ދުނިޔެ

ރަޝިއާއާ ދެކޮޅު ފިޔަވަޅުތައް އީޔޫ އިން އަންނަ އަހަރާ ހަމަ އަށް އިތުރުކޮށްފި

Jun 23, 2015

ރަޝިއާއާ ދެކޮޅަށް ޔޫރަޕުން އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އިތުރުކުރުމަށް އިއްްޔެ ނިންމައިފި އެވެ.

ޔުކްރެއިންގެ ހަނގުރާމަވެރިންނަށް ރަޝިއާ އިން އެހީވާ ކަމަށް ބުނެ ޔޫރަޕްގެ އިތުރުން އެމެރިކާ އިން ވެސް ވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ ގާތް ބޭފުޅުންގެ އިތުރުން ދައުލަތުގެ ބޭންކުތަކާއި އަސްކަރީ ސާމާނު އުފައްދާ ކުންފުނިތަކާއި ހަކަތަ އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށެވެ.

އެ ފިޔަވަޅުތަކުގެ ސަބަބުން ބޭރު ދުނިޔޭގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގަން ރަޝިއާގެ ދައުލަތުގެ ބޭންކުތަކާއި ކުންފުނިތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އަދި ރައީސްގެ ޕުޓިންގެ ގާތް ބޭފުޅުންނަށް ހުޅަނގުގެ ގައުމުތަކަށް ދަތުރެއް ވެސް ނުކުރެވެ އެވެ.

ޔޫރަޕިއަން ޔޫނިއަން (އިޔޫ)ގެ ތަރުޖަމާނު މާޖާ ކޮސިޖެންސިކް ވިދާޅުވި ގޮތުގައި އެ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރަން ނިންމީ އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއްގަ އެވެ. އެ ގޮތަށް ނިންމީ، އޭނާ ވިދާޅުވި ގޮތުގައި، ޔުކްރެއިންގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މިދިޔަ ފެބްރުއަރީ މަހު ސޮއިކުރި އެއްބަސްވުމަށް ރަޝިއާ އިން އަމަލުކުރަން ބާރު އެޅުމަށެވެ.

ރަޝިއާ އާއި ހުޅަނގާ ދެމެދު މައްސަލަތައް ބޮޑުވުމުގެ އަސްލު ގުޅިފައި ވަނީ ޔުކްރެއިންގެ ކްރައިމިއާ ރަޝިއާގެ ބާރުގެ ދަށަށް ގެންދިޔަ ހިސާބުން ފެށިގެން ޔުކްރެއިންގެ އިރުމަތީ ބިތުގައި އުޅޭ ހަތިޔާރު އެޅި ޖަމާއަތްތަކުން ވެސް ޔުކްރެއިންއާ ވަކިވެގަތުމުގެ ހަރަކާތެއް ފެށުމުންނެވެ. މި ހަރަކާތް ވަރުގަދަވީ ރަޝިއާ އިން ސިފައިން ފޮނުވައި، ޔުކްރެއިންގެ ހަނގުރާމަވެރިންނަށް އަސްކަރީ އެއްބާރުލުން ދިނުމާ ގުޅިގެން ކަމަށް ޔުކްރެއިން އާއި ހުޅަނގުން ތުހުމަތުކުރެ އެވެ.

ރަޝިއާ އިން ވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފަ އެވެ. އަދި ޔުކްރެއިންގެ މައްސަލައާ ގުޅިގެން ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވެސް ރަޝިއާ އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ޔުކްރެއިންގެ މައްސަލަ އަދިވެސް ހައްލު ނުވާއިރު، ރަޝިއާ އިން ހަނގުރާމަ އަކަށް ތައްޔާރުވަމުންދާ ކަމަށް ބަލައި ނޭޓޯގެ ގައުމުތަކުން ދަނީ އެ ގައުމުތަކުގެ އިތުރަށް އިރުމަތީ ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި އަސްކަރީ ބާރު ގަދަކުރަމުންނެވެ. އެ ގޮތުން، އެކި ގައުމުތަކުގައި ހަ އާ އަސްކަރީ މަރުކަޒު ގާއިމްކޮށް، ކުއްލި ހާލަތުގައި ވަގުތުން ހަރަކާތްތެރިވުމުގެ ގާބިލްކަން ލިބިފައިވާ 5،000 ސިފައިންގެ ބޮޑު ފައުޖެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، އިރުމަތީ ޔޫރަޕްގައި ހުރި ނޭޓޯގެ ބައެއް މެމްބަރު ގައުމުތަކުގައި އެމެރިކާ އިން އަސްކަރީ ސާމާނު ގާއިމްކުރުމަށް ނިންމަައި އެކަން ވެސް ވަނީ ދާދި ފަހުން އިއުލާންކޮށްފަ އެވެ. އެމެރިކާ އިން ބަރު ހަތިޔާރު ގާއިމްކުރަން ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި ކުރީގެ ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތް އެސްޓޯނިއާ އާއި ލެޓްވިއާ އަދި ލިތުއޭނިއާ ހިމެނެ އެވެ.

އެއާ އެކު، ރަޝިއާ އިން ވެސް ވަނީ އެ ގައުމުގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، އަސްކަރިއްޔާ ޒަމާނީ ކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށާފަ އެވެ. އެ ޕްރޮގްރާމްގެ ދަށުން، ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިފައިވާ، ކުރިއަށް ވުރެ ވަރުގަދަ 40 އަށް ވުރެ ގިނަ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް މި އަހަރު ތެރޭ ހިދުމަތަށް ނެރެން ދަނީ ތައްޔާރުވަމުންނެވެ.

ރަޝިއާ ބައިވެރިވެގެން މިދިޔަ ފެބްރުއަރީ މަހު އެކުލަވާލި އެއްބަސްވުމެއްގެ ދަށުން، ޔުކްރެއިންގެ އިރުމަތީ ބިތުގައި އެ ގައުމުގެ ސިފައިންނާއި ރަޝިއާއާ އެއްކޮޅު ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރަމުން ދިޔަ ހަމަލާތައް ކޮންމެވެސް ވަރަކަށް މަދުކުރި އެވެ. އެކަމަކު، މިހާރު އަނެއްކާ ވެސް ހަމަލާތައް ވަރުގަދަކޮށް، ކުރިއެކޭ ވެސް އެއްގޮތަށް ހަނގުރާމަކުރަން ވަނީ ފަށާފަ އެވެ.