ދުނިޔެ

އެއްބަސްވުމެއްނެތި އިނގިރޭސިވިލާތް ވަކިވާންޖެހިދާނެ ކަމަށް އީޔޫން ވެސް ތައްޔާރުވަނީ

Dec 20, 2018

ބްރަސަލްސް (ޑިސެމްބަރު 19) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ހުށަހަޅާފައިވާ އެއްބަސްވުމާއި ގުޅޭގޮތުން ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި، އެއްވެސް އެއްބަސްވުމަކަށް ނާދެވި ވަކިވާން ޖެހިދާނެ ކަމުގެ ތައްޔާރީތައް ފަށާފައިވާކަމަށް އެ އިއްތިހާދުން ބުނެފި އެވެ.

އެފަދަ ހާލަތަކަށް އިނގިރޭސިވިލާތުން ވެސް ތައްޔާރުވަމުންދާއިރު، ޔޫރަޕިއަން ކޮމިޝަނުން ބުނީ އެއްބަސްވުމެއްނެތި އިނގިރޭސިން އީޔޫން ވަކިވުމުން ދިމާވާނެ މައްސަލަތައް ކުޑަކުރެވޭނެ ގޮތްތަކަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އެއްބަސްވުމެއް ނެތި ޔޫރަަޕުގެ އިއްތިހާދުން ވަކިވާންޖެހުމުގެ ހާލަތަށް ތައްޔާރުވުމުގެ ގޮތުން، އިއްޔެ ބޭއްވި އިނގިރޭސިވިލާތުގެ ކެބިނެޓް ބައްދަލުވުމެއްގައި، ދެ ބިލިއަން ޕައުންޑްގެ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ.

ޔޫރަޕިއަން ކޮމިޝަނުން އެކުލަވާލަމުންދާ ޕްލޭނުގައި، އަންނަ މާޗު މަހު އެއްބަސްވުމެއްނެތި ޔޫކޭ ވަކިވެއްޖެނަމަ، ދަތުރުފަތުރާއި މާލީ މުއާމަލާތްތައް ފަދަ މައިގަނޑު ދާއިރާތަކަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ގޮތްތައް ވަނީ ހިމަނާފަ އެވެ.

"ނަމަވެސް މި ފިޔަވަޅުތަކުން، އެއްބަސްވުމެއްނެތި ވަކިވުމުން ދިމާވާނެ ހުރިހާ ދަތިތަކަށް ހައްލެއް ނުލިބެނޭ،" އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކޮމިޝަނުން ހިމަނާފައިވާ 14 ފިޔަވަޅުތަކަށް، ގާނޫނީ ބާރު ލިބިދޭނީ، ދަތުރުފަތުރާއި، ކަސްޓަމްސް، މައުލޫމާތު ރައްކާކުރުމާއި، ތިމާވެށީގެ ސިޔާސަތުތައ ހިމެނޭގޮތަށް މައިގަނޑު އަށް ދާއިރާއެކެވެ.

މީގެ އިތުރުން، ޔޫކޭއިން ފުރާ ފްލައިޓްތައް އީޔޫގެ ގައުމުތަކަށް ދަތުރުކުރުން، 12 މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އަދި ހުއްދަ ނަގަންނުޖެހޭގޮތަށް، ނުވަ މަސް ދުވަހަށް ޔޫކޭއިން އީޔޫ ގައުމުތަކަށް މުދާ އުފުލުމަށްވެސް ވަނީ ހިމަނާފަ އެވެ.

އަދި އީޔޫގައި ހިމެނޭ 27 ގައުމުތަކުގައި ދިރިއުޅޭ ޔޫކޭ ރައްޔިތުންނަށް ލުއިތަކެއް ދިނުމަށް ވެސް، އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.

ނަމަވެސް، މިފިޔަވަޅުތަކަށް އަމަލުކުރާނީ ވަކި މުއްދަތުތަކަކަށް ކަމަށާއި، ދުރާލާ އެންގުމެއްނެތި އެކަންކަން ހުއްޓާލެވޭނެކަމަށް އެ ކޮމިޝަނުން ވަނީ އިނގިރޭސި ސަރުކާރަށް އަންގައިފަ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

މި އެއްބަސްވުމަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށްފަހު ދެ ފަރާތުން ވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލެވޭ އެއްބަސްވުމެކެވެ.

އޭގެ ތެރޭގައި، 21 މަހުގެ އިންތިގާލީ މަރުހަލާއެއްގެ އިތުރުން، އިނގިރޭސިވިލާތުން އީޔޫއަށް ދައްކަންޖެހޭ 35 އާއި 39 ބިލިއަން ޑޮލަރުގެ އަދަދެއް ވެސް ވަނީ ހިމަނާފަ އެވެ.