ދުނިޔެ

ގެޓްވިކް އެއާޕޯޓް ހުއްޓުވާލި ޑްރޯން މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

Dec 24, 2018

ލަންޑަން (ޑިސެމްބަރު 23) - އިނގިރޭސިވިލާތުގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓުކަމުގައިވާ ގެޓްވިކް އެއާޕޯޓު ސަރަހައްދުގައި ޑްރޯންތަކެއް އުދުއްސުމުގެ ސަބަބުން، މުޅި އެއާޕޯޓް ބަންދު ކުރަންޖެހުނު މައްސަލާގައި ހައްޔަރުކުރި މީހުންނަށް ދައުވާނުކުރަން ނިންމައި، އެ މީހުން ދޫކޮށްލައިފި އެވެ.

އެ ޑްރޯންތައް އެންމެ ފުރަތަމަ ފެނިފައިވަނީ، ބުދަ ދުވަހު އެވެ. ސަލަމާތީ ސަބަބުތަކަށްޓަކައި، ގެޓްވިކް އެއާޕޯޓު ރަންވޭ ބަންދުކުރުމުން، 120،000 އަށް ވުރެ ގިނަ މީހުންނަށް ނުފުރި ތާށިވި އެވެ. އޭގެ ފަހުން، ރަންވޭ ހުޅުވަން ތައްޔާރުވި ކޮންމެ ފަހަރަކު އެ ޑްރޯންތައް ވަނީ އެ ސަރަހައްދުގައި އުދުއްސައިފަ އެވެ.

އެ މައްސަލާގައި މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ފިރިހެނަކާއި 54 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ ޑްރޯން ފެނިގެން 60 އަށް ވުރެ ގިނަ ރިޕޯޓް ހުށަހަޅާފައިވީ ނަމަވެސް، އެ ހުރިހާ ރިޕޯޓެއްގެ ސައްހަކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.

ޔޫރަޕުގެ އަށްވަނަ އަށް އެންމެ ބާރު ބޮޑު އެއާޕޯޓް ހުއްޓުވާލުމުގެ ފަހަތުގައި ތިބި މީހުންގެ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދޭ ފަރާތަކަށް 50،000 ޕައުންޑުގެ އިނާމެއް، އެއާޕޯޓް ހިންގާ ކުންފުނިން ވަނީ ހުށަހަޅައިފަ އެވެ.