯގް މީޓް ފެސްޓިވަލް"ގައި، އިއްޔެ އާއި މިއަދު 10،000 އެއްހާ ކުއްތާގެ މަސް ކެއުމަށް ކަތިލާނެ އެވެ.

ކުއްތާ މަސް ކެއުމުގެ ސަގާފަތް ޗައިނާގެ އިތުރުން ދެކުނު ކޮރެއާ އާއި އެ ނޫން ވެސް ބައެއް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި އޮންނަތާ މިހާރު ފަސް ވަރަކަށް ގަރުނުވެއްޖެ އެވެ. އެކަން ކުރާ މީހުން ގަބޫލުކުރާ ގޮތުގައި ހޫނު މޫސުން ފެށުމާ އެކު ކުއްތާ މަސް ކެއުމުން އެ މޫސުމުގެ ގަދަ ހޫނުން ލުޔެއް ލިބެ އެވެ. މިއީ ގިނަ ދުވަސްވީ ސަގާފަތަކަށް ވިޔަސް، ޔުއާންލީ އަވަށުގައި މި އަހަރީ ފެސްޓިވަލް ބާއްވަން ފެށީ ވަރަށް ފަހުން ކަމަށް ޒިންހުއާ އިން ބުންޏެވެ.

މި ފެސްޓިވަލާ ދިމާކޮށް ޖަނަވާރުންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތްކުރާ އެކްޓިވިސްޓުން ދަނީ އަޑުއުފުލަމުންނެވެ. އެހާ ގިނަ އަދަދެއްގެ ކުއްތާ ކަތިލުމަކީ އަނިޔާވެރި އަމަލެއް ކަމަށް ސިފަކޮށް، އެކަމާ ދެކޮޅަށް އެ މީހުން ހެދި އޮންލައިން ޕެޓިޝަންގައި މިހާތަނަށް 3.8 މިލިއަނަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ. އަދި އެ ފެސްޓިވަލާ ގުޅިގެން ޗައިނާ އާއި އެހެން ގައުމުތަކުގެ މަޝްހޫރު ފަންނާނުން ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން، ޔުއާންލީ ސިޓީގެ އޮފިޝަލުން ވަނީ އެއީ ރަސްމީ ފެސްޓިވަލެއް ނޫން ކަމެއް ވިދާޅުވެ، އެ ކަމުން ރެކެން މަސައްކަތް ކުރައްވާފަ އެވެ. އެއީ ދުވަހަކު ވެސް އެ ސިޓީން ރަސްމީކޮށް ބޭއްވި ފެސްޓިވަލެއް ނޫން ކަމަށާއި "ލައިޗީ އެންޑް ޑޯގް މީޓް ފެސްޓިވަލް"ގެ ނަމަކީ ވެސް ބަޔަކު ވިޔަފާރީގެ ބޭނުމަށް ބޭނުންކުރާ ނަމެއް ކަމަށް އެ އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

"އެއް ތަނަކަށް އެއްވެ ލައިޗީ އާއި ކުއްތާ މަސް ކެއުން އެއީ ޔުއާންލީގެ ބައެއް މީހުން ގެންގުޅޭ އާދައެއް. އެއީ އެއްވެސް ހާލަތެއްގައި ރަސްމީ ކަމެއް ނޫން،" ޔުއާންލީ ސިޓީގެ ޚަބަރު ފަތުރާ އިދާރާ އިން، ޗައިނާގެ ސޯޝަލް މީޑިއާ ވެބްސައިޓް، ވެއިބޯގައި ލިޔެފައިވެ އެވެ.

ފާޑުކިޔުންތަކަށް ބެލުމެއް ނެތި މި ފެސްޓިވަލް ފަށާފައި ވާތީ، ބައެއް އެކްޓިވިސްޓުން ދަނީ ކަތިލަން ބައިތިއްބާފައި ތިބޭ ބައެއް ކުއްތާތައް ސަލާމަތްކުރުމަށް، ބޮޑު އަގު ދީގެން ގަންނަމުންނެވެ. އެ ގޮތުން، އެކްޓިވިސްޓަކު 1،100 ޑޮލަރަށް 100 ކުއްތާ މިދިޔަ ހޮނިހިރު ދުވަހު އެކަނި ވެސް ގަނެފައިވެ އެވެ.