ދުނިޔެ

ބަދަނާއި ބިސްކޯދު ނުދީގެން ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގައިފި

Jun 24, 2015

އިޓަލީގެ ރޯމް އިން އެމެރިކާގެ ޗިކާގޯ އަށް ދަތުރުކުރަމުން ދިޔަ ފްލައިޓެއްގައި އިން ފަސިންޖަރަކު ކެއުމަށް ބަދަނާއި ބިސްކޯދު ނުދީގެން ހިތްހަމަ ނުޖެހުން ފާޅުކޮށް، ހަމަނުޖެހުން ހިންގަން އުޅުމުން އިމަޖެންސީގައި އިނގިރޭސި ވިލާތުގައި ޖައްސަން ޖެހިއްޖެ އެވެ.

އެމެރިކާގެ ޔުނައިޓެޑް އެއާލައިންސްގެ އެ ފްލައިޓުގައި މިދިޔަ ހޮނިހިރު ދުވަހު ހަމަނުޖެހުން ހިންގަން އުޅުނު އެމެރިކާގެ ކެލިފޯނިއާ އަށް އުފަން ޖެރެމިއާ މާތިއަސް ތެޑޭ، 42، ވަނީ ހައްޔަރުކޮށް މިދިޔަ ހޯމަ ދުވަހު ޝަރީއަތް ފަށާފަ އެވެ. އިނގިރޭސި ވިލާތުގެ ކޮލެރައިން އަވަށުގެ ކޯޓެއްގައި ކުރިއަށްދާ އެ ޝަރީއަތުގައި އޭނާގެ މައްޗަށް ކޮށްފައި ވަނީ މަތިންދާބޯޓުގެ ސަލާމަތަށް ގެއްލުން ދޭން މަސައްކަތް ކުރުމާއި ކެބިން ކްރޫ އަކަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތެވެ.

މި މައްސަލަ ބެއްލެވި އިނގިރޭސި ފުލުހުންގެ ކޮންސްޓަބަލް ވިލިއަމް ރޮބިންސަން ކޯޓުގައި ވިދާޅުވީ ރޯމުން ފްލައިޓް ނައްޓާލިތާ 15 މިނިޓުގެ ތެރޭގައި، ސީޓު ބެލްޓް ނިޝާން ދިއްލިފައި ހުއްޓާ، ތެޑޭ ގޮނޑިން ތެދުވުމުން އަނބުރާ އިށީނުމަށް ފްލައިޓް އެޓެންޑެންޓަކު އޭނާގެ ކިބައިން އެދުނު ކަމަށެވެ. އެކަމަކު، ކެއުމަށް ބަދަނާއި ބިސްކޯދު ދިނުމުން ނޫނީ އިށީންނަން އޭނާ ދެކޮޅު ހެދި ކަމަށް ރޮބިންސަން ވިދާޅުވި އެވެ.

ބަދަނާއި ބިސްކޯދު ގެނެސްދިނުމުން ތެޑޭ ގޮނޑީގައި އިށީނދެ އިނުމަށް ފަހު، އަނެއްކާ ވެސް 10 މިނިޓް ފަހުން ތެދުވެ، އިތުރަށް ބަދަނާއި ބިސްކޯދު ދޭން އޭނާ ޑިމާންޑްކުރަން ފެށި ކަމަށް ރޮބިންސަން ވިދާޅުވި އެވެ. އޭނަ ވިދާޅުވީ އިތުރަށް ބަދަނާއި ބިސްކޯދު ނުދިނުމުން ފްލައިޓް އެޓެންޑެންޓާ ދިމާއަށް ތެޑޭ އަވަގުރާނަ ގޮވައި ހަމަނުޖެހުން ހިންގަން އުޅުނު ކަމަށެވެ.

މީގެ އިތުރުން، ކެބިން ކްރޫންގެ ގަޔަށް އަތްލަން މަސައްކަތްކޮށް، ހޭންޑް ލަގެޖް ލާފައި ހުންނަ ކަބަޑުތަކުން ފޮށިތައް ނަގައި އިރުއިރުކޮޅަކާ ފާހާނާ އަށް ދާން ވެސް ތެޑޭ ފެށި ކަމަށް ދައުލަތުން ޝަރީއަތުގައި ބުންޏެވެ. އޭނާގެ އެ އަަމަލުތަކުގެ ސަބަބުން އެހެން ފަސިންޖަރުންނަށް ވެސް ބިރު ހީވި ކަމަށް ވެސް ބުންޏެވެ.

"އެ ގޮތަަށް އަމަލުކުރީ އޭނާއާ ދެކޮޅަށް ބަޔަކު މަސައްކަތްކޮށް، ޖައްސާލައިގެން އުޅޭ ކަމަށް ހީކުރެވިގެން ކަމަށް ތެޑޭ ތަހުގީގުގައި ބުނެފައިވޭ،" ރޮބިންސަން ވިދާޅުވި އެވެ.

ރޮބިންސަން ވިދާޅުވީ ފްލައިޓްގެ މިސްރާބު ބަދަލުކޮށް، އިނގިރޭސި ވިލާތުގެ ބެލްފަސްޓުގެ ބައިނަލްއަގުވާމީ އެއާޕޯޓުގައި އިމަޖެންސީގައި ޖެއްސުމަށް ޕައިލެޓުން ނިންމީ، ތެޑޭގެ އަމަލުތައް ހުރި ގޮތުން ބިރު ހީވެފައި ތިބި ކެބިން ކްރޫން އެކަން ބޯޓުގެ ކެޕްޓަންގެ ސަމާލުކަމަަށް ގެނައުމުންނެވެ.

ޔުނައިޓެޑް އެއާލައިނުން ބުނި ގޮތުގައި ބެލްފަސްޓުގައި އިމަޖެންސީގައި ޖައްސަން ޖެހުމުގެ ސަބަބުން 50،000 ލީޓަރުގެ ތެޔޮ ބޭކާރުވި އެވެ. އެހެންވެ، އެ ގެއްލުމުގެ ބަދަލު 350،000 ޕައުންޑަށް އަރާނެ ކަމަށް އެ އެއާލައިނުން އަންދާޒާކުރެ އެވެ.