ހަބަރު

އާ ޕާޓީ އުފައްދަން އަދުރޭ ޕީޕީއެމްއިން ވަކިވެއްޖެ

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެ ޕާޓީ އިން ވަކިވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް "އަވަސް"އަށް ވިދާޅުވީ ޕީޕީއެމް އިން ވަކިވުމަށް އެދި އަބްދުއްރަހީމް ހުށަހަޅާފައިވާ ފޯމް ބަލައިގަނެ، އޭނާ މިހާރު ވަކިކޮށްފައިވާ ކަމަށެވެ. އޭނާ އެ ޕާޓީ އިން ވަކިވީ ޕީޕީއެމްގައި ހުރެގެން ޕީޕަލްސް ނޭޝަނަލް ކޮންގްރަސް (ޕީއެންސީ)ގެ ނަމުގައި އާ ޕާޓީއެއް އުފައްދަން އޭނާއަށް ހުށަނޭޅޭނެތީ ކަމަށާއި އެހެންކަމުން ޕީޕީއެމް އިން ވަކިވުމަށް ފަހު އަލުން އެ ފޯމް ހުށަހަޅާފައިވަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަބްދުއްރަހީމް ޕީޕީއެމްއިން ވަކިވި ހިސާބުން ފެށިގެން އޭނާ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުންނާއި ޕާޓީގެ ނައިބު ކަމުން ވެސް އެ ވަކިވީ،" ޝަރީފް ވިދާޅުވި އެވެ.

ޕީޕީއެމްގެ މިހާރުގެ ލީޑާޝިޕުން ނިންމާފައިވަނީ އާ ޕާޓީއެއް އުފައްދައިގެން ކުރިޔަށް ދިޔުމަށެވެ. އެއީ ޕީޕީއެމްގެ ބާރުތައް ހަވާލު ކުރާ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމާ ގުޅިގެން އެ މައްސަލަ ނިމޭނެ ގޮތެއް ނޭނގޭތީ ކަމަށް އެ ޕާޓީގެ މެންބަރުން ވިދާޅުވެ އެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ވިދާޅުވެފައި ވަނީ މުސްތަގުބަލު އޮތީ އާ ޕާޓީއެއް އުފައްދައިގެން ކަމަށެވެ.