ދުނިޔެ

ސްކިނީ ޖީންސުން މަސްތަކާއި ނާރުތައް ހަލާކުކޮށްލާ: ދިރާސާ

Jun 24, 2015

ފަޔަށް ބާރުކޮށް ހުންނަ ޖީންސް ނުވަތަ ސްކިނީ ޖީންސް ލުމުން ހަށިގަނޑުގެ މަސްތަކާއި ނާރުތަކަށް ސީރިއަސް ގެއްލުންތަކެއް ލިބޭ ކަމުގެ އިންޒާރު ޑޮކްޓަރުން ދީފި އެވެ.

ޖާނަލް އޮފް ނިއުރޮލޮޖީ، ނިއުރޮސާޖަރީ އަދި ސައިކިއެޓްރީގައި އިއްޔެ ޝާއިއުކުރި ދިރާސާއެއްގައި ބުނި ގޮތުގައި އޮސްޓްރޭލިއާގެ 35 އަހަރުގެ އަންހެނަކު ސްކިނީ ޖީންސް ލުމުން ފަލަމަސްގަނޑު ދެ ގުނަ އަށް ދުޅަވުމުގެ ސަބަބުން ޖީންސް ބާލަން ޖެހުނީ ކަފާލައިގެންނެވެ. އެކަން ދިމާވީ، އެ ދިރާސާގައި ބުނި ގޮތުގައި، އުޅޭ ގެ ބަދަލުކުރުމަށް، ކަބަޑުތަކުން ތަކެތި ހުސްކުރުމަށް އެތައް އިރަކު އުޑަފައިން އިށީނދެ އިނުމަށް ފަހު އެވެ. ހަވީރު އަތަށް އަޅާލިއިރު އޭނާގެ ފައި އައްސިވެ، ހިނގަން އުދަނގޫވި ކަމަށް ބުންޏެވެ.

އޮސްޓްރޭލިއާގެ ރޯޔަލް އަޑެލާޑޭ ހޮސްޕިޓަލުގައި އޭނާ ބެއްލެވި ޑޮކްޓަރުން ވިދާޅުވި ގޮތުން އޭނާގެ ފަލަމަސްގަނޑަށް ދިމާވީ ކޮމްޕާޓްމަންޓް ސިންޑްރޯމް ކިޔާ މައްސަލައެކެވެ. އެ މައްސަލަ އެހާ ބޮޑުވީ ސްކްނީ ޖީންސް ލައިގެން އުޅުމުގެ ސަބަބުން ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.

އެ މީހާގެ ފަލަމަސްގަނޑު ދުޅަވެ، އާދަޔާ ހިލާފަށް ރިއްސަން ފެށުމުން ނުހިނގި، ބިންމައްޗަށް ވެއްޓި އެ ތަނުގައި އެތައް ގަޑިއިރެއް ވަންދެން އޮންނަންޖެހެނު ކަމަށް ދިރާސާގައި ބުންޏެވެ. އޭނާގެ ފައިތިލަ އަށް ބަރާބަރަށް ލޭ ދައުރުވަމުން ދިޔަ ނަމަވެސް، ފައިގެ މަސްތައް ބަލިކަށިވެ، ހިއްސު ކެނޑުނު ކަމަށް ވެސް ބުންޏެވެ.

"ފައިގެ ތިރީކޮޅުގައި ޕްރެޝަރު ބޮޑުވާން ފެށުމާ އެކު، އޭނާގެ މަސްތަކާއި ނާރުތަކަށް ގެއްލުން ލިބުނެވެ،" އެ އަންހެން މީހާ އަށް ހިނގަން ފެށުނީ ހަތަރު ދުވަސް ވަންދެން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު ކަމަށް އެ ދިރާސާގައިވެ އެވެ.

ކޮމްޕާޓްމަންޓް ސިންޑްރޯމް އަކީ މަސްގަނޑުގެ ތެރޭގައި ހުންނަ ނާރުތަކުގެ ތެރެ އަށް ލޭ ފޭބުން ނުވަތަ ދުޅަވުމެވެ. އެއީ ވަރަށް ބޮޑަށް ތަދު އިހުސާސްކުރަންޖެހޭ، ބައެއް ފަހަރު ސީރިއަސް ވެސް މައްސަލަ އެކެވެ.

މީގެ އިތުރުން ވެސް، ސްކިނީ ޖީންސް ލުމުގެ ސަބަބުން ފައިގެ ވާގި ނެތުން ފަދަ ކަންކަން ދިމާވުމުގެ މައްސަލަތައް ޑޮކްޓަރުން ވަނީ މީގެ ކުރިން ވެސް ފާހަގަކޮށްފަ އެވެ.