މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫގައި ނެއިބާހުޑް ޕޮލިސް ގާާއިމް ކުރަން މަޝްވަރާ ކޮށްފި

ފުލުހުންގެ ހިދުމަތުގެ ތެރެއަށް އަލަށް ގެނައި ނެއިބާހުޑް ޕޮލިސް ނުވަތަ ގޭދޮށު ފުލުހުންގެ ހިދުމަތް އައްޑޫ ސިޓީގައި ގާއިމްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފި އެވެ.

އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސާދިގާއި ޑިވިޒަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝުހާދާއި ސައުތު ޕޮލިސް ޑިވިރަންގެ އެކްޓިން ޑިވިރަން ކޮމާންޑަރު ސަބް އިންސްޕެކްޓަރު އޮފް ޒިޔާދު އަލީ ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، މި ހިދުމަތް އައްޑޫގައި ދޭން ފަށާއިރު، އާންމުންގެ ފަރާތުން ލިބޭ މައުލޫމާތުތައް ތަންފީޒު ކުރުމުގައި، ކައުންސިލްގެ ދައުރެއް ވާނަަމަ، އެކަމަށް ކައުންސިލްގެ ފަރާތުން ވެދެވޭނެ އެހީތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރި އެވެ.

މީގެ އިތުރުން ސަރުކާރުގެ އެހެނިހެން އިދާރާތަކާ ފަލުހުންނާ އޮންނަށް ގުޅުން ވަރުގަދަ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންވެސް މަޝްވަރާތައް ކުރި އެވެ.

މިމިހު 17 ގައި ތައާރަފްކުރި ނެއިބާހުޑް ފުލުހުންގެ ހިދުމަތަކީ، ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްދީ، ރައްޔިތުންނަށް ދިމާވާ ކަންބޮނޑުވުންތަށް ފުލުހުންނާ ފަސޭހައިން ހިއްސާކޮށް އަވަސް ހައްލެއް އެކަމަށް ހޯދައި ދިނުމުގެ ބޭނުމުގައި ތައާރަފް ކޮށްފައިވާ ހިދުމަތެކެވެ. މިވަގުތު މި ހިދުމަތް ދެނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގަ އެވެ.