ހަބަރު

ދިރިއުޅެން ތަންތަން ކުއްޔަށް ދިނުމާބެހޭ ގާނޫނެއް ހަދަނީ

ހިޔާވަހިކަމަށް އިމާރާތް ކުއްޔަށް ދިނުމާބެހޭ ގާނޫނެއް ހެދުމަށް ނިންމާފައިވާ ކަމަށް ހައުސިން އެންޑް އާބަން މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ގާނޫނު ޑްރާފްޓްކޮށް ދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ.

ގާނޫނާ ބެހޭ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

މާލޭގައި އިމާރާތްތަކުގެ ކުލި ބޮޑުވަމުން ދިޔުމަކީ ބޮޑު މައްސަލައެކެވެ. އެކަމަށް ހާއްސަ ގާނޫނެއް ނެތުމުން އަމަލު ކުރަމުން ދަނީ އުސޫލެއް ނެތި އެވެ.

ރައްޔިތުންނަށް ފަސޭހައިން ބޯހިޔާވެހިކަން ލިބޭނެ ގޮތްތައް ހޯދައިދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެމަނިކުފާނު ވަނީ އެކަމަށް މަގުފަހިކުރުމަށް ގާނޫނުތައް ވެސް ހައްދަވާނެ ކަމަށް ކެމްޕެއިންގައި ވިދާޅުވެފަ އެވެ.