މެންޗެސްޓާ ސިޓީ

ޕެލަސްއިން ވަރުގަދަ މެން ސިޓީ ސިއްސުވާލައިފި

ސިޓީގެ އިއްތިހާދުގެ ސްޓޭޑިއަމްގައި، އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު 3-2 ން ކާމިޔާބު ކޮށް ކްރިސްޓަލް ޕެލަސްއިން މެންޗެސްޓާ ސިޓީއަށް ސިހުން ގެނެސްފި އެވެ.

ލިވަޕޫލާ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ސިޓީއަށް ގެއްލީނީ ސިޓީން ލީޑް ނަގާފައި ވަނިކޮށް، ފަހަތުން އަރައި، ޕެލަސްއިން ކާމިޔާބު ކުރި ތިން ލަނޑުންނެވެ. މެޗުގެ 27 ވަނަ މިނެޓްގައި، ސިޓީއަށް ލީޑް ނަގައިދިނީ އިލްކޭ ގުންޑޯގަން ކާމިޔާބު ކުރި ލަނޑުންނެވެ. ލިވަޕޫލާ ސިޓީ އާ ދެމެދު މިހާރު ހަތަރު ޕޮއިންޓް އެބައޮތެވެ.

ލީޑް ނަގައިގެން ސިޓީއަށް ހަމަ ނޭވާ ލެވުނީ އެންމެ ހަ މިނެޓެއްހާއިރު އެވެ. ޕެލަސްގެ ފުރަތަމަ ލަނޑު ޖެފްރީ ޝުލާޕް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. އޭގެ ދެ މިނެޓް ފަހުން އެންޑްރޮސް ޓައުންސެންޑް އޭރިއާގެ ބޭރުން އުންޑައެއް ހެން ފޮނުވާލި ބޯޅައިން، އޭނާ ވަނީ ޕެލަސްގެ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލާފަ އެވެ.

ޕެލަސްއިން ލީޑް ފުޅާ ކުރީ، އެ ޓީމަށް ލިބުނު ޕެނަލްޓީ އެއްގައެވެ. ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއިން، އެ ޓީމުގެ ޑިފެންޑަރު ކައިލް ވޯކާ، ޕެލަސްގެ މެކްސް މެޔާއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީން ޕެލަސްގެ ލަނޑު ކާމިޔާބު ކުރީ ލުކަ މިލިވޮޖެވިކް އެވެ. ސިޓީއަށް ނަތީޖާގެ ފަރަގު ކުޑަ ކޮށްދިނީ 85 ވަނަ މިނެޓްގައި ކެވިން ޑި ބްރޭނޭ އެވެ.

ހަތަރު ވަނައިގައި އޮތް ޗެލްސީވެސް ވަނީ، ލެސްޓާ ސިޓީ އަތުން 1-0 ން ބަލިވެފަ އެވެ. ލެސްޓާގެ ލަނޑު ކާމިޔާބު ކުރީ ޖެމީ ވާޑީ އެވެ. ޗެލްސީއަށް މޮޅު ނުވެވުމުން އާސެނަލް އާ ޗެލްސީއާ ދެމެދު އޮތް ޕޮއިންޓް ވަނީ ހަމަހަމަ ވެފަ އެވެ. ބާންލީއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް ކާމިޔާބު ކުރީ 3-1 ންނެވެ. އާސެނަލްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ޕީއާ އެމްރިކް އޮބާމެޔަންގް އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ އެލެކްސް އިވޯބީ އެވެ. ބާންލީގެ ލަނޑު ކާމިޔާބު ކުރީ އެޝްލީ ބާނެސް އެވެ.