ހަބަރު

ބިޝާމްގެ އިތުބާރު ނެތް މައްސަލަ ނުބާއްވާތީ މެންބަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި

ޕްރޮސެކިއުޓާ ޖެނަރަލް، ޕީޖީ އައިޝަތު ބިޝާމްގެ އިތުބާރު ނެތް ރައްޔިތުން މަޖިލީހުގައި ކުރިޔަށް ނުގެންދާތީ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ޕީޖީ ބިޝާމްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (އަބުޅޯ) އެވެ. އޭނާ އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު އެ ދުވަހު ވަނީ އަނބުރާ ނަގައިފަ އެވެ. ނަމަވެސް މިދިޔަ މަހު ފަހުކޮޅު އަބުޅޯ ވަނީ އެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅާފަ އެވެ. ނަމަވެސް މަޖިލީހުގެ ތިން ވަނަ ދައުރު ނިމިގެން ދިޔަ އިރު ވެސް އެ މައްސަލަ މަޖިލީހުގައި ތާވަލުކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން އަބުޅޯ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ނިންމާލި އިރު އޭނާ މަޖިލީހަށް ހުށަހަޅާފައިވާ ބިޝާމްގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށްފައި ނުވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލަ އޮތީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ކަމަށް އަމީން އާންމް ވިދާޅުވެފައިވާ ކަމަށް ވެސް އަބުޅޯ ވިދާޅުވި އެވެ.

އަބުޅޯ ކުރެއްވި ޓްވީޓު

އަބުޅޯގެ އިތުރުން ފުވަމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 12 މެންބަރުންނަށް ބޭއިންސާފުން ނިންމުންތައް ނިންމި މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންގެ އިތުބާރު ނެތް މައްސަލާގައި ވޯޓަށް ދާން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މިހާރު ހުށަހެޅިފައިވާ ބިޝާމްގެ މައްސަލަ ކުރިޔަށް ނުގެންގޮސް ދައުރުގެ މެދު ތެރެއިން އެއްވެސް ޖަލްސާއެއް ކުރިޔަށް ގެންދަން ތާއީދު ނުކުރާ ކަމަށް ޝާހު ވިދާޅުވި އެވެ.

ޝާހު ކުރެއްވި ޓްވީޓު

މަޖިލީހުގެ ފަހު ދައުރު ނިންމިފައި ވަނީ މި މަހު 15ގަ އެވެ. ނަމަވެސް އެ ޖަލްސާއަށް މެންބަރުން ހަމަ ނުވާތީ އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދެވުނެވެ. ނަމަވެސް ހަތަރު ލީޑަރުން މަޝްވަރާ ކުރުމަށް ފަހު މިހާރު ނިންމާފައި ވަނީ ދައުރުގެ ބޭރުން އިތުރު ޖަލްސާއެއް ބޭއްވުމަށެވެ.