ދުނިޔެ

ހިޔާނާތުގެ އިތުރު ދައުވާއެއް ސާބިތުވެ، ނަވާޒް ޝަރީފް އަނބުރާ ޖަލަށް

Dec 24, 2018

އިސްލާމްއާދާބު (ޑިސެމްބަރު 24) - ހިޔާނާތުގެ އިތުރު ދައުވާއެއް ސާބިތުވެ، ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް ދާދި ދެންމެއަކު އިއްވައިފި އެވެ.

ހިޔާނާތުގެ ކުށް ސާބިތުވެ ނަވާޒް ޝަރީފު 10 އަހަރަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ޖުލައި މަހު ކުރި ހުކުމް، އެ ގައުމުގެ ހައި ކޯޓުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ބާތިލުކޮށްފަ އެވެ.

އެފަހަރު ދައުވާ ކުރީ، ލިބޭ އާމްދާނީ އާއި ނުބައްދަލު އަދަދަކަށް އިނގިރޭސިވިލާތުގެ ލަންޑަނުން ހަތަރު ފްލެޓް ބައްލަވައިގެންނެވި މައްސަލާގައި އެވެ.

ފްލެޓްތައް ބައްލަވައިގެން މައްސަލަ ފެންމަތިވެފައިވަނީ 2015 ވަނަ އަހަރު ލީކުވި ޕެނަމާ ޕޭޕާސް ތެރޭގަ އެވެ. ޕާކިސްތާނުގެ ސުޕްރީމު ކޯޓުން ނަވާޒް ޝަރީފް މަގާމުން ދުރުކުރީ ވެސް މި މައްސަލާގަ އެވެ.

މިއަދު ނަވާޒް ޝަރީފްގެ މައްޗަށް ކުށް ސާބިތުވެފައިވަނީ، ސައުދީ އަރައްބިޔާގައި އެމަނިކުފާނުގެ ނަމުގައި އޮންނަ ސްޓީލް މިލްއެއް ލިބޭ އާމްދާނީ އާއި ނުބައްދަލު އަގަކަށް ބައްލަވައިގަތް މައްސަލައިގަ އެވެ.

ކޯޓުގެ ހުކުމް ނަވާޒް ޝަރީފާއި ދެކޮޅަށް އައިސްފިނަމަ، މުޅި ގައުމުގައި މުޒާހަރާ ކުރާނެކަމުގެ އިންޒާރު އެމަނިކުފާނުގެ ޕާޓީން ވަނީ ދީފަ އެވެ.