ވިޔަފާރި

ކަރާ ކިލޯއެއްގެ އަގު 20ރ. ގައި "ހަރު ވެއްޖެ"

Jun 24, 2015

ރޯދަ މަސް ފެށުނުއިރު، އަގު މަތީގައި ހުރި ކަރާ ކިލޯއެއްގެ އަގު 20ރ. އަށް ތިރިވުމަށްފަހު، އެ އަގުގައި "ހަރުވެއްޖެ އެވެ."

މާރުކޭޓުގައި ކަރާގެ އަގު މިހާރު ހުރި ގޮތަށް ބަލާއިރު، ގިނަ ގޮޅިތަކުން ކަރާ ކިލޯއެއް ލިބެން ހުރީ 20ރ. އަށެވެ. ނަމަވެސް މި ބާވަތުގެ އަގު ރޯދަ މަސް ފެށުނުއިރު ހުރީ 30ރ. އާއި 25ރ. އާ ދެމެދުގެ އަދަދަކަށެވެ. އަދި މިއީ ކަރާގެ އަގު ބަދަލު ނައިސް 20ރ. އަށް ހުންނަވާ ތިންވަނައަށް ވީ ދުވަހެ އެވެ.

ކަރާ ވިއްކާ މީހުން ބުނާ ގޮތުގައި ކަރާގެ އަގު އެއް އަގެއްގައި ހިފެއްޓިފައިވީ ނަމަވެސް ރޯދަ މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ކަރާގެ އަގު ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

"ކޮންމެ އަހަރަކު ވެސް ކަރާގެ އަގު ރޯދަ މަހުގެ ކުރީކޮޅު ހުންނާނީ މިކަހަލަ ގޮތަކަށް. އެކަމަކު އަގު ފަހުން އަގުތައް ދަށަށް ދޭ. އެގޮތަށް މި އަހަރު ވެސް އަގުތައް ދާނީ ދަށްވަމުން،" ކަރާ ވިއްކަން ކޮޅިއެއްގައި ހުރި މީހަކު ބުންޏެވެ.

ކަރާ ކިލޯއެއްގެ އަގު މިހާރު 20ރ. އަށް ހުރިނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތުގައި ކަރާ ކިލޯއެއްގެ އަގު ހުރީ 15ރ. ގަ އެވެ.