ރިޕޯޓް

ކައްކަން ނުވަތަ ނިދަން ގެއަށް ނުދެވިފަތަ؟

Jun 24, 2015

ރޯދަ މަހަކީ މާ ގިނަ ބަޔަކު މާ ބުރަކޮށް އުޅެން ބޭނުންވާ މަހެއް ނޫނެވެ. ގިނަ ދިވެހިން ތިބޭނީ މުޅި ރޭގަނޑު ހޭލާ ތިބެފައި އިރު އަރައިގެން ގޮސް އިރު އޮއްސެން ދެން ނިދާފަ އެވެ. ރޯދަ ވީއްލަން ވެސް ބައެއް މީހުން ތެދުވާނީ ގޭގެ ބަދިގޭގައި އޮންނަ މީހާ ގޮސް ހަޅޭފަޅޭ ޖަހައިގަންނަ ހިސާބުންނެވެ.

އެހެންވީމަ އެކި މީހުންނަށް ރޯދަ މަސް އަންނަ ގޮތް ނުވަތަ އެކި މީހުން މި މާތް މައްސަރުގެ ބޭނުން ހިފާ ގޮތް އެތައް ގޮތަކުން ތަފާތު އެބަވެ އެވެ. ބައެއް މީހުންނަކީ ފަތިސް ނަމާދަށް މިސްކިތަށް އަރާ ގޮތަށް މިސްކިތުން ނުފައިބައި އަޅުކަމުގައި މުޅި ދުވަސް ހޭދަކޮށްލާ މީހުންވެ. ޔަގީނަށް ވެސް އެއީ ބޮޑުވެގެންވާ ނަސީބުވެރިކަން ޔަގީނެވެ.

ކޮންމެ ކޮންމެ މީހަކަށް އެގޮތަށް މުޅި ދުވަހު އަޅުކަމުގައި ނޫޅެވިދާނެ އެވެ. ބައެއް މީހުންނަކީ ހެނދުނު އޮފީހަށް ދާން ޖެހޭ މީހުންނެވެ. އަނެއް ބައި މީހުންނަކީ ބަދިގެ އަށް ބޭނުންވާ ތަކެތި ހޯދަން ބާޒާރަށް ދާން ޖެހޭ މީހުންނެވެ. ދެން މި ތިބެނީ ރޯދަ ވީއްލުމަށް ސުފުރާމަތީގެ ރަހަހެޔޮވަރުކުރުމަށް ވަކި ގަޑިއެއްގައި ބަދިގެ އަށް ވަންނަން ޖެހޭ މީހުންނެވެ.

ނަމަވެސް ރޯދަ މަހު ދިވެހިންގެ މެދުގައި އެންމެ ޑިމާންޑް ބޮޑީ ދެ ކަމަކަށެވެ. އެއީ ކެއްކުމާއި ނިދުމެވެ.

އޮފީހަށް ދާ މީހާ ވެސް މި ހުންނަނީ ކުރުކޮށްފައި އޮންނަ އޮފީސް ގަޑި ވެސް ދުވަހަކަށް ވުރެ ދިގުވެގެން މޫނުކުނިކޮށްލައިގެންނެވެ. ބައެއް މީހުން ބޭނުންވަނީ ކައްކަން އަވަހަށް ބަދިގެ އަށް ވަންނާށެވެ. އަނެއް ބަޔަކު ތިބެނީ ވާތާވެގެން އޮފީހުގެ ގޮނޑި އަށް ނުވަތަ މޭޒު މައްޗަށް ދެމިފަ އެވެ. މިއީ އޮފީސް ނިންމާލާފައި އަވަހަށް ގެއަށް ގޮސް ފެން އެއްޗެއް ބޮލަށް އަޅައިގެން ނިދާލުމަށް ކެތްމަދުވެފައި ތިބޭ މީހުންނެވެ.

"މި ރޯދަ މަހު އަހަންނަކަށް ހަމަ އޮފީހަކަށް ދެވޭ ވަރެއް ނޫން އަސްލު ވެސް. ރޯދަ މަހު މިގޮތަށް ހެނދުނު ހޭލައިގެން އޮފީހަށް އައުމަކީ ވަރަށް ފޫހި ކަމެއް. ހުރެވެނީ އަބަދުވެސް ގަޑި ގުނާލަ ގުނާލަ،" މިއީ އޮފީހެއްގައި ރޯދަ މަހުގެ ގިނަ ވަގުތު ހޭދަން ކުރަން ޖެހި އެކަމަށް ފޫހިވެ، ރުޅިގަދަވެފައިވާ ޒުވާން އަންހެން ކުއްޖަކު ބުނި ވާހަކަ އެކެވެ.

"ބައެއް ދުވަސް ދުވަހު ގެއަށް ގޮސް ކައްކާލުމުގައި ބައިވެރިވެލަން. އެކަމަކު މިއަދަކު ނުވާނެ. މިއީ ވަރަށް ވަރުބަލި ދުވަހެއް،" އެ ކުއްޖާ ބުންޏެވެ.

މިގޮތަށް ވަރަށް ގިނަ މީހުންނަށް ރޯދައާ އެކު ވާތާވެގެން އޮފީހަށް ދެމިފައި ތިބޭ މީހުންނެވެ.

"އަހަރެން ހިތަށް އަރާ މުޅި ރޯދަ މަހު އެކުގައި ނިދާލެވޭނެ ނަމައޭ. އެކަމަކު ރޯދަ މަހަކީ ހަގީގަތުގައި އަޅުކަމެއްތާ. އެކަމަކު ވެސް ހަމަ ބުނެވޭނީ އަޅުކަމުގައި އުޅެވޭ ވަރަށް ވުރެ ނިދުމުގައި ހޭދަކުރެވޭ ވަގުތު ގިނައޭ،" އޮފީހެއްގައި މަސައްކަތްކުރާ ޒުވާން ފިރިހެން ކުއްޖަކު އެއްބަސްވީ މިހެންނެވެ.

"ރޯދަ މަހު ވާ ގޮތަކީ ހަމަ އެއްގޮތަކަށް ވެސް މަސައްކަތްކުރާ މޫޑް ނާންނަނީ. ހާއްސަކޮށް ރޯދަ އަށް ހުންނަ ގަޑީގައި މަސައްކަތެއް ކުރަން ޖެހުމަކީ ފޫހިވާ ކަމެއް،" ސަރުކާރުގެ އޮފީހެއްގައި މަސައްކަތްކުރާ އެހެން މީހަކު ބުނީ މިހެންނެވެ.

ރޯދަ މަހު މަސައްކަތަށް ފަރުވާ ކުޑަކުރުމާއި މަސައްކަތްކުރާ ހިތްނުވުމަކީ ވަރަށް ގިނަ އޮފީސްތަކުގައި ވެސް މައްސަލައަކަށް ވެފައި އޮންނަ ކަމެކެވެ. އަދި ރޯދަ އަށް ތިބެ މަސައްކަތުގެ މާހައުލުގައި ނުވަތަ ހިދުމަތުގެ މުއާމަލާތްތަކުގައި ހެދޭ ގޯސްތައް ވެސް އެހެން މަސް މަހަށް ވުރެ ގިނަ ކަމަށް ފާހަގަކޮށްލެވެ އެވެ.

އެގޮތުން ފިހާރަތަކާއި ފެރީ ޓާމިނަލް ފަދަ ތަންތަނުގައި ކޭޝިއަރުންނަށް ތިބޭ ފަރާތްތަކަށް އެމީހުންގެ ދުވަހުގެ މުއާމަލާތްތަކުގައި ގޯސް ހެދޭ ފަހަރުތައް އަންނަކަން ފާހަގަކޮށްލެވެ އެވެ. ނަމަވެސް އެއީ ރޯދަ އަށް ހުރުމުގެ ސަބަބުން ހެދޭ ގޯހެއް ކަމަށް ގަބޫލުކޮށް "ތިޔަ ހުރީ މާ ގަދަ އަށް ރޯދަ ހިފައިގެންނޭ" ކިޔާފައި އެ މައްސަލައެއް އެންމެން ވެސް ނިންމާލަނީ އެވެ.

ކޮންމެއަކަސް މިހުރިހައި މައްސަލަތަކެއްގެ ތެރެއިން ރޯދަ މަހު ހުރިހައި އެންމެންގެ ހިތް ވެސް އެދިގޮވަނީ މަސައްކަތުން ސަލާމަތްވާނެ އިރަކަށާއި އަރާމު ނިންޖަކަށް ވެއްޓިގަނެވޭނެ އިރަކަށެވެ.

"އަހަރެން ހުންނަނީ ހަމަ އޮފީސް ނުނިމިގެން. ނިމޭ އިރަށް ގެއަށް ގޮސް ފެން ތަޅާލައިގެން އެނދަށް އަރައި ނިދަނީ،" މި ޒުވާނާ ކިޔައިދިން ފަދައިން މިއީ މި ރޯދަ މަހު ވަރަށް ގިނަ މީހުންގެ ހާލެވެ.