ވިޔަފާރި

އުސޫލެއްގެ ދަށުން ނަމަވެސް ބީޗު ބޭނުން ކުރެވެން ޖެހޭ: ގެސްޓްހައުސްތައް

ހުޅުމާލެ ބީޗުގައި ހުރި ގޮނޑި/ މޭޒުތަކާއި ހަޓުތައް ނެގި ނަމަވެސް ކަނޑައެޅޭ އުސޫލެއްގެ ދަށުން ބީޗް ސަރަހައްދު ބޭނުން ކުރެވޭނެ ގޮތްވުން ވަރަށް މުހިންމު ކަމަށް ހުޅުމާލޭގެ ބައެއް ގެސްޓްހައުސްތަކުން ތަކުން ބުނެފި އެވެ.

ހުޅުމާލެ ބީޗުގައި ހުރި ގޮނޑިތަކާއި ހަޓްތައް ނަގަން އެޗްޑީސީން އިއްޔެ ވަނީ އަންގާފަ އެވެ. މިތަން ހުސްކުރަން ޖެހެނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

މި އެންގުމާ ގުޅިގެން، ހުޅުމާލެގައި ހިންގާ "ދަ ބިގް އެޕަލް" ރެސްޓޯރެންޓުގެ މެނޭޖިން ޑިރެކްޓަރު މޫސާ ނާސިހު "އަވަސް" އަށް މިއަދު ވިދާޅުވީ ބީޗުގައި މިހާރު ހުރި ހަޓްތައް މިވަގުތަށް ނެގި ނަމަވެސް ވަކި އުސޫލެއްގެ ދަށުން ބީޗް ދިނުން މުހިންމު ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި މައްސަލަ [ހުޅުމާލެ ބީޗްގައި ހަޓްތަކުގެ] ގެ މައްސަލަ ބޮޑު ވެގެން ދިޔައީ ބައެއް ފަރާތްތަކުން ބޮޑެތި ހަޓްތައް ހެދުމުން. ކުރިން ވެސް އެ ސަރަހައްދުގައި ގޮނޑި ޖަހާއިގެން ހިދުމަތް ދިން. ނަމަވެސް މައްސަލަ ބޮޑުވީ ބޮޑެތި ހަޓްތައް ހަދަން ފެށި ހިސާބުން،" ނާސިހު ވިދާޅުވި އެވެ.

ނާސިހު ވިދާޅުވީ މިހާރު ހުޅުމާލެ ބީޗް ބޭނުންކުރާ ގޮތަށް ބޮޑެތި ހަޓްތައް ނަޖައިގެން އުޅުމަކީ އޭނާ ވެސް ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އުސޫލެއް ކަނޑައަޅައި ފީއެއް ނަގަގައިގެން ނަމަވެސް ބީޗް ބޭނުން ކުރެވެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ބީޗުގައި ހިދުމަތްދޭ ތަންތަނުގެ 80 ޕަސެންޓް ގެސްޓުންނަށްވުރެ ގިނައިން ބޭނުން ކުރަނީ ދިވެހިން،" ނާސިހު ވިދާޅުވި އެވެ.

ޖެނުއަރީ 1، ގެ ކުރިން ބީޗް ހުސްކުރޭ

ހުޅުމާލޭގެ ބީޗުގައި ހުރި ގޮނޑި މޭޒު އަދި ހަޓްތައް ނަގަން ކޮށްފައިވާ އިއުލާނެއްގައި އެޗްޑީސީން ބުނީ ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށް ސަރަހައްދަކީ ދިރިއުޅޭ އެންމެނާ އާންމުންނާއި ހުޅުމާލެ އަށް ޒިޔާރާތް ކުރާ ފަރާތްތަކުގެ ބޭނުމަށް ކަނޑައަޅާފައިވާ އާންމު ސަރަހައްދެއް ކަމަށާއި އެއީ އެންމެނަށް ބޭނުން ކުރެވޭ ގޮތަކަށް ވަކި ޕްލޭނެއްގެ ދަށުން ތަރައްގީ ކުރުމަށް ރާވާފައިވާ ތަނެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި ގަސްތައް ކޮށައި، ހަޓްތައް ހަދައި ގޮނޑި އަދި މޭޒު ފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި އުސޫލުން އެ ސަރަހައްދު ބޭނުން ކުރަމަކީ އެޗްޑީސީ އިން ހުއްދަ ކުރާ ކެމެއް ނޫން ކަމަށާއި އެއްވެސް ފަރާތަކަށް އެ ހުއްދަ ދޫކޮށްފައި ނުވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެހެންކަމުން އަންނަ މަހުގެ ނިޔަލަށް އެތަކެތި ނަގާ ބީޗު ހުސް ކުރަން އަންގާ ކަމަށާއި ގަވައިދާ ހިލާފަށް އެތަނުގައި ކުރަމުންދާ އެހެނިހެން އިމާރާތް ކުރުން ވެސް ހުއްޓާލުމަށް އަންގާ ކަމަށް އެޗްޑީސީ އިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެ ސަރަހައްދު ހުސް ނުކޮށްފި ނަމަ އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ތަނުގައި ބެހެއްޓިފައި ހުރި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް މި ކޯޕަރޭޝަން އިން ޒިންމާއެއް ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބީޗް ދޭން ކުރިން އިއުލާނު ކުރި

ބީޗުގައި ހުރި ހަޓްތަކާއި ގޮނޑިތައް ނަގަން އެޗްޑީސީއިން އިއްޔެ އިއުލާނު ކުރިނަމަވެސް، މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ގެސްޓްހައުސްތަކަށް ބީޗް ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން އެޗްޑީސީން އެތަން ވަނީ ބިޑް ވެސް ކޮށްފަ އެވެ. މިގޮތުން ބައެއް ފަރާތްތަކުން ބީޗު ބޭނުން ކުރުމަށްޓަކައި އެކަމަށް ވަނީ ހުށަހަޅާފަ އެވެ.

ހުޅުމާލެ ބީޗު ބޭނުން ކުރެވޭ ގޮތަށް ދެ ރެސްޓޯރެންޓް ހިންގާ، ވިޒްޓާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނަސީރު "އަވަސް" އަށް މިއަދު ވިދާޅުވީ ބީޗު ހޯދަން އެ ކުންފުނިން ވެސް ބިޑް ކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވެސް އެޕްލައި ކުރިން. އެ އިއުލާނު އެޗްޑީސީއިން ބާތިލެއް ހަމަ ގައިމު ވެސް ކުރިކަމެއް ނޭނގޭ. އެހެންވެ، އުންމީދު އުސޫލެއްގެ ދަށުން ނަމަވެސް ބީޗް ސަރަހައްދު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް،" ނަސީރު ވިދާޅުވި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަހުމަދު ކަރަމް "އަވަސް" އަށް މިއަދު ވިދާޅުވީ ބީޗް ބޭނުންކުރެވޭނެ އުސޫލެއް އޮންނަން ޖެހޭ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ބީޗް ހުސްކުރަން އެންގުން އޭނާ ކުއްވެރި ކުރެއްވި އެވެ.

"މިހާ ޝޯޓް ނޯޓިސްއެއްގައި ބީޗް ހުސްކުރަން އެނގުމަކީ ވަރަށް ހުދުމުހުތާރު ކަމެއްގެ ގޮތުގައި ދެކެނީ،" ކަރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިޔަފާރިތަކަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން ނަމަވެސް ބީޗް ބޭނުންކުރެވޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށް ޖަމިއްޔާ އިން ދެކޭ ކަމަށެވެ.

"ވިޔަފާރިތަކަށް ފުރުސަތު ދީގެން ޓެކްސް ދެއްކޭނީވެސް. މި ފުރުސަތު ދީގެން ވަޒީފާތައްވެސް މި އުފެދެނީ. އުންމީދަކީ އުސޫލެއްގެ ހަދައިގެންނަމަވެސް މިތަން ބޭނުންކުރެވޭނެ ގޮތްވުން،" ކަރަމް ވިދާޅުވި އެވެ.