ދުނިޔެ

އިންޑިއާގައި ވިހަ ރާ ބޮއެގެން މަރުވި މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރައިފި

Jun 23, 2015
1

އިންޑިއާގެ ވިޔަފާރީގެ މަރުކަޒު، މުމްބާއީގައި މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގައި ވިހަ ހުރި ރާ ބޮއެފައި ވަނީ ފަގީރުންގެ ހިޔާއެއްގައި އުޅުނު ބައެކެވެ. އެއީ އެ ސިޓީގައި މިހާތަނަށް ހިނގި އެފަދަ އެންމެ ނުރައްކާތެރި ހާދިސާ ކަމަށް ފުލުހުން ކުރިން ވެސް އޮތީ ބުނެފަ އެވެ.

މުމްބާއީގެ ފުލުހުންގެ ތަރުޖަމާނު ދަނަންޖޭ ކުލްކާނީ އިއްޔެ ވިދާޅުވި ގޮތުގައި އެ ހާދިސާގައި ފަންސާހެއްހާ މީރުން މަރުވި ކަމަށް ކުރިން ބެލެވިފައި ވިޔަސް، މަރުވި މީހުންގެ އަދަދު މިހާރު އުޅެނީ 102ގަ އެވެ. ބޮޑަށް ބެލެވެނީ، އޭނާ ވިދާޅުވި ގޮތުގައި، އެ މީހުން ބުއި ރަލާ މެތަނޮލް އެއްކޮށްފައިވާ ކަމަށެވެ.

"އެކަމަކު ސީދާ ސަބަބެއް ބުނަން އެނގޭނީ ޓެސްޓުތަކުގެ ނަތީޖާ ލިބުމުން،" ތަރުޖަމާނު ވިދާޅުވި އެވެ.

މި މައްސަލާ ގުޅިގެން، ދެ އަންހެނަކާ އެކު ޖުމްލަ ހަތް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެ އެވެ. އެކަމަކު، ވިހަ އެކުލެވޭ ރާ ވިއްކި ފިހާރައެއް އަދި ފުލުހުންނަށް ހޯދިފައެއް ނުވެ އެވެ.

އަގު ހެޔޮ ރަލުގެ ގޮތުގައި ވިއްކާ ތަކެތީގެ ވިހަ މާއްދާތައް އެކުލެވޭ މައްސަލަ އިންޑިއާގައި ވަރަށް ބޮޑެވެ. އެފަދަ ރާ ބުއިމުގެ ސަބަބުން މަރުވުމަކީ އިންޑިއާގައި އާއްމު ވެސް ކަމެކެވެ. އެ ގޮތުން، އުއްތަރަ ޕްރަދޭޝް ސްޓޭޓުގައި ވިހަ އެކުލެވޭ ރާ ބުއި 29 މީހަކު މިދިޔަ ޖެނުއަރީ މަހު މަރުވެފައިވެ އެވެ.