ދުނިޔެ

ގެޓްވިކް އެއާޕޯޓް ހުއްޓުވާލި ޑްރޯން މައްސަލާގައި ދެ މީހުން ހައްޔަރުކޮށްފި

Dec 23, 2018

ލަންޑަން (ޑިސެމްބަރު 22) - އިނގިރޭސިވިލާތުގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓުކަމުގައިވާ ގެޓްވިކް އެއާޕޯޓު ސަރަހައްދުގައި ޑްރޯންތަކެއް އުދުއްސުމުގެ ސަބަބުން، މުޅި އެއާޕޯޓް ބަންދު ކުރަންޖެހުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ ޑްރޯންތައް އެންމެ ފުރަތަމަ ފެނިފައިވަނީ، ބުދަ ދުވަހު އެވެ. ސަލަމާތީ ސަބަބުތަކަށްޓަކައި، ގެޓްވިކް އެއާޕޯޓު ރަންވޭ ބަންދުކުރުމުން، 120،000 އަށް ވުރެ ގިނަ މީހުންނަށް ނުފުރި ތާށިވި އެވެ. އޭގެ ފަހުން، ރަންވޭ ހުޅުވަން ތައްޔާރުވި ކޮންމެ ފަހަރަކު އެ ޑްރޯންތައް ވަނީ އެ ސަރަހައްދުގައި އުދުއްސައިފަ އެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތަފްސީލު އަދި ހާމަކޮށްފައިނުވި ނަމަވެސް، ޔޫރަޕުގެ އަށްވަނަ އަށް އެންމެ ބާރުބޮޑު އެއާޕޯޓް މިހާރު ވަނީ ހުޅުވައިފަ އެވެ.

ރަންވޭ ބަންދުކޮށްގެން އެ މައްސަލަ ދިގުލައިގެން ދިޔުމުން، އިދިކޮޅުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.