ދުނިޔެ

އަފްގާނިސްތާނުގެ މިނިސްޓްރީއަކަށް ދިން ހަމަލާގައި 43 މީހުން މަރުވެއްޖެ

Dec 25, 2018

ކާބުލް (ޑިސެމްބަރު 25) - އަފްގާނިސްތާނު ސަރުކާރުގެ އިމާރާތަކަށް ޖާނުން ފިދާ ވެގެންނާއި ބަޑީގެ ހަމަލާތަކެއްގައި މިހާތަނަށް 43 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ވެރިރަށް ކާބުލްގައި ހުންނަ ޕަބްލިކް ވާކްސް މިނިސްޓްރީ ހުންނަ އިމާރަތަށް ހޯމަ ދުވަހު ދިން ހަމަލާތަކުގައި އިތުރު 25 މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ހަމަލާތައް ދިން ވަގުތުގައި އެތަކެއް ސަތޭކަ މުވައްޒަފުންނަށް އިމާރާތުގެ ތެރޭގައި ފިލާތިބިކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެ އެވެ.

އިއްޔެގެ ހަމަލާދިން ބައެއް އަދި ސާފުނުވި ނަމަވެސް، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ވިސްނުމުގެ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ތާލިބާނުން ވެސް ވަނީ މިފަދަ ހަމަލާތައް މީގެ ކުރިން ދީފަ އެވެ.

އެންމެ ފުރަތަމަ ޖާނުން ފިދާވެގެން، އެ އިމާރާތުގެ މައި ދޮރާށި ކައިރީގައި ކާރެއް ގޮއްވާލުމަށްފަހު، ބަޑި ހިފައިގެން ތިބި ބަޔަކު ވަނީ އިމާރާތުގެ ތެރެއަށް ވަދެފަ އެވެ.

ސަލަމާތީ ބާރުތަކާއި ދެމެދު ބަދަލުކުރި ހަމަލާތަކުގައި، އެ ހަމަލާގައި ބައިވެރިވި މީހުން މަރުވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. އަދި އެ އިމާރާތުގެ ތެރޭގައި ތާށިވެފައިތިބި 300 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާކަމަށް ވެސް، އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.