ދުނިޔެ

ފްރާންސްގެ ރައީސުންނަށް އެމެރިކާ އިން ޖާސޫސްކުރި: ވިކިލީކްސް

Jun 24, 2015

ފްރާންސްގެ މިހާރުގެ ރައީސް ފްރާންސުވާ އޮލާންޑާ އާއި ކުރީގެ ދެ ރައީސުންނަށް އެމެރިކާ އިން 2006 އިން 2012އާ ދެމެދު ޖާސޫސް ކުރިކަން ފަޅާާއަރައިފި އެވެ.

ސިއްރުތައް ފަޅާއަރުވާލާ ވެބްސައިޓް، ވިކިލީކްސް އިން މިއަދު އާއްމުކުރަން ފެށި އާ ސިއްރު ލިއެކިއުންތަކެއްގައި ބުނި ގޮތުގައި އެމެރިކާގެ ނެޝެނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) އިން ވަނީ ފްރާންސްގެ މިހާރުގެ ރައީސް ފްރާންސުވާ އޮލާންޑާ އާއި ކުރީގެ ދެ ރައީސުން ކަމަށްވާ ނިކޮލަސް ސަރުކޯޒީ އަދި ޖެކީސް ޝިރާކުގެ ފޯން ކޯލުތައް އަޑުއަހާފަ އެވެ. އޭގެ އިތުރުން، ފްރާންސްގެ ކެބިނެޓް މިނިސްޓަރުންނާއި އެކި ގައުމުތަކަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނަށް ވެސް އެ މުއްދަތުގެ ތެރޭގައި ޖާސޫސްކޮށްފައިވާ ކަމަށް އެ ވެބްސައިޓުން ބުންޏެވެ.

ވިކިލީކްސް އިން ވަނީ އެންއެސްއޭ އިން އެއްކުރި ފޯން ކޯލްތަކެއް ކަމަށް ބުނާ ކޯލްތަކެއްގެ މައުލޫމާތު ހިމެނޭ ފައިލްތަކެއް އާއްމުކޮށްފަ އެވެ. އެ ގޮތުން، 2012ގެ ތާރީހު ހިމެނޭ ފައިލެއްގައިވާ ގޮތުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގްރީސް ވަކިވުމުގެ ބިރާ ގުޅޭ ގޮތުން ރައީސް އޮލާންޑާ މަޝްވަރާކުރެއްވި އެވެ. އަދި 2011ގެ ތާރީހު ޖަހާފައިވާ އެހެން ފައިލެއްގައި، އެމެރިކާއާ ނުލާ ވެސް ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދަން ފްރާންސްގެ އޭރުގެ ރައީސް ސަރްކޯޒީ ބޭނުންވެވަޑައިގެންނެވިކަން ހާމަވެ އެވެ.

"އެސްޕަޔޮނާޖް އެލީސީ"ގެ ނަމުގައި އާއްމުކުރަން ފެށި ފައިލްތަކާ އެކު ވިކިލީކްސް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ ސިއްރު ޖާސޫސީ މައުލޫމާތާއި ފަންނީ ލިއެކިއުންތަކެވެ. އެ ފައިލްތައް އެކުލަވާލާފައި ވަނީ، ވިކިލީކްސް އިން ބުނި ގޮތުގައި، އެ ބޭފުޅުން ސީދާ ކުރައްވާފައިވާ ފޯން ކޯލްތަކާއި އެ ނޫން ވެސް މުއާސަލާތީ ގުޅުންތަކަށް އެންއެސްއޭ އިން ސީދާ ފާރަލައިގެންނެވެ.

މި ފައިލްތައް ފްރާންސްގެ ބައެއް ނޫސްތަކާއި ވެބްސައިޓުތަކުން ވެސް ވަނީ ޝާއިއުކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން ވަކި އެއްޗެކޭ ބުނަން އެމެރިކާ ސަރުކާރުން ވަނީ އަދި ދެކޮޅު ހަދާފަ އެވެ.

އެހެން ނަމަވެސް، ރައީސް އޮލާންޑާގެ އަރިސް ބޭފުޅަކު އޭއެފްޕީ ނޫސް އެޖެންސީ އަށް ވިދާޅުވި ގޮތުގައި މި ކަމާ ގުޅިގެން ފްރާންސްގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވުމަށް އޮލާންޑާ ގެންދަވަނީ ތައްޔާރުވެވަޑައިގަންވަމުންނެވެ.

އެންއެސްއޭގެ ސިއްރު ލިއެކިއުންތަކެއް، އެ ތަނުގައި ކުރިން މަސައްކަތް ކުރި އެޑްވަޑް ސްނޯޑަން ވެސް މީގެ ކުރިން ލީކުކޮށްލާފައިވެ އެވެ. އެކަމަކު ވިކިލީކްސް އިން މިހާރު އާއްމުކުރަމުންދާ މި ލިއެކިއުންތަކާ އޭނާއާ ގުޅުން ހުރި ކަމެއް އަދި ސާފެއް ނުވެ އެވެ.

ސްނޯޑަން 2013 ގައި އާއްމުކުރި ބައެއް ލިއެކިއުންތަކުން ހާމަވި ގޮތުގައި އެންއެސްއޭ އިން ވަނީ ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލްގެ ފޯން ކޯލްތައް ވަގަށް އަޑުއަހާފަ އެވެ. އެކަން ފަޅާއެރުމާ އެކު އެމެރިކާ އާއި ޖަރުމަނާ ދެމެދު އޮންނަ ގުޅުމަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ. އެހެން ނަމަވެސް، މާކެލްގެ ފޯން ކޯލްތައް އަޑުއެހި މައްސަލައިގައި ޖަރުމަނުން ކުރަމުން އައި ތަހުގީގު ވަނީ މި މަހުގެ ކުރީކޮޅު ހުއްޓާލާފަ އެވެ. އެ ގޮތަށް ނިންމީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.

ސްނޯޑަން ފަހުން އާއްމުކުރި ލިއެކިއުންތަކުން އެނގޭ ގޮތުގައި އެމެރިކާ އިން އެދިގެން ޖަރުމަނުގެ ޖާސޫސީ އިދާރާ އިން ވަނީ އީޔޫގެ އެކި ގައުމުތަކުގެ ވެރިންގެ ކޯލްތައް އަޑުއަހާފަ އެެވެ.

އެމެރިކާ އިން އޭރު ބުނެފައި ވަނީ މާކެލްގެ ފޯން ކޯލްތައް މިހާރު އަޑުއަހަމުން ނުދާ ކަމަށެވެ.

މީގެ އިތުރުން، އެންއެސްއޭ އިން ބްރެޒިލްގެ މިހާރު ރައީސް ދިލްމާ ރޫސޮފް އާއި ކުރީގެ ރައީސް އެންރީކޭ ޕީނާ ނިއީޓޯ އަށް ވެސް ޖާސޫސްކުރި ކަމަށް ބްރެޒިލްގެ މީޑިއާ އިން މިދިޔަ އަހަރު ރިޕޯޓުކުރި އެވެ. އެކަމާ ގުޅިގެން ބްރެޒިލް ސަރުކާރުން ފުރަތަމަކޮޅު ވަރަށް ބޮޑަށް ރުޅި އަޔަސް، ފަހުން ވަނީ އެ ކަމުގައި އެމެރިކާގެ މިހާރުގެ ސަރުކާރު ޒިންމާވާން ނުޖެހޭ ކަމަށް ބުނެ، އެކަން އޮއްބާލާފަ އެވެ.