ދުނިޔެ

ބަންގްލަދޭޝް: އިންތިހާބާއި ދިމާކޮށް އިދިކޮޅު ލީޑަރުން ހައްޔަރުކުރާ ކަމުގެ ތުހުމަތު

Dec 25, 2018
1

ޑާކާ (ޑިސެމްބަރު 24) - ބަންގްލަދޭޝްގެ ޕާލަމަންޓް އިންތިހާބާއި ދިމާކޮށް އިދިކޮޅު ލީޑަރުންނާއި ސަޕޯޓަރުން ހައްޔަރު ކުރަމުންދާ ކަމުގެ ތުހުމަތު ސަރުކާރަށް އަމާޒުކޮށްފި އެވެ.

ނެޝަނަލް ޔުނިޓީ ފްރަންޓް އިސްވެ އިދިކޮޅު އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ނޮވެމްބަރު މަހު އިންތިހާބު ބައްވާކަން އިއުލާނު ކުރުމާއެކު މިހާތަނަށް 7،000 ވުރެ ގިނަ އެކްޓިވިސްޓުންނާއި އިސް އޮފިޝަލުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި ފުލުހުންނާއި، ވެރިކަންކުރާ އަވާމީ ލީގުގެ ސަޕޯޓަރުން އިދިކޮޅު މެމްބަރުންނަށް ބޮޑެތި ހަމަލާތައް ދެމުންދާ ކަމުގެ ތުހުމަތު ވެސް އެ ބަޔާނުގައި ކޮށްފައިވެ އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރައްކާތެރިކަމާއި، ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ކަށަވަރު ކޮށްދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅުތައް އަޅަމުން ގެންދާ ކަމުގެ ތުހުމަތު ކުރެވޭއިރު، ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޕާޓީގެ ވެބްސައިޓު ވެސް ބްލޮކް ކޮށްފައިވާ ކަމުގެ ތުހުމަތު ވެސް އެ ޕާޓީން ވަނީ ކޮށްފަ އެވެ.

ކޮރަޕްޝަނުގެ ދައުވާ ސާބިތުވެފައިވާ ޚާލިދާ ޒިޔާއަށް މި އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ޚާލިދާ ޒިޔާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ މިދިޔަ ފެބްރުއަރީ މަހު ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އޭގެ ފަހުން، އޮކްޓޯބަރު މަހު އިތުރު ކޮރަޕްޝަންގެ ދައުވާ އެއް ސާބިތުވެ އިތުރު ހަތް އަހަރުގެ ޖަލު ހުކުމެއް އެކަމަނާގެ މައްޗަށް ވަނީ އިއްވައިފަ އެވެ.

އިންތިހާބާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް ހަ މީހުން މަރުވެފައި ވާއިރު، އިދިކޮޅު ސަޕޯޓަރުން ހައްޔަރުކުރާ ކަމުގެ ތުހުމަތު ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.

އިންތިހާބު އޮބްޒާވް ކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް ވިސާ ދޫކުރުމަށް ހުރަސް އަޅަމުންދާ ކަމުގެ ޝަކުވާތައް ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.