ހަބަރު

އެމްއެމްޕީއާރުސީއިން ނެގި ފައިސާގެ ބޮޑު ބައެއް އަދިވެސް އެމްޕީއެލްއަށް ނުލިބޭ

Dec 22, 2018
1

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު، އެމްއެމްޕީއާރުސީއަށް ޑޮލަރު ހޯދުމަށް އެމްޕީއެލްއިން ނަގާފައިވާ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން ބޮޑު ބައެއް އަދިވެސް ރިކަވާ ނުކުރެވި އެބަހުރި ކަމަށް އެމްޕީއެލްގެ އާ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް 2015 ވަނަ އަހަރު އާންމު ކުރެއްވި އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި، ފަސް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ، އެމްއެމްޕީއާރުސީ ގެ ނަމުގައި އެމްޕީއެލް އިން ދަރަންޏެއްގެ ގޮތުގައި ދޫކޮށްފައި ވަނީ ހަތަރު މަސް ދުވަހުން އެ ފައިސާ ޑޮލަރުން ދައްކާ ގޮތަށެވެ. އަދި އެ ފައިސާ އޭރުގެ ޓޫރިޒަމް މިނިސްޓަރާއި އެ ފަރާތުގެ މަސްލަހަތު ހިމެނޭ ފަރާތަކަށް ވަނީ ދޫކޮށްފައި ކަމަށް އޮޑިޓްގައިވެ އެވެ.

ސީއީއޯ ޝާހިދު ވިދާޅުވީ، އެފައިސާގެ ތެރެއިން އެމްއެމްޕީއާރުސީއިން އަނބުރާ ދެއްކީ ވަރަށް ކުޑަ އަދަދެއްގެ ފައިސާ ކަމަށާއި ބޮޑު އަދަދެއްގެ ފައިސާ އަދިވެސް އޮތީ ނުދައްކާ ކަމަށެވެ. އަދި މީގެ ކުރިން ވެސް އެ ފައިސާ ހޯދުމަށް ކުންފުނިން މަސައްކަތްތަކެއް ކޮށްފައި ހުރި ކަމަށާއި އެ މަސައްކަތުން ވެސް އެ ފައިސާ ރިކަވާ ކުރެވިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުންފުނީގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ އިރު، އެހާ ގިނަ އަދަދެއްގެ ފައިސާއިން ކުންފުނިން ގެއްލިފައި ވުމަކީ ކުންފުންޏަށް ކުރިމަތިވާ ނުހަނު ބޮޑު ގެއްލުމެކެވެ.

"މި ކޮޅުން [އެމްޕީއެލްއިން] ދިން އަދަދުގެ ދެބައިކުޅަ އެއްބައި އަދި ނުލިބި އެބައުޅޭ. ޕޯޓުން އެ ފައިސާ އެމްއެމްޕީއާރްސީއަށްދީ ނުލިބި އޮތުމަކީ ޕޯޓަށް ލިބިފައި އޮތް ވަރަށް ބޮޑު ގެއްލުމެއް، ކޮންމެ ގޮތެއް ވިޔަސް އެއީ ބަނދަރަށް ލިބެންޖެހޭ ފައިސާ. އެހެން ވީމާ އެއީ ވެސް މިވަގުތު އަޅުގަނޑުމެން ބަލަމުންދާ މައްސަލައެއް،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަ ބެލުމަށް ފަހު އެ ފައިސާ ރިކަވާ ކުރުމަށް ކުންފުނީގެ ފަރާތުން އަޅަން ޖެހޭ ފިޔަވަަޅު އަޅާނެ ކަމަށެވެ. ޝާހިދު ވިދާޅުވި ގޮތުގައި އެގޮތަށް މައްސަލަގަނޑަކަށް ވެއްޓި ކުންފުންޏަށް ގެއްލުންވެފައިވާ ވަރަށް ގިނަ މުއާމަލާތްތައް ކުންފުނީގެ ތެރެއިން ހިނގާފައި އެބަ ހުއްޓެވެ. އަދި އެފަދަ ކަންތައްތައް ހިނގީ ކިހިނެތްތޯ ބަލައި އެ ކަންކަން ތަކުރާރު ނުވާނެ ގޮތަށް ކަންކަން ވަރަށް އަވަހަށް އިސްލާހު ކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"މިކަހަލަ ކަންކަން ވެފައި ހުރި ގޮތް އަޅުގަނޑު ބަލާނަން. އަދި އެއަށް ފަހު ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ކުންފުންޏަށް ގެންނަމުން ދާނެ. އެކަންކަން ލަސްނުކޮށް އަޅުގަނޑު ކުރާނަން،" ޝާހިދު ވިދާޅުވި އެވެ.

މީގެ ކުރިން އެމްޕީއެލްގެ ސީއީއޯއަކަށް ހުންނެވި މުހައްމަދު ޖުނައިދު އެމަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އޭރު އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި 100 މިލިއަނެއްހާ ރުފިޔާ އެމްއެމްޕީއާރުސީއިން އެމްޕީއެލްއަށް ދައްކަން ވެފައި އެބަ ހުއްޓެވެ. އަދި އެ ފައިސާ ހޯދުމަށް، އެމްއެމްޕީއާރުސީއާ އެކު އެކި ފަހަރު މަޝްވަރާކޮށް ބައިބަޔަށް ބަހާލައިގެން އެ ފައިސާ ދެއްކުމުގެ އިންތިޒާމްއަކަށް ދިޔުމަށް ވެސް ވަނީ ވާހަކަ ދެކެވިފަ އެވެ.

އެމްޕީއެލް އާއި އެމްޓީޑީސީއިން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން އެމްއެމްޕީއާރުސީއަށް ޑޮލަރުގަތް މައްސަލައިގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭރު އެމްއެމްޕީއާރުސީގެ އެމްޑީއަކަށް ހުންނެވި، އަބްދުﷲ ޒިޔަތަށް ވެސް ވަނީ ދައުވާ ކުރަން އޭސީސީއިން ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ.