ބޮލީވުޑް

"މަނީކަރްނިކާ ބެލުމުން މީހުންގެ އަނގަ ބަންދުވާނެ"

ވޭތުވެދިޔަ ދެ އަހަރުވަންދެން ބަތަލާ ކަންގަނާ ރަނާއުޓު މަސައްކަތް ކުރަމުން އައި ފިލްމު "މަނީކަރްނިކާ"ގެ ދެ ޓްރެއިލާ މިހާރު ރިލީޒް ކޮށްފައިވާއިރު، ޓީޒާއަށް ބެލުމަށްފަހު މީހުން ދަނީ ފާޑު ކިޔަމުންނެވެ. އެހެން ނަމަވެސް މި ފިލްމު ބެލުމަށްފަހު ފާޑު ކިޔާމީހުންގެ އަނގަ ބަންދުވާނެ ކަމަށް އޭނާ ބުނެ އެވެ. ފިލްމު ކްއީން އާއި ފެޝަންއިން ފެނުނު ކަންގަނާ ވަނީ އޭނާގެ ހުނަރަށް ފާޑުކިޔާ މީހުންނަށް ވަރުގަދަ ރައްދެއް ދީފަ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "އައިއޭއެންއެސް"ގެ ނޫސްވެރިއަކު އެހި ސުވާލަކަށް ޖަވާބުދެމުން ކަންގަނާ ބުނެފައިވަނީ "ފިލްމު ނުބަލާ އަހަންނާއި މި ފިލްމަށް ފާޑުކިޔާ މީހުން ފމި ލްމު ބެލުމަށްފަހު އިތުރު އެއްޗެއް ނުބުނެވި އަނގަ ބަންދުވާނެ" ކަމަށެވެ.

ފިލްމުގެ މައި ރޯލަށް ކަންގަނާ ނެގުމުން ސޯޝަލް މީޑިއާގައި ކުރިންވެސް ދިޔައީ ފާޑު ކިޔަމުންނެވެ. އަދި ފިލްމުގެ ޓްރެއިލާ ނެރުމުން ފާޑުކިޔުންތައް އިތުރުވެ ކަންގަނާގެ އެކްޓިން އަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހޫނު ބަހުސްތައް ވަނީ ކޮށްފަ އެވެ.

އަންނަ މަހުގެ 25 ގައި ރިލީޒް ކުރާ މި ފިލްމުގައި ކަންގަނާގެ އިތުރުން، ޒީޓީވީއިން މަޝްހޫރުކަން ހޯދި އަންކިތާ ލޮކާންޑޭ ވެސް ފެނިގެން ދާނެ އެވެ. މި ފިލްމަކީ އިނގިރޭސިންގެ އަތްމަތިން އިންޑިއާ ސަލާމަތް ކުރަން ރާނީ ލަކްސްމީ ބާއީ (ކަންގަނާ) ޖެހިލުމެއްނެތި ކުރާ ހަނގުރާމަ ދައްކުވައިދޭ ފިލްމެކެވެ.

މިއީ ބޮލީވުޑްގައި އެންމެ ހަރަދު ބޮޑުކޮށް އުފައްދާ އެއް ފިލުމެވެ. ފިލްމުގެ ރާނީ ކަންގަނާއަށް، ބޮލީވުޑްގައި ފިލްމަކަށް އެންމެ ހަރަދުކުރި ބަތަލާގެ ޝަރަފު ވެސް ވަނީ ލިބިފަ އެވެ.