އެޓްލާންޓާއިން ލީޑް ނަގާފައި ވަނިކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް ބަލިވިޔަ ނުދީ ސަލާމަތް ކޮށްދީފި އެވެ.
މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. ސާމީ ކެދީރާގެ ބަދަލުގައި ރޮނާލްޑޯ ކުޅެން ނިކުތީ މެޗުގެ 65 ވަނަ މިނެޓްގަ އެވެ. އޭރު އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ އެޓްލާންޓާ އޮތީ 2-1 ން ކުރީގަ އެވެ. ރޮނާލްޑޯ ލަނޑު ޖެހީ މެޗުގެ 78 ވަނަ މިނެޓްގައި، ޔުވެންޓަސްއިން ނެގި ކޯނަރު، މާރިއޯ މަންޒޫކިޗް ބޮލުން ގޯލް ކުރިމައްޗަށް ވާގޮތަށް ފޮނުވާލުމުން ގޯލްގެ ކުރިމަތީގައި ހުރެފައި ރޮނާލްޑޯ ބޮލުން ފޮނުވާލި ލަނޑުނެވެ.
ރެއާލް މެޑްރިޑް ދޫކޮށް، ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވި ފަހުން، އިޓާލިއަން ލީގްގައި ޔުވެންޓަސްގެ ފުރަތަމަ 11 ގައި އޭނާ ނުކުޅޭ ހަމައެކަނި މެޗަކީ މިއަދުގެ މެޗެވެ. މިއަދުގެ މެޗުގައި ޖެހި ލަނޑަކީ މިއީ މި ސީޒަންގައި ލީގްގައި ރޮނާލްޑޯ ކާމިޔާބު ކުރި 12 ވަނަ ލަނޑެވެ.
މެޗުގެ އެންމެ ފަހު ވަގުތުގައި، ލިއޮނާޑޯ ބަނޫޗީ ވަނީ އެޓްލާންޓާގެ ގޯލްގެ ތެރެއަށް ބޯޅަ އޮއްސާލާފަ އެވެ. އެއީ ގޯލެއް ކަމަށް ބަލައި ޔުވެންޓަސްއިން އުފާ ފާޅުވެސް ކުރި އެވެ. އެހެންނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ވެފައިވާ ކަމަށެވެ.
މެޗުގައި، ފުރަތަމަ ލީޑް ނެގީ ޔުވެސްޓަސްއިންނެވެ. އެ ޓީމުގެ އެލެކްސް ސެންޑްރޯ ފޮނުވާލި ބޯޅަ އެޓްލާންޓާގެ ގޯލްގެ ތެރެއަށް ވަނީ އެ ޓީމުގެ ޑިފެންޑަރު ބަރާޓް ކިމްޝިޓީ ގައިގައި ޖެހިފައި މިސްބު ބަދަލުވެގެން ބައިކޮޅަށެވެ. އެޓްލާންޓާގެ ދެ ލަނޑުވެސް ކާމިޔާބު ކުރި ދުވަން ޒަޕާޓާ އެވެ.
މެޗުގެ 53 ވަނަ މިނެޓްގައި، ޔުވެންޓަސްގެ ރޮޑްރިގޯ ބެންޓަންކޫރާ، ކުރި ޓެކްލަކާ ގުޅިގެން ދެ ވަނަ ރީނދޫ ކާޑަކާއެކު އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. ޔޫރަޕްގެ ގަދަ ފަސް ލީގްގެ ތެރެއިން ލީގްގައި ބަލި ނުވާ ތިން ޓީމުގެ ތެރޭގައި ޔުވެންޓަސް ހިމެނެ އެވެ. ދެން ހިމެނެނީ އިންގްލެންޑްގެ ލިވަޕޫލް އާއި ފްރާންސްގެ ޕީއެސްޖީ އެވެ. ޔުެވްޓަސް އެއް ވަނައިގައި އޮތީ ނުވަ ޕއޮިންޓްގެ ލީޑަކާ އެކު އެވެ.