ހަބަރު

ހުޅުމާލޭ ބީޗުގެ ހަޓުތަކާއި މޭޒުތައް ނަގަން އަންގައިފި

ހުޅުމާލޭ ބީޗު ސަރަހައްދުގައި ހުރި ކެފޭތަކުންް އެ ރަށުގެ ބީޗުގައި ހަދާފައި ހުރި ހަޓުތަކާއި އަތުރާފައި ހުރި މޭޒާއި ގޮނޑި ފަދަ ތަކެތި ނަގާ ބީޗު ހުސް ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށް ސަރަހައްދަކީ ދިރިއުޅޭ އެންމެނާ އާންމުންނާއި ހުޅުމާލެއަށް ޒިޔާރާތް ކުރާ ފަރާތްތަކުގެ ބޭނުމަށް ކަނޑައަޅާފައިވާ އާންމު ސަރަހައްދެއް ކަމަށާއި އެއީ އެންމެނަށް ބޭނުން ކުރެވޭ ގޮތަކަށް ވަކި ޕްލޭނެއްގެ ދަށުން ތަރައްގީ ކުރުމަށް ރާވާފައިވާ ތަނެއް ކަމަށެވެ.

އެ ސަރަހައްދުގައި ހުރި ގަސްތައް ކޮށައި، ހަޓްތައް ހަދައި ގޮނޑި އަދި މޭޒު ފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި އުސޫލުން އެ ސަރަހައްދު ބޭނުން ކުރަމަކީ އެޗްޑީސީ އިން ހުއްދަ ކުރާ ކެމެއް ނޫން ކަމަށާއި އެއްވެސް ފަރާތަކަށް އެ ހުއްދަ ދޫކޮށްފައި ނުވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެހެންކަމުން އަންނަ މަހުގެ ނިޔަލަށް އެތަކެތި ނަގާ ބީޗު ހުސް ކުރަން އަންގާ ކަމަށާއި ގަވައިދާ ހިލާފަށް އެތަނުގައި ކުރަމުންދާ އެހެނިހެން އިމާރާތް ކުރުން ވެސް ހުއްޓާލުމަށް އަންގާ ކަމަށް އެޗްޑީސީ އިން ބުންނެވެ.

"... އެ ސަރަހައްދު ހުސް ނުކޮށްފި ނަމަ އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ، އެކަމުގެ ސަބަބުން ތަނުގައި ބެހެއްޓިފައި ހުރި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް މި ކޯޕަރޭޝަން އިން ޒިންމާއެއް ނުވާނަން،" އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން އިތުރަށް ބުނީ ބީޗު ސަރަހައްދު ތަރައްގީ ކުރާނެ ގޮތުގެ އުސޫލެއް ވަރަށް އަވަހަށް އެކުލަވާލާ އާންމު ކުރާނެ ކަމަށެވެ. އެތަން ތަރައްގީ ކުރާނީ ބީޗަށް ދާ އާންމުންނަށް ހުޅުވާލެވިފައިވާ ޕަބްލިކް އޭރިއާއެއް ގޮތުގައި ކަމަށާއި މިހާރު ވެސް ލިބޭ ހިދުމަތްތައް ލިބޭނެ ފަދަ ގޮތަކަށް ކަމަށް އެ ކޯޕަރޭޝަން އިން ބުންޏެވެ.