ދުނިޔެ

އިންޑޮނޭޝިއާއަށް އިތުރު ސުނާމީއެއް އަރާފާނެކަމުގެ ބިރު

Dec 24, 2018

ޖަކާޓާ (ޑިސެމްބަރު 23) - އިންޑޮނީޝިއާގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އުފެދުނު ސުނާމީއެއްގައި، މިހާތަނަށް 280 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިތުރު ސުނާމީއެއް އަރާފާނެ ކަމުގެ ފުރުސަތު އެބަ އޮތް ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ސުންޑާ ސްޓްރެއިޓްގައި ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި އެތަކެއް ސަތޭކަ އިމާރާތަކަށް ގެއްލުން ލިބިފައިވާއިރު، 1،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފަ އެވެ.

ސުނާމީ އަރަން މެދުވެރިވީ، އެ ސަރަހައްދުގައި އޮންނަ ކްރަކަޓާއޯ އަލިފަން ފަރުބަދަ ގޮވައިގެން ކަމަށްވާއިރު، އެ ފަރުބަދާގައި އިތުރު ގޮވުންތަކެއް މެދުވެރިވެ، އިތުރު ސުނާމީއެއް އުފެދިދާނެކަމަށް ބުނެ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ސަމާލުވާން ވަނީ އަންގައިފަ އެވެ.

އެ ހާދިސާގައި ޒަހަމްވި މީހުންނަށް ފަރުވާދެމުންދާއިރު، ވެއްޓިފައި ހުރި އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.

ސުންޑާއަކީ އިންޑޮނީޝިއާގެ ދެ ރަށެއް ކަމުގައިވާ ސުމާޓްރާ އާއި ޖާވާ އާ ދެމެދު އޮންނަ ހަނި ސަރަހައްދެކެވެ.

ބިންހެލުން އާންމުކޮށް އަންނަ ސަރަހައްދަކަށް ނިސްބަތްވާ އިންޑޮނީޝިއާ އަށް މިދިޔަ އޯގަސްޓް މަހު އައި ބިންހެލުމެއްގައި 505 މީހުން މަރުވެފައިވާއިރު، ސެޕްޓެމްބަރު އައި ބިންހެލުމަކަށްފަހު އެރި ސުނާމީއެއްގައި 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އަދި 2004 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމަކީ ފަހުގެ ތާރީހެއްގައި ރިކޯޑްކުރެވިފައިވާ އެންމެ ނުރައްކާ ބޮޑު ބިންހެލުމެވެ. އެ ބިންހެލުމަށް ފަހު އިރުމަތީ އޭޝިއާގެ ގައުމުތަކަށާއި ދެކުނު އޭޝިއާގެ ގައުމުތަކަށް ސުނާމީ އަރައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު އެ ޕްރޮވިންސުން އެކަނި ވެސް 120،000 މީހުން މަރުވެފައިވެ އެވެ.