ދުނިޔެ

އަފްޣާނުގެ ރިޔާސީ އިންތިހާބު ފަސްކޮށްފި

Dec 27, 2018

ކާބުލް (ޑިސެމްބަރު 26) - އަފްގާނިސްތާނުގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ތިން މަސް ދުވަސް ފަސްކުރަން ނިންމާފައިވާކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހަށް ތާވަލްކޮށްފައިވާ އިންތިހާބު، ޖުލައި މަހުގެ މެދުތެރެއަށް ނޫނީ އޯގަސްޓް މަހުގެ ކުރީކޮޅަށް ފަސްކުރިކަން މިއަދުގެ ވަގުތެއްގައި ރަސްމީކޮށް އިއުލާނު ކުރާނެކަމަށް ބެލެވެ އެވެ.

އިންތިހާބު ފަސްކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި، ވާދަކުރާ ގިނަ ކެންޑިޑޭޓުންނަށް ރަޖިސްޓްރީވުމުގައި ދިމާވަމުންދާ ދަތިތަކުގެ އިތުރުން، އޭޕްރީލް މަހު އެ ގައުމުގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވުން ހިމެނެ އެވެ.

މި ނިންމުން ނިންމާފައިވަނީ، އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިން ބާލަން އެމެރިކާ ސަރުކާރުން ނިންމާފައިވާ ދަޑިވަޅެއްގަ އެވެ. އެ ގައުމުގައި މިހާރު ތިބި 7،000 އެއްހާ އެމެރިކާ ސިފައިން ކުރިއަށް އޮތް މަދު މަސްކޮޅެއްގެ ތެރޭގައި ފައިބާނެކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އިންތިހާބު ފަސްކުރަން ނިންމާފައިވާއިރު، އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދާ ދީނީ ހަރުކަށި ޖަމާއަތްތަކުން ދަނީ ސަރުކާރާއި ދެކޮޅަށް އެކިއެކި ހަމަލާތައް ދެމުންނެވެ.

މިދިޔަ ހޯމަ ދުވަހު އަފްގާނިސްތާނު ސަރުކާރުގެ އިމާރާތަކަށް ޖާނުން ފިދާ ވެގެންނާއި ބަޑީގެ ހަމަލާތަކެއްގައި 43 މީހަކު ވަނީ މަރުވެފަ އެވެ.

ބޮން ގޮއްވުމާއި ހަމަނުޖެހުމުގެ ތެރޭގައި މިދިޔަ އޮކްޓޯބަރު މަހު ބޭއްވުނު މަޖިލީސް އިންތިހާބުގެ ދާއިމީ ނަތީޖާ އަދިވެސް އިއުލާނުކޮށްފައެއް ނުވެ އެވެ.