ހަބަރު

ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް: އެމްޑީޕީ

Jun 24, 2015
1

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ތާއީދު ކުރަނީ އެއީ މިވަގުތަށް ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ވާތީ ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.

އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަންކަން ކުރެއްވި މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ތަޖުރިބާއަށ ބަލާއިރު، ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. އަދި ގާނޫނު އަސާސީއަށް ވަކިވަކިން އިސްލާހު ގެނައުމަށް އެ ޕާޓީ އިން ތާއީދު ނުކުރި ނަމަވެސް، މިހާރު ގާނޫނު އަސާސީއަށް ގެންނަ އިސްލާހު ފާސްކުރަން ވޯޓު ދީގެން ގައުމަށާއި އެމްޑީޕީގެ ކުރިމަގަށް އަދި އެ ޕާޓީގެ މެންބަރުންނަށް ލިބެން އޮތް ފައިދާ މާ ބޮޑު ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. މާރިޔާ ވިދާޅުވި ގޮތުގައި އެ އިސްލާހު ފާސްވުމުގެ ސަބަބުން އެމްޑީޕީ އިން ޑިމޮކްރަސީއަށް ޓަކައި ކުރަމުން އަންނަ މަސައްކަތަށް ލިބޭނެ ބާރަކަށް ވާނެ އެވެ.

"މި ޕާޓީއަކީ ދޫދެން ޖެހޭ ވަގުތު ދޫދީގެން ކުރިއަށް ދާ ޕާޓީއެއް. ސަރުކާރަށް އިތުބާރު ނުކުރެވުނު ނަމަވެސް މިކަމުގައި އަޅުގަނޑުމެން ދޫ މިދެނީ މިކަމުން ރާއްޖެ އަށާއި މި ޑިމޮކްރަސީއަށް ކުރާ މަސައްކަތަށް އަދި އަޅުގަނޑުމެންގެ އިހުލާސްތެރި މެންބަރުންނަށް ވާން އޮތް ފައިދާ ބޮޑުވީމާ. މި އިސްލާހަށް ތާއީދުކޮށްގެން ގެއްލުމަށް ވުރެ ލިބެން އޮތް ފައިދާ ބޮޑުވީމާ،" މާރިޔާ ވިދާޅުވި އެވެ.

އެ އިސްލާހަށް އެންމެ ބޮޑަށް ދެކޮޅު ހެއްދެވި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތޔާޒް ފަހުމީ ވިދާޅުވީ، އެ ބިލަށް ވޯޓުލައިގެން އެމްޑީޕީއަށް ލިބޭނެ ގެއްލުމެއް އަދި މި ގައުމަށް ވެސް ގެއްލުމެއް ލިބޭނެ ކަމަށް ނުފެންނަ ކަމަށެވެ. އަދި އެ އިސްލާހުގެ މަގުސަދަކީ ނައިބު ރައީސްކަމަށް ރައީސް އަށް އިތުބާރު ކުރެވޭ ބޭފުޅަކު ގެނައުން ކަމަށްވާ އިރު، ނައިބު ރައީސް އަކަށް ވަކި މީހަކު އައުމުން މި ގައުމަކަށް ކުރާނެ އަސަރެއް ނެތް ކަމަށް އިންތި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނައިބު ރައީސްއަކީ ރާއްޖޭގެ ގާނޫނު އަސާސީ އޮތް ގޮތުން ބާރެއް އޮންނަ މީހެއް ނޫން ކަމަށެވެ. އަދި އެހެން ވީމާ މި އިސްލާހަކީ ސަރުކާރުގެ ތެރޭގައި އޮތް މައްސަލައެއް ހައްލު ކުރަން ގެންނަ އިސްލާހަކަށް ވާނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

"މިއީ ރައްޔިތުންނާ ދެމެދު އޮތް މައްސަލައެއް ނޫން. މިއީ ސަރުކާރުގެ ތެރޭގައި އޮތް ކަމެއް. ކޮންމެ ނިޔަތެއްގައި މިކަން ކުރިއަސް ތަޖުރިބާއަށް ބަލައި މިއީ ގެންނަން ނުޖެހޭ އިސްލާހެއް ނޫން ކަމަށް ނުބުނެވޭނެ. އެހެން ވީމާ އަޅުގަނޑުމެންގެ ކުރިމަގަށް އެންމެ ރަނގަޅު ގޮތަށް ޕާޓީގެ ގުނަންތަކުން ވިސްނާފައި ނެގި ރަނގަޅު ނިންމުމެއްމިއީ،" އިންތި ވިދާޅުވި އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނަ އެ އިސްލާހަށް ތާއީދު ކުރަން އެމްޑީޕީ އިން ނިންމީ އެއީ ރަނގަޅު އިސްލާހަކަށް ވާތީ ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން ރާއްޖޭގެ ކުރިމަގަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ދެކޭ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އެ ބިލަށް ތާއީދުކޮށްގެން އެމްޑީޕީ އަށާއި ރާއްޖެއަށް ލިބެން އޮތް ރަނގަޅު މާ ބޮޑު ކަމަށް ވެސް އިބޫ ވެސް ވިދާޅުވި އެވެ.

"މިޕާޓީގެ ހުރިހާ މެންބަރުން ވެސް މި ނިންމުމަށް އިހުތިރާމް ކުރައްވައި އެގޮތަށް ވޯޓު ދޭނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން. މިއީ ވަރަށް ފުޅާކޮށް މަޝްވަރާކޮށް ކުރިމަކަށް އޮތް ފައިދާތައް ބޮޑުކަމުން އަޅުގަނޑުމެން ކުރާ ކަމެއް،" އިބޫ ވިދާޅުވި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ) އިސްލާހުކޮށް ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރު ކަމަށް ހަމަޖެއްސުމަށް ވޯޓަށް އެހުން މިއަދުގެ ޖަލްސާގައި އޮންނާނެ ކަމަށް ބެލެވެ އެވެ.