ދުނިޔެ

އަފްގާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ހަމަލާ ދިން މީހުން މަރާލި ސިފައިންގެ މީހާ އަށް ފްލެޓެއް

Jun 24, 2015

އަފްގާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ތާލިބާނުން މިދިޔަ ހޯމަ ދުވަހު ދިން ވަރުގަދަ ހަމަލާތައް ނާކާމިޔާބުކޮށްލުމުގައި އެންމެ އިސް ދައުރެއް އަދާކުރި ސިފައިންގެ މީހާ އަށް، އެ ގައުމުގެ ރައީސް އަޝްރަފް ގިލާނީ ފްލެޓެއް ދެއްވައިފި އެވެ.

ގިލާނީ އިއްޔެ ކުރެއްވި ޓުވީޓެއްގައިވާ ގޮތުން އެ ހަމަލާތަކުގައި ބައިވެރިވި ހަތް ހަނގުރާމަވެރިންގެ ތެރެއިން ހަ މީހަކު މަރާލި ސިފައިންގެ މީހާ، ސާޖެންޓް އީސާ ހާންއާ ގިލާނީގެ އޮފީހުގައި އިއްޔެ ވަނީ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ގިލާނީ ވަނީ މުޅިން އާ ފްލެެޓެއްގެ ތަޅުދަނޑި ހަވާލުކުރައްވާފަ އެވެ.

"އޭނާގެ ކެރުމާއި ހިތްވަރަށް ފަހުރުވެރިވަން،" ގިލާނީގެ ޓުވީޓުގައިވެ އެވެ.

ހާން ޓުވިޓާގައި ބުނި ގޮތުގައި އޭނާ އަށް ފުރަތަމަ ފެނުނީ ހަނގުރާމަވެރިން ގާނޫނު ހަދާ މަޖިލީހުގެ އިމާރާތާ ދިމާއަށް ދާ ތަނެވެ. އެ ވަގުތު، ބަލަން ނުހުރެ ބަޑިން ހަމަލާ ދޭން ފެށި ކަމަށް އޭނާ ބުންޏެވެ.

"އެ އެންމެން މަރާލިން،" ހާންގެ ޓުވީޓުގައިވެ އެވެ.

މަރާލާފައިވާ ހަނގުރާމަވެރިންގެ ހަށިތަކުގެ ކައިރީގައި ހާން ހުންނަ މަންޒަރު އަފްގާނިސްތާން ޓީވީން ވެސް އިއްޔެ ވަނީ ދައްކާފަ އެވެ.

ހޯމަ ދުވަހު މެންދުރު ވާން އުޅެނިކޮށް ވެރިރަށް ކާބުލްގައި ތާލިބާނުންގެ ހަތް ހަނގުރާމަވެރިއަކު މި ހަމަލާތައް ދޭން ފަށާފައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ބޭރުގައި ކާރު ބޮމެއް ގޮއްވާލުމަށް ފަހު، އެ އިމާރާތުގެ ޗެމްބަރެއްގެ ތެރެއަށް ވަދެގަނެގެންނެވެ. ފުލުހުން ވަނީ ވަގުތުން ރައްދުގައި ހަމަލާ ދޭން ފަށައި އެ ސަރަހައްދުން މީހުން ހުސްކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ތާލިބާނުން ބުނި ގޮތުގައި މި ހަމަލާ ދިނީ އަފްގާނިސްތާން ސަރުކާރުގެ އާ ދިފާއީ ވަޒީރަށް ރުހުން ދިނުމުގެ މައްސަލަ އަށް ހުރަސް އެޅުމަށެވެ. އެ ހަމަލާ ދިންއިރު، މަޖިލީހުގެ ރިޔާސަތުން ދިޔައީ އާ ޑިފެންސް މިނިސްޓަރު މައްސޫމް ސްޓެނެޒައީ މެންބަރުންނަށް ތައާރަފް ކޮށްދެމުންނެވެ.

މި ހަމަލާތަކުގައި 18 ވަރަކަށް މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބުނު ނަމަވެސް އެއްވެސް މަޖިލިސް މެމްބަރަކަށް ހާނިއްކައެއް ނުވެ އެވެ.

ހަމަލާ ދިން ވަގުތު މަޖިލީހުގެ ޖަލްސާ ޓީވީން ވަގުތުން ދުރަށް ދައްކަމުން ވެސް ދިޔަ އެވެ. ހަމަލާތައް ދޭން ފެށުމާ އެކު މަޖިލިސް ކުރާ ގޭގެ ބިއްލޫރިތައް ތަޅައިގެން ދާ ތަނާއި މަޖިލީހުގެ މެމްބަރުން އެކި ކޮޅުކޮޅަށް ދުވާ ތަން ޓީވީން ވަގުތުން ދެއްކި މަންޒަރުތަކުން ފެނުނެވެ. އަދި ސޯޝަލް މީޑިއާގައި އާއްމުކުރި ހަމަލާތަކުގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެނުނު ގޮތުގައި އެ އިމާރާތުން ދުން އަރަމުން ދިޔައިރު، މީހުން ދިޔައީ ރައްކާތެރިކަން ހޯދުމަށް ކޮޅުކޮޅު މައްޗަށް ދުވަމުންނެވެ.

އަފްގާނިސްތާނުގެ އެކި ކަންކޮޅުތަކުގައި ތާލިބާނުން ދޭ ހަމަލާތައް، ބޭރުގެ ފައުޖުތައް މިދިޔަ އަހަރު ފޭބި ފަހުން ވަނީ ވަރުގަދަކޮށްފަ އެވެ. އެ ގޮތުން، ދެކުނު ބިތުގައި އޮންނަ ހިމަންދު ޕްރޮވިންސްގެ މަރުޖާ އަވަށުގެ މަގެއްގެ މަތީގައި ދިން ބޮމުގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ 12 މީހަކު ވަނީ މިދިޔަ އާދިއްތަ ދުވަހު މަރާލާފަ އެވެ.

އެއާ އެކު، ތާލިބާން ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންދިޔަ އަފްގާނިސްތާނުގެ މުހިއްމު އަވަށެއް ހިފުމަށް އަސްކަރިއްޔާ އިން ވަނީ ވަރުގަދަ އޮޕަރޭޝަނެއް މިދިޔަ އާދިއްތަ ދުވަހު ފަށާފަ އެވެ. ތާލިބާން ހަނގުރާމަވެރިން މިދިޔަ ހަފުތާގައި ހިފާފައިވާ އުތުރުގެ ޗަންދުރަ އަވަށް އޮންނަނީ ކުންދުޒް ސިޓީއާ ވަރަށް ކައިރީގަ އެވެ. ވެރިރަށް ކާބުލް އަށް ދެވޭ މުހިއްމު މަގެއް ކުންދުޒް ސިޓީ ހުރަސްކޮށް އޮވެ އެވެ. އެހެންވެ، ތާލިބާންގެ ބާރުގެ ދަށަށް ޗަންދުރަ އަވަށް ދިއުމަކީ ސަރުކާރަށް ކުރިމަތިވާނެ ބޮޑު ގެއްލުމެކެވެ.

ތާލިބާނުން ދޭ ހަމަލާތައް ވަރުގަދަކޮށް، ބައެއް ހިސާބުތަކަށް ވެރިވެގަނެފައި ވިޔަސް، އަފްގާނިސްތާނުގައި ސުލްހަ ގާއިމްކުރުމަށް އެ ގައުމުގެ އާ ސަރުކާރާއި ތާލިބާނުން ވެސް ވަނީ ދާދި ފަހުން އަލުން މަސައްކަތް ފަށާފަ އެވެ. އެ ގޮތުން، ސަރުކާރުގެ އޮފިޝަލުންތަކަކާއި ތާލިބާނުންގެ ވަފުދެއް މިދިޔަ މަހު ގަތަރުގައި ނުރަސްމީ ވާހަކަތައް ބާއްވާފައިވެ އެވެ.