ދުނިޔެ

އަލިފާން ފަރުބަދައެއް ގޮވައިގެން އިންޑޮނީޝިއާއަށް އެރި ސުނާމީގައި 43 މީހުން މަރު

Dec 23, 2018

ޖަކާޓާ (ޑިސެމްބަރު 22) - އިންޑޮނީޝިއާގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އުފެދުނު ސުނާމީއެއްގައި، މިހާތަނަށް 43 މީހުން މަރުވެފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ސުންޑާ ސްޓްރެއިޓްގައި ހިނގި އެ ހާދިސާގައި އެތަކެއް ސަތޭކަ އިމާރާތަކަށް ގެއްލުން ލިބިފައިވާއިރު، 584 މީހުން ޒަހަމްވެފައިވާކަމަށް ވެސް އެ ގައުމުން ވަނީ ބުނެފަ އެވެ.

ސުނާމީ އަރަން މެދުވެރިވީ، އެ ސަރަހައްދުގައި އޮންނަ ކްރަކަޓާއޯ އަލިފަން ފަރުބަދަ ގޮވައިގެން ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. ސުންޑާއަކީ އިންޑޮނީޝިއާގެ ދެ ރަށެއް ކަމުގައިވާ ސުމާޓްރާ އާއި ޖާވާ އާ ދެމެދު އޮންނަ ހަނި ސަރަހައްދެކެވެ.

ހޮނިހިރު ދުވަހުގެ ރޭ އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު އިތުރުވެދާނެކަމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފަ އެވެ.

އެގައުމަށް 2004 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީއެއްގައި އޭޝިއާގެ އެކި ގައުމުތަކުން ދެލައްކައަށް ވުރެ ގިނަ މީހުން މަރުވި އެވެ.