ހަބަރު

"އަގު ބޮޑުކޮށް ދަތުރު ކުރާ ޓެކްސީތައް ހުއްޓުވާނަން"

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ކަނޑައަޅާފައިވާ ޓެކްސީ ކުރުމުގެ އަގުތަކާ ހިލާފަށް، ބޮޑު އަގުގައި ދަތުރު ކުރާ ޓެކްސީތައް ހުއްޓުވާ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ޓްރެފިކް ފުލުހުން ހިންގާ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ ޓެކްސީ ކުރުމުގެ އަގުތަކާ ހިލާފަށް ބައެއް ޓެކްސީ ޑްރައިވަރުން އަގުނަގާކަމަުގެ ޝަކުވާ ލިބޭ ކަމަށާއި އެކަންތައް ބެލުމަށްޓަކައި ޓެކްސީތައް މަގުމަތިން ހުއްޓުވާ ދަތުރު ކުރާ ފަސިންޖަރުންނާ ސުވާލުކޮށް ނަގާ އަގުތައް ބަލަމުންދާނެ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް އަގު ނަގާ ޓެކްސީ ޓްރައިވަރުންނާ މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދޔަ ސެޕްޓެމްބަރު މަހު 10 ވަނަ ދުވަހު ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ ޓެކްސީތައް ދަތުރު ކުރުމުގައި އަގު ނަގަން ޖެހޭ ގަވައިދު އިއުލާންކޮށްފަ އެވެ. އެ ގަވައިދުގައިވާ ގޮތުން މާލެ ތެރެ އަދި ހުޅުމާލެ ތެރޭގެ ދަތުރުތަކަށް ނަގާނީ 25 ރުފިޔާ އެވެ. އަދި މާލެއިން އެއާޕޯޓަށް ނުވަތަ ހުޅުމާލެއިން އެއާޕޯޓަށް ނަގާނީ 35 ރުފިޔާ އެވެ. އޭގެ އިތުރުން މާލެއިން ހުޅުމާލެއަށް އަދި އަދި ހުޅުމާލެއިން މާލެއަށް ދަތުރު ކުރާ އަގަކީ 40 ރުފިޔާ ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

ނަމަވެސް މިހާރު އާންމުކޮށް ޓެކްސީތަކުން ދަތުރުކޮށްދެނީ ބްރިޖަށް ނުވަތަ ހައިވޭއަށް އަރާނަމަ 100 ރުފިޔާއަށެވެ. އަދި ބައެއް ޓެކްސީތަކުން އެއް ފަހަރާ ދެ ފަސިންޖަރުން އަރުވައިގެން ދަތުރު ކުރާއިރު ކޮންމެ ފަސިންޖަރެއް އަތުން ވެސް 100 ރުފިޔާ ނަގަ އެވެ. އެކަމާ ގުޅިގެން އާންމު އެތަށް ބައެއްގެ ޝަަކުވާ ވަނީ ބޮޑުވެފަ އެވެ.